ޕީޕީއެމް އިން އިއްޔެ އައްޑޫގައި ކުރި މުޒާހަރާގެ ތެރެއިން
ޕީޕީއެމް އިން އިއްޔެ އައްޑޫގައި ކުރި މުޒާހަރާގެ ތެރެއިން
ރައީސް ޔާމީންގެ މައްޗަށް ކޯޓުން ކޮށްފައިވާ ޙުކުމް ބަލައިނުގަނެ، ރައީސް ޔާމީން މިނިވަން ކުރުމަށް ސީދާ ހަރަކާތަށް ނުކުތުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ނިންމައިފި އެވެ.

ޕީޕީއެމުން މިގޮތަށް ނިންމާފައިވަނީ، މިއަދު ހެނޑުނު 10:30 ގައި އެޕާޓީގެ އޮފީހުގައި ބޭއްވި ކުއްލި ކައުންސިލް ބައްދަލުވުމުގައެވެ. ކޯޓުގެ ޙުކުމް ބަލައި ނުގަނެ ސީދާ ޙަރަކާތަށް ނުކުތުމަށް ކައުންސިލަށް ޤަރާރު ހުށައެޅުއްވީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲއެވެ. ގާތްގަނޑަކަށް ދޮޅު ގަޑިއެއްހާއިރަށް ދިގުދެމިގެންދިޔަ މި ބައްދަލުވުމަށް އަދުރޭ ހުށައެޅުއްވި ޤަރާރު ފާސްވެފައިވަނީ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ ފުރިހަމަ އަޣުލަބިއްޔަތުންނެވެ.

އަދުރޭ ހުށައެޅުއްވި ޤަރާރުގައި ވަނީ، އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް ދެމެހެއްޓުމަށް ތާއީދުކޮށް ކޮށްފައިވާ ހުކުމަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ ހިލާފަށް ސިޔާސީ ގޮތުން ކޮށްފައިވާ ހުކުމެއް ކަމަށެވެ. އަދި ރައީސް ޔާމީންގެ މައްޗަށް ދައުލަތުގެ ފަރާތުން އުފުލާފައިވާ ދައުވާއަކީ އެ ދައުވާ އުފުލުނު ހިނދުން ފެށިގެން ވެސް ބާތިލް ދައުވާއެއް ކަމަށާއި، ދައުވާ ސާބިތު ކުރުމަށްޓަކައި ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅި އެންމެހައި ހެކިތަކާއި ގަރީނާތަކަކީ އޭގެ ޒާތުގައި ވެސް ބާތިލް އެއްޗެއް ކަމަށް ވެސް އެ ޤަރާރުގައި ވެއެވެ.

މީގެ އިތުރުން އެ މައްސަލައިގެ ތެރެއަށް ޖޭއެސްސީ އާއި ސަރުކާރުގެ ނުފޫޒު ވަދެފައިވާ ކަމަށް ގަބޫލުކުރެވޭތީ އާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި މައްސަލަތައް ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތު ފަހަނައަޅާ ގޮސްފައި ވާތީ، ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ޙުކުމަކީ ސިޔާސީ މަގުސަދުތަކެއް ހާސިލްކުރުމަށްޓަކައި ކޮށްފައިވާ ޙުކުމެއްކަމަށް އިދިކޮޅު ކޯލިޝަނުން ދެކޭތީ އެ ހުކުމަކީ އެ ކޯލިޝަނުން ބަލައިގަންނަ ހުކުމެއް ނޫންކަމާއި، އަދި ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ސިދާ ހަރަކާތަށް ނިކުތުމަށް ވަނީ ނިންމާފަ އެވެ.

ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ޖަލު ޙުކުމްގެ އިސްތިއުނާފީ ހުކުމުގައި ހައިކޯޓުން ބުނެފައިވަނީ، އިންސާފަށް ހުރަސް އެޅޭ ކަމެއް ހިނގާފައިވާކަމަށް ބުނާނަމަ، އިސްތިއުނާފް ކުރާ ފަރާތުން އެކަން ސާބިތުކޮށްދޭން ޖެހޭނެ ކަމަށެވެ. އަދި ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާ 1 މިލިއަން ޑޮލަރު އިންވެސްޓްކޮށް 36 މަސްދުވަސް ވަންދެން އެފައިސާއިން ފައިދާ ހޯދައިފައިވާކަން ފާހަގަ ކުރެވޭ ކަމަށެވެ. މީގެއިތުރުން ރައީސް ޔާމީނަކީ އޭރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް ވުމާއެކު އެ ފައިސާ އަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ބެލެވޭ ޙާލަތެއް އޮތް ކަމަށާއި، އެ ފައިސާއިން ރައީސް ޔާމީން ފައިދާ ހޯއްދަވާފައިވާކަން އެނގެން އޮތުމުން ކްރިމިނަލް ކޯޓުގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ހައި ކޯޓުން ވަނީ ނިންމަވާފައެވެ.

ރައީސް ޔާމީންގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިހާރު ވަނީ އިތުރު ދެ ދައުވާ އެއް ވެސް އުފުލާފައެވެ. ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ހިފުމާއި، މަނީ ލޯންޑަރިންގެ ދެ ދަޢުވާއެވެ. އެމަނިކުފާނުގެ މައްޗަށް މި ދެ ދަޢުވާ އުފުލާފައިވަނީ، އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތާއި ގުޅިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން