ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު ޢަލީ ވަޙީދު
ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު ޢަލީ ވަޙީދު
މިސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ 7 ދަޢުވާގެ ޝަރީޢަތް މާދަމާ ފެށުމަށް ތާވަލްކޮށްފިއެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ މައްސަލަތަކުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގައި ދައުވާކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ކުށުގެ ދައުވާތަކުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުގެ މެންދުރު 1:30 ގައެވެ. އެ ހަތް ދައުވާގެ ޝަރީއަތް ކުރިއަށްގެންދަނީ އެއް އަޑުއެހުމެއްގެ ގޮތުގައެވެ.

މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެފަދަ އަޚުލާގީ އެތައް މައްސަލައެއް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ހިންގެވިކަމުގެ ތުހުމަތާއެކު ޓުއަރިޒަމް މިނިސްޓަރ ކަމުގެ މަގާމުން އިސްތިއުފާދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް އަލީ ވަހީދަށް އެންގެވީ މިދިޔަ އަހަރުގެ ޖުލައިމަހުގެ 8 ވަނަ ދުވަހުއެވެ. ނަމަވެސް، ރައީސްގެ އެންގެވުމާ އެއްގޮތަށް އަލީ ވަހީދު އިސްތިއުފާ ނުދެއްވުމުން، ރައީސް ސާލިހް އަލީ ވަހީދު މަގާމުން ވަކިކުރައްވާފައި ވަނީ ޖުލައިމަހުގެ 9 ވަނަ ދުވަހުއެވެ. އަލީ ވަހީދު މަޤާމުން ވަކިކުރީ އޭނާގެ ފަރާތުން ޖިންސީ ގޯނާ އާއި ފުރައްސާރަ ލިބުނު އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީއާ ބައްދަލުކޮށް އެކަން ސަމާލުކަމަށް ގެނައުމުންނެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ހިމެނެނީ ޖިންސީ ކުށުގެ ގާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ޖިންސީ އަނިޔާކުރުމުގެ ކުށުގެ ދައުވާ އާއި، ޖިންސީ ކުށުގެ ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 132 ވަނަ މާއްދާގެ ދަށުން ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ އާއި، ޖިންސީ ކުށުގެ ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ އާއި، ޖިންސީ ކުށުގެ ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 412 ވަނަ މާއްދާ އާއި އެ ގާނޫނުގެ 81 ވަނަ މާއްދާގެ ދަށުން ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާ އެވެ.

މި މައްސަލައިގައި އަލީ ވަޙީދުގެ ފޯނާއި ލެޕްޓޮޕާއި ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓައިފައެވެ. އަދި 15 މީހެއްގެ ބަޔާން ވެސް ވަނީ ނަގައިފައެވެ. މި މައްސަލައިގައި މިދިޔަ އަހަރުގެ ޖުލައި މަހުގެ 19 ވަނަ ދުވަހު އަލީ ވަހީދު ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ. އެދުވަހު އަލީ ވަހީދު ވަނީ، އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ދޮގުކުރައްވައި އިންސާފުވެރި ކަމާއެކު ތަޙްޤީޤު ކުރިއަށް ގެންގޮސްފިނަމަ ކުށެއް ނެތްކަން ސާބިތުވެގެންދާނެ ކަމަށް ވިދާޅުވެފައެވެ. އަދި "މިދުވަސްވެސް ހިނގައިދާނެ" ކަމަށާއި، އޭނާގެ މައްޗަށް ކުރާ ތުހުމަތު ތަކަކީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ހިންގާ އަސްލެއްނެތް ކަންތައްތަކެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.




ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން