ރައީސް ޔާމީން ޢަބްދުލްޤައްޔޫމް
ރައީސް ޔާމީން ޢަބްދުލްޤައްޔޫމް
ވެންޓިލޭޓަރު ވައްކަމުގެ ފައިސާވީ ސިޔާސީ އިސްބޭފުޅެއްގެ ދަރިފުޅުގެ އެކައުންޓުގައި ކަމަށް ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވެފައިވާއިރު، ކޮވިޑު-19 ގެ ތެރޭގައި ހެލްތު މިނިސްޓްރީން ގެންނަން މަސައްކަތްކުރި ވެންޓިލޭޓަރުތައް ގަންނަން 2020 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 2 ވަނަ ދުވަހު ހަވާލުކުރި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އިން ދިވެހި ސަރުކާރަށް 37 މިލިއަން ރުފިޔާ ދެއްކުމަށް ދުބާއީގެ ކޯޓަކުން މިމަހުގެ 8 ވަނަ ދުވަހު ވަނީ އަމުރު ކޮށްފައެވެ.

އެކަމާ ގުޅިގެން ޕީއެންއެފްގެ ޖަލްސާއެއްގައި ރައީސް ޔާމީން ވިދާޅުވީ ދުބާއީ ކޯޓުގެ ޙުކުމާ ގުޅިގެން ކުރީ ސަރުކާރުން އެކަން ކޮށްފައިވަނީ ރަނގަޅަށްކަން ދެއްކުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށާއި، ނަމަވެސް އެފައިސާއަށް ވީގޮތަކާމެދު އެއްވެސް ބަޔަކު ވާހަކަ ނުދައްކާ ކަމަށެވެ. އަދި އެފައިސާ ޓްރޭސް ކޮށްފިނަމަ ފައިސާ ޖަމާވި އެކައުންޓް އެނގޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"އެފައިސާ މިދަންނަވާ ބްރޯކަރު ކުންފުންޏަށް ލިބުނީމައި، އެފައިސާގެ ބޮޑުބައި އަޅުގަނޑު ބުނިން ފައިސާގެ ބޮޑުބައި ފޮނުވީ ރާއްޖޭގެ ވަރަށް ޕްރޮމިނެންޓް ސިޔާސީ ލީޑަރެއްގެ ދަރިފުޅުގެ ސިލޯނުގައި އޮންނަ އެކައުންޓަކަށް ޖަމާވީ." ރައީސް ޔާމީން ވިދާޅުވިއެވެ.

އޭގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ ކޮވިޑްގައި ނޭވާހޮޅިން ވައްކަންކުރި ކަމަށް ވިދާޅުވަނީ، އެކުންފުނީގެ ކެޕޭސިޓީއަށް ނުބަލައި އެޑްވާންސްކޮށް އެހާގިނަ ޢަދަދެއްގެ ފައިސާ އެއްފަހަރާ ދޫކޮށްފައިވާތީ ކަމަށެވެ. އަދި މިހާރުވެސް ވަގުން ދަނީ އިތުރަށް ވައްކަން ކުރަމުން ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ކޮވިޑް-19ގެ ތެރޭގައި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން ރާއްޖެ ގެންނަން ނިންމި ވެންޓިލޭޓަރުތައް ރާއްޖެއަށް ފޯރުކޮށްނުދިން މައްސަލާގައި އެ ކުންފުނިން 34.62 މިލިއަން ރުފިޔާގެ ބަދަލެއް ދިނުމަށް އާބިޓްރޭޝަނުން އަންގާފައި ވަނީ 2024 ފެބްރުއަރީ 26 ގައެވެ. އަދި އެފައިސާ ހޯދުމަށް ދުބާއީގެ ކޯޓަށް ހުށަހެޅީ މިދިޔަ އަހަރުގެ މާޗު މަހުއެވެ.

އެ މައްސަލާގައި، އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އިން ދިވެހި ސަރުކާރަށް 37 މިލިއަން ރުފިޔާ ދެއްކުމަށް ދުބާއީގެ ކޯޓުން އަމުރުކުރީ އޮކްޓޯބަރ 8ގައެވެ. އެޓާނީ ޖެނެރަލް (އޭޖީ) އަހުމަދު އުޝާމް ވިދާޅުވީ، ކޯޓު އަމުރުގައި ބުނާގޮތުން، އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންއިން ދިވެހި ލައުލަތަށް ދައްކަންޖެހޭ 8.9 މިލިއަން ދިރުހަމް (37 މިލިއަން ރުފިޔާ)، އަންގާރަ ދުވަހުން ފެށިގެން ކުރިޔަށް އޮތް ހަތް ދުވަހުގެ ތެރޭގައި ދައްކަން ޖެހޭނެއެވެ.

މި މައްސަލަ ދުބާއީގައި ކުރިޔަސް ގެންގޮސްފައި ވަނީ، އެ ކުންފުންޏަކީ ދުބާއީގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއް ކަމަށްވުމުންނެވެ.

ކޮވިޑް-19ގެ ދުވަސްވަރު ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ޙަވާލުކޮށްގެން ގެންނަން މަސައްކަތްކުރި 75 ވެންޓިލޭޓަރުގެ ތެރެއިން ލިބުނީ 15 ވެންޓިލޭޓަރެވެ. ނަމަވެސް ވެންޓިލޭޓަރުތައް ގަންނަން ހަރަދު ކުރަން ސަރުކާރުން ނިންމި 34 މިލިއަން ރުފިޔާގެ ތެރެއިން އެޑްވާންސްގެ ގޮތުގައި ބޭންކު ގެރެންޓީއާ ނުލާ 30 މިލިއަން ރުފިޔާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އަށް ކުރީގެ ސަރުކާރުން އޮތީ ދޫކޮށްފައެވެ.

މި މައްސަލާގައި މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ މައްސަލައާ ގުޅިގެން ދުބާއީ ކުންފުންޏާ ދެކޮޅަށް ޖިނާއީ ތަޙުޤީޤެއް ކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހަޅާފައެވެ.



ކިޔުންތެރިންގެ ހިޔާލު