ޞާދިރު ޢަލީދީދީ   22 ޖެނުއަރީ 2021 - 15:7
ވޭނީކަރުނަ
ވޭނީކަރުނަ
31 ވަނަ ބައި

..................

[ކުރިން ދަރިފުޅު ކިރުތަށި ބޯލާށެވެ. އޭގެ ފަހުގައި، އަހަރެންގޮސް ފޯނުކޮށްދީ ފާނަމެވެ.] ރަމްލާ ހިތާދެކޮޅަށް ކޯވަރަކުން ކޯވަރަކުން ކިރުތަށި ބޮއިފިއެވެ. ކިރުގެ ކޯވަރުތައް ކަރުތެރެ ކުދިކުދި ކުރަމުން އެތެރެއަށް ދާއިރު ހީވަނީ ޚަންޖަރެއްގެ މިޔަ ކަރުގައި އެޅެމުން ދާހެންނެވެ. އެވަގުތު ޙަޔާތަކީ އަގުބޮޑު އެއްޗެއް ކަމުގައި އޭނާއަށް ފެނުނެވެ. ދުނިޔޭގައިވާ ކޮންމެ އެއްޗެއް އޭގެ ޒާތުގައި އަގުބޮޑު ކަމުގައި ފެނުނެވެ. އޭނާގެ ލޮލުގައި މަޑުމައިތިރި އާހެއްގެ އަސަރު އުފެދުނެވެ.

[އަޅުގަނޑު ސަލާމަތް ކޮށްދެއްވާށެވެ. ކޮންމެ ގޮތަކުން ނަމަވެސް އަޅުގަނޑު ސަލާމަތް ކޮށްދެއްވާށެވެ.]

މި އިޙްސާސާއެކު މަންމަގެ އުނގުގައި ބޯއަޅާލުމުގެ އުއްމީދު އާވެގަތެވެ.... މަންމަގެ އުނގުގައެވެ.... އެ އުނގަކީ ދިރިއުޅުމުގައި ދިމާވާ ކޮންމެ ހިތާމައެއްގެ ތެރޭގައި ބޯއަޅާލަން އެދޭ އުނގެވެ. އެއީ ސަލާމަތުގެ ހިޔަންޏެވެ. އެ އުނގުގައި ބޯ އަޅާލުމުން ދުނިޔޭގައި ދިމާވާ ކޮންމެ ހިތާމައަކުން އިންސާނާއަށް ހަމަޖެހުން ލިބެއެވެ. [މަންމާއެވެ.... ދެން ދުރުވެ ފޯން ކޮށްދެއްވާށެވެ.] ރަމްލާ ދެނޭވާ ދޭތެރޭން ބުނެލިއެވެ.

[އާއެކެވެ....] މަންމަ ތަށި ހިފައިގެން އެތެރެއަށް ހިނގައިގަތެވެ.

މަންމަ ތެދުވުމާއެކު ރިހުންގަނޑެއް އަތުވެއްޖެއެވެ..... ރަމްލާ ބާރަށް ރޮއިގެންފިއެވެ.... މަންމަ އެނބުރި އަތުވެއްޖެއެވެ. އޭނާ ގާތުގައި އިށީނދެފައި ރަމްލާގެ ދެކޮނޑުގައި ހިފަހައްޓާލިއެވެ.

މި ހިނދުކޮޅުގައި ރިހުމުގެ ކޯރުގެ ތެރޭންލާފައި މުޅިން އެހެން ދުނިޔެއަކަށް އޮޔާދާން ފެށުމުން ރަމްލާ ކަރުނައިން ފުރިފައިވާ ލޯ ހުޅުވާލާފައި އުޑާދިމާއަށް ބަލާލިއެވެ. އަދި ކަރުނައިގެ ދުލުން އާދޭސް ދެންނެވިއެވެ.

[މާތްކަލާކޯއެވެ.... އަޅުގަނޑު ސަލާމަތް ކޮށްދެއްވާށެވެ.... މިހާރު.... މިހާރަކު ނޫނެވެ.... މާތްކަލާކޯއެވެ......]

ދެން އޭނާ ވަރިބަލިކަމާއިއެކު ބާލީހުގައި ބޯއަޅާލިއެވެ. އެއަށްފަހު އިރުކޮޅެއް ވަންދެން ހަމަޖެހިލައިގެން އޮތެވެ. މަންމަ އެތެރެއަށް ވަދެ ދަރިފުޅުގެ ސާމާނުތައް އެއްކުރަން ފަށައިފިއެވެ.

ހަމަ އެވަގުތު މުޢާޒު ކަންބޮޑުވެފައި ހުރެގެން އައިސް ގޭތެރެއަށް ވަދެއްޖެއެވެ.

ރަމްލާ އޭނާގެ ވަރުބަލިވެފައިވާ ދެލޮލުން މުޢާޒުއަށް ބަލާލިއެވެ. އެއާއެކު ބިރުވެރިކަމާ ވަސްވާހުން ފުރިފައިވާ އޭނާގެ ހިތަށް ކަށްޓެއް ހެރުނު ކަހަލައެވެ.

[ކިހިނެތްވީ ހެއްޔެވެ؟....] މުޢާޒު އަވަހަށްގޮސް ރަމްލާ ކައިރީގައި އިށީނދެއްޖެއެވެ.

ރަމްލާ ލޯމަތީގައި އަތް އަޅައިފިއެވެ.... [ވާގޮތެއް ބުނެދޭނީ ކިހިނެއްތޯއެވެ؟] ރަމްލާ އަނެއްކާވެސް ރޯން ފަށައިފިއެވެ.

ވަމުންމިދާ ހުރިހާ ކަމެއްވެސް މިވަނީ ހަމަ ކަލޭގެ ސަބަބުންނެވެ. އެންމެ ވޭން ލިބެނީ ކޮންކަހަލަ ރިހުމަކުން ކަންވެސް ނޭގެއެވެ.... މީގެ ކުޑައިރުކޮޅެއް ކުރިން ދިރިހުރުމުގެ އުއްމީދު އާވެގެން ދިޔައެވެ.... ޙަޔާތަކީ މުހިންމު އެއްޗެއް ކަމުގައި ފެނުނެވެ. ދުނިޔެއަކީ ރީތި އެއްޗެއް ކަމުގައި ހީކުރެވުނެވެ.

ރަމްލާ ދެފަރާތަށް ބޯހޫރާލިއެވެ.

އަހަރެން ދަރިއެއް ބޭނުމެއް ނޫނެވެ. އަހަރެން ދިރިހުރުމަކަށް ބޭނުމެއްނޫނެވެ.

އެވަގުތު ރަމްލާގެ ފިނިއަތުގައި ހިފާފައި މުޢާޒު ބުންޏެވެ.

[ރަމޫއެވެ. ދެން ރަނގަޅު ވެދާނެއެވެ.]

އޭނާ މިހެން ބުނެލިގޮތުން ހީވަނީ ވަށައިގެން މާމުޔާއި، ކިރުގެ ކޯރުތައް ދެމިގަތް ހެންނެވެ. އޭނާގެ އަޑުކިހާ އޮމާން ހެއްޔެވެ. އޭނާގެ އަތުގެ ފިރުމުން ކިހާ އަސަރުގަދަ ހެއްޔެވެ؟ އަދި އޭނާގެ އިނގިލިތަކުން އިޙްސާންތެރިކަން ފާޅު ކޮށްދެއެވެ.

އޭނާގެ ނޭވާގެ މީރުވަސް ރަމްލާގެ މޫނަށް އެޅެމުން ދިޔައެވެ. އަދި ސާފުކޮށް ބުނާ ކަހަލައެވެ. ހިތާމައިގެ ޠޫފާންވަނީ ލޯބި އެއްތަންކުރުމުގެ މޫސުމް ވަށާލާފައެވެ. ތިމާގެ ވުޖޫދު ބައިބައި ކޮށްލަމުން އިންތިހާއަށް ހިތްދަތިކަން ލިބިގަންނަން ޖެހެއެވެ..... ގުޅުންތެރިކަމުގެ ގަދަފަދަ ވާފަށުން އަހަރެމެން ބަދެވިފައިވާ ފަދައިން، އެކަކު އަނެކެއްގެ ލެއިން ގޮށްޖެހުމުން ދެއެވެ. އެކަކު އަނެކެއްގެ ރޫޙާ ގުޅެމުންދެއެވެ. ގުޅުންތެރިކަމުގެ ބަހާރު އައުމުގެ ކުރިން.... ބިރުވެރިކަމުގެ ހިނދުކޮޅުތައް އާދެއެވެ.

އަހަރެން މިހިރީ ކަލޭގެ ގާތުގައެވެ. ކަލޭގެ ހިތުގެ ކައިރީގައެވެ. އަހަރެންގެ ލޯބިވެރިޔާ ތިޔަފަދަ ހިތްދަތި ޙާލެއްގައި ވާތަންދުށުމަކީ، އަހަންނަށް ލިބޭނެ އެންމެބޮޑު ހިތްދަތިކަމެވެ. ކަލެއަށް އަޅަމުންދާ ވޭން ބަހާނުލެވި، އަދި އެވޭނުގައިވާ ހިތިކަން އިޙްސާސްކުރެވޭ ހިނދު ކޮންމެހެން އަހަރެން ދުނިޔޭގައި ހުންނާކަށް ބޭނުމެއްނޫނެވެ.... އަހަރެންވެސް މިވަނީ ޖަޒްބާތުން ފޯވެފައެވެ. އެކަމަކު މުޅިން އެހެން ވައްތަރެއްގެ ޖަޒްބާތެކެވެ.

އަހަރެންވެސް މިއޮތީ ޢަޒާބުގެ ތެރޭގައެވެ. އަހަރެންގެ ރޫޙުވެސް މިވަނީ ހާސްކަމުގެ ތެރޭގައެވެ. އަހަރެންގެ ފުރާނަވެސް ނުކުމެދާން އުޅޭ ކަހަލައެވެ.

އެކަމަކު ދެމީހުންގެ ޙާލު މުޅިން ދެގޮތެވެ.

އަހަރެންގެ ހުރިހާ އީމާނެއްގެ ބައްތި ދިއްލައިގެން ހިތާފުރާނައިން ކަލޭ ދިރިހުރުމަށް އެދި ދުޢާ ކުރާނަމެވެ.

ދިރިހުރުން.... ދިރިހުރުން.... އަހަރެން ދިރިހުންނާކަށް ބޭނުމެއްނޫނެވެ.

ރަމްލާ ކެނޑިނޭޅި ރޮމުން ގެންދިޔައެވެ. މައިދައިތަ ވަށިގަނޑު ހިފައިގެން ބޭރަށްނުކުތްއިރު މުޢާޒު އެތާނގައި ހުއްޓެވެ.

[މުޢާޒުއެވެ. އަވަސްކުރާށެވެ. މިއެއްޗެހިތައް ކާރަށްލާށެވެ. އަވަހަށް ރަމްލާ ގޮވައިގެން ހޮސްޕިޓަލަށް ހިނގާށެވެ.]

ހޮސްޕިޓަލުގެ ކޮޓަރިއަށް ވެއްދުމުގެ ކުރިން ރަމްލާ އަނެއްކާވެސް މައިދައިތަ ކުރެން އަހާލިއެވެ.

[މަންމާއެވެ.... އަޅުގަނޑުގެ މަންމައަށް ފޯނުކުރެއްވިން ތޯއެވެ.]

[އާއެކެވެ.] މަންމަ މަޑުމަޑުން ބުންޏެވެ.

ދެން ތަސްބީޙަ ހިފައިގެން ދޮރުކައިރީގައި ހުއްޓި ހުރެއްޖެއެވެ.. މުޢާޒު ބޭރަށް ނުކުމެއްޖެއެވެ. އަދި ހޮސްޕިޓަލް ޢިމާރާތުގެ ތެރޭން ނިކުމެގެން ލޯންތެރޭން ލައިގެން ދުރަށް ހިނގައްޖެއެވެ. އާދެ! ރަމްލާގެ ހަޅޭކުގެ އަޑުނީވޭ ހިސާބަށެވެ.

ކިހާ ހިތްދަތި ވޭނެއްގެ އަޑު ހެއްޔެވެ؟ އެހަނދެއްފަދަ ރަމްލާ އެއޮތީ ކޮންފަދަ ޙާލެއްގައި ހެއްޔެވެ. މަންމައަށް އެހާބޮޑު ދަރަޖައެއް ދެވިފައިވަނީ އެހެންވެގެން ކަންނޭގެއެވެ.

ގަސްތަކުން ފުރިފައިވާ ހިޔާބޯ ހިސާބަށް ދެވުމާއެކު ވިނަގަނޑުމަތީގައި އިށީނދެއްޖެއެވެ. އަދި ރަމްލާއަށް ޝިފާއަށް އެދި ﷲގެ ކިބަފުޅަށް އާދޭސް ދަންނަވަން ފަށައިފިއެވެ. މިގޮތަށް އިނދެފައި ހޮސްޕިޓަލް ގޭޓާއި ދިމާއަށް އޭނާގެ ނަޒަރު ހުއްޓުމާއެކު މަންމަ އެތާނގައި ހުރެ ވަށައިގެން ހޯދަމުންދާތަން އޭނާއަށް ފެނުނެވެ.

މުޢާޒު އަވަސް އަވަހަށް އެދިމާއަށް ދުއްވައިގަތެވެ. ހިތުގައި ވަސްވާސްތައް އުފެދެމުން ދިޔައެވެ. އަދި ޑަންޑަންލާފައި ހިތް ތެޅެން ފަށައިފިއެވެ.

އަވަސް ފިޔަވަޅު އަޅަމުން ހާސްވެފައި ހުރެގެން އޭނާ ކައިރިއަށް ދިއުމުން މަންމަ ހީނގަތެވެ.

[ކިހިނެތް ވީތޯއެވެ. މަންމާއެވެ....]

އޭނާއަށް މަންމަގެ ހުނުމުގެ އެއްވެސް އެއްޗެއް ނުވިސްނޭ ކަހަލައެވެ.

[އަންނާށެވެ. ﷲގެ ރަޙްމަތްފުޅުން ހިންމަވައި ދެއްވައިފިއެވެ.]

މަންމަ ހޮސްޕިޓަލްގެ ކޮރިޑޯރ ތެރޭންލާފައި ހިނގައިގަތެވެ. މުޢާޒުވެސް ފަހަތުން ހިނގައިގަތެވެ.

ވަރަށްގިނަ ސުވާލުކުރުމަށް އޭނާގެ ހިތް އެދުނެވެ.... އެކަމަކު އެއްވެސް ސުވާލެއްކުރާނެ ގޮތެއް އޭނާއަކަށް ނުވިސްނުނެވެ.

ރަމްލާ އޮތް ކޮޓަރީގެ ކައިރިއަށް ދެވުމާއެކު، މަންމަ މުޢާޒަށް ބަލާލިއެވެ. އޭނާގެ މޫނުމަތީގައި ވަނީ އުފާވެރިކަމުގެ ވޮށް ދިއްލިފައެވެ.

[ﷲގެ އޯގާވަންތަކަން ވަރަށްބޮޑެވެ. މާތްރަސްކަލާނގެ އަހަންނަށް ދެއްވީ މާމަކިޔާނެ ފިރިހެން ކުއްޖެކެވެ.]

[އެހެންތޯއެވެ....] މުޢާޒު ސިހުނު ކަހަލައެވެ.

އެވަގުތު ވަރަށްގިނަ އެއްޗެތި އޭނާގެ ހިތަށްއެރިއެވެ. ރީތި އެއްޗެހި ތަކެކެވެ.... އަޖާއިބު ކުރުވަނިވި އެއްޗެހި ތަކެކެވެ.

މަންމަ މިހެންބުނެފައި ހިނގައިގަތެވެ. އެއާއެކު ކެތްމަދުވެފައި ހުރެގެން މަންމަގެ ފަހަތުން މުޢާޒު ހިނގައި ގަތެވެ.

[މަންމާއެވެ. ރަމްލާ ކިހިނެތްތޯއެވެ؟]

[މަންމާއެވެ. ރަމްލާގެ ޙާލު ރަނގަޅުތޯއެވެ.]

އެކަމަކު މިއިން އެއްވެސް އަޑެއް މަންމައަކަށް ނީވެއެވެ. އޭނާހުރީ ނަރުސް ކުދިންނާ ވާހަކަ ދެއްކުމުގައި ގެއްލިފައެވެ.

އެވަގުތު ވަރުދެރަކަމާއިއެކު ހަށިގަނޑުގެ ބާރު ހުސްވެފައިވާ ރަމްލާގެ ކަންފަތުގައި މުޢާޒުގެ އަޑު ޖެހުނެވެ. އޭނާ ބުނަނީއެވެ.

މަންމާއެވެ. [ރަމްލާ ރަނގަޅު ދޮގެއްތޯއެވެ.]

[އުފާވެރިކަން ހުއްޓެވެ.] ކައިރިން ލާފައިދިޔަ ނަރުހަކު ބުންޏެވެ. [ލިބިލެއްވީ ފިރިހެން ކުއްޖެކެވެ.]

[އެކަމަކު ރަމްލާގެ ޙާލު ކިހިނެތް ހެއްޔެވެ؟]

[މިހާރު ރަނގަޅެވެ.] ނަރުސް ހިނގައްޖެއެވެ.

މުޢާޒުގެ އަޑު ރަމްލާއަށް ޙަޔާތުގެ އިޙްސާސް ލިއްބައިދިނެވެ. މީގެ ކުޑައިރުކޮޅެއްގެ ކުރިން ރިހުން އެންމެ ގަދަވި ވަގުތު އޭނާއަށް އަނެއްކާވެސް މަންމަގެ މަތިން ހަނދާން ކުރެވުނެވެ. މި ޢަޒާބުން މަންމަ އޭނާ ސަލާމަތް ކޮށްދީފާނެއޭ ހީވަނީ ކަންނޭގެއެވެ.... އެކަމަކު މިއުނދަގޫ އުފުލުމަކާނުލާ އެއްވެސް މަޔަކު މަންމައަކަށް ނުވެވޭނެއެވެ.

އަނެއްކާވެސް މަޑުމައިތިރި އަޑެއް އައެވެ.....

އަދި އެއަށްފަހު ހިމޭންކަމުގެ ވިލާގަނޑު ހިޔާ އަޅައިފިއެވެ.

އެތައް އިރެއްގެ ފަހުން ޑަކްޓަރު އޭނާ ގާތުގައި ބުންޏެވެ. [ރަމްލާއަށް ލިބުނީ ފިރިހެން ކުއްޖެކެވެ.]

ރަމްލާ އޭނާގެ ވަރުބަލިވެފައިވާ އެސްފިޔަތަކުގެ ސަނދުވާ ދޫކޮށްލިއެވެ.....

ދިވެހިބަހަށްގެނައީ: މުޙައްމަދު ރަޝީދު، ގައްދޫ

*********************** ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު


8

ޙުދާ

23-Jan-2021

މިހާ ކުރުކޮށް ގެނެސްދޭއިރު ކުރީދުވަހުގެ ވަރަށް ބޮޑު ބައެއްވެސް އެބައޮވޭ ލާފައި. އެހެން ނުހަދާ ދިގުކޮށް ގެނެސްދީ ޕްލީޒް



ޓްރެންޑިން