ޞާދިރު ޢަލީދީދީ   12 މޭ 2021 - 19:8
ވޭނީކަރުނަ
ވޭނީކަރުނަ
85 ވަނަ ބައި

.................

ރަމްލާ މަންމަގެ ހުރިހާ ސާމާނެއް ކޮޓަރިއަށް ފޮނުުވައިފިއެވެ..... އޭނާ ބުންޏެވެ.

[ހޫނު ސައިތައްޓެއް ގެންނަންތޯއެވެ.] މަންމަ އެކައްޗެކޭވެސް ނުބުނެއެވެ.

ރަމްލާ ބަދިގެއަށް ހިނގައްޖެއެވެ. އުނދުން މައްޗަށް ސައިކުރާ އުދާފައި އޭނާ އަމިއްލަ ހެދުމަށް ބަލާލިއެވެ. މިއަދު އޭނާހުރީ ވަރަށް ޚާއްޞަގޮތަކަށް މުޢާޒާ އިސްތިޤްބާލު ކުރަންވެގެންނެވެ. ފިރިންދެކެ ލޯބިވާ އަނބިން އެމީހުންގެ ފިރިމީހާއާ ބައްދަލުކުރާ އުޞޫލުންނެވެ. މިއަދު އޭނާގެ ހިތުގައި ވަރަށްގިނަ ވާހަކަ ޖަމާވެފައި އެބަހުއްޓެވެ. މިއަދު އޭނާ ބޭނުންވަނީ ހަމައެކަނި މުޢާޒުގެ ކައިރީގައި އިނުމަށެވެ. މިއަދު މަންމަ ނައިނަމަ މިއަދު މިރޭ އޭނާ ހޭދަކުރާނީ މުޢާޒުގެ ކައިރީގައެވެ. ރަމްލާގެ ހިތުގައި މަންމައާއިމެދު ކުޑަވަރެއްގެ ޙަސަދަވެރިކަމެއް އުފެދިއްޖެއެވެ. ގިނައިރު މުޢާޒު އިންނާނީ މަންމަގެ ކައިރީގައިކަން އޭނާއަށް ރަނގަޅަށް އެނގެއެވެ. އަދި މިހާ ގިނަދުވަސް ވަންދެން ނުފެނި ހުރުމަށްފަހު ކުއްލިއަކަށް މަންމަ ފެނުމުން މުޢާޒު އެއްގޮތަކަށްވެސް ދުރަށް ނުދާނެކަން ރަމްލާއަށް އެނގެއެވެ.

މަންމައަކީ އޭނާއަށް އެންމެ ހެޔޮއެދޭމީހާއެވެ. މިހުރިހާކަމެއް ކުރުމަށް ދަނޑިވަޅު ދިނީ އެމަންމައެވެ. އޭނާއަށް ހުރިހާކަމެއް އެނގެއެވެ. ދެންވާނީ ކިހިނެއް ބާވައެވެ؟

ރަމްލާ ޚިޔާލުގެ ތެރޭގައި ހުރުގެން ސައި ހެދިއެވެ. ދެން ތަބަކުގައި ބަހައްޓައިގެން އެތުވެއްޖެއެވެ. މަންމަ ގޮނޑިއަކުނެތެވެ. ދިޔައީ ކޮންތާކަށް ކަމެއްވެސް ނޭނގުނެވެ. ރަމްލާ އޭނާގެ ކޮޓަރިއަށް އަތުވެއްޖެއެވެ. އެއާއިއެކު މަންމަ ހުރިހާ ކޮޓަރިތައް ހޯދާ ބަލަމުން ގެންދާތަން ރަމްލާއަށް ފެނިއްޖެއެވެ. ފެންވަރާ ކޮޓަރިއަށް ދާންދެން ބަލައިފިއެވެ. އޭނާ އެހޯދަނީ މަޢޫޒު ނޫންކަމެއްވެސް ނޭނގެއެވެ.

[މަންމާ! އެސޮރު އެއުޅެނީ ބޭރުގައެވެ.]

އެވަގުތު މަޢޫޒު ދުވެފައި އަތުވެއްޖެއެވެ. އަދި އެއައިގޮތަށް އައިސް މަންމަގެ ފައިގައި ހިފާ އޮޅުލައިގަތެވެ. މަންމަ ވަރަށްގިނަ ކުޅޭ އެއްޗެއްސާއި ހަދިޔާ ގެނައެވެ. އޭނާ އެއްޗެތި ނަގަނަގާފައި ދޭންފަށައިފިއެވެ. ރަމްލާ އަވަސް އަވަހަށް ހެދިކާތައް ހިފައިގެން އެތެރެއަށް ވަދެ ފުޅިފުޅިއަށް އަޅާފައި ބަހައްޓަން ފަށިއިފިއެވެ.

މަންމަ ސައިތަށި ބޯލައިގެން އޮށޯވެލައިފިއެވެ. ރަމްލާ އަވަސްއަވަހަށް މަންމަގެ ފައިލާކޮޅުގައި އިށީނދެއްޖެއެވެ.

[ތަނަކަށް ދާން އުޅެނީ ހެއްޔެވެ؟]

މަންމަ ފަރުވާތެރި ކަމާއިއެކު ރަމްލާގެ ހެދުމަށް ބަލާލާފައި ބުންޏެވެ.

[ނޫނެކެވެ. މަންމާއެވެ....... ރަމްލާ ލަދުގަތެވެ........ ދެންހަމަ ރީތިވެލީއެވެ.......... ހަވީރު ވަގުތު ބަޔަކު އަތުވެދާނެތީއެވެ.....]

[ކަލޭމެން ދެކުދިން ތަނަކަށް ދިއުމަށް ހަމަޖެހިފައި އޮތިއްޔާ ދިޔަޔަސް މަންމައަށް އެންމެ ރަނގަޅެވެ.]

ރަމްލާ މަންމަގެ ކައިރިއަށް ޖެހިލިއެވެ. އަދި އޭނާގެ ފައިނަގާ އުނގުމަތީ ބާއްވައިގެން މޮޑެދޭން ފަށައިފިއެވެ.

[މަންމާއެވެ! މަންމަގެ ރައްޓެހި މިސިޒް ބެގް ދުރުވިއެވެ......]

[އެހެން ހެއްޔެވެ. ބުނީ ކީކޭ ހެއްޔެވެ.]

[އޭނާ އައީ ޙައްޖަށް ފުރަންވެގެން މަންމައާ ބައްދަލު ކޮށްލާށެވެ.]

[މިހާރު ހިނގައިދާނެ ކަންނޭނގެއެވެ.

[ލައްބައެވެ. މިހާރު ފުރައިފިއެވެ. އޭނާ އެކޮޅަށް ދިޔުމަށްފަހު ސިޓީ ފޮނުވާނަމޭ ބުންޏެވެ.]

[ކުރިމަތިން އެހެރަ ފެންނަ ފްލެޓްގައި އުޅޭ އަންހެން މީހާވެސް ދުވަސް ދުވަސްކޮޅުން މަންމަގެ ޚަބަރު އަހާ އޮޅުން ފިލުވައެވެ.....] ރަމްލާ މަޑުމަޑުން އިނދެގެން ހިސާބުގަނޑުގެ ޚަބަރުތައް ކިޔައިދެމުން ގެންދިޔައެވެ.... މަންމަ ހިމޭނުން އަޑުއަހަން އޮތެވެ. ބައެއް ފަހަރަށް އާނހޫނ އަޅުވާލައެވެ. މަންމަގެ މޫނު މަތީގައިވަނީ ވަރުގަދަ ހިމޭން ކަމެކެވެ. އެފަދަ ހިމޭންކަމެއް މީގެ ކުރިއަކުން ފަހަރެއްގައިވެސް ރަމްލާއަށް ފެނިފައެއްނެތެވެ. އެހެންކަމުން އޭނާ އިނީ ސިހުންވޭވެއެވެ.

ކުއްލިއަކަށް މަންމަ ފައިދަމައިގަތެވެ. ރަމްލާ ސިހިއްޖެއެވެ. އޭނާ ޙައިރާން ކަމާއިއެކު މަންމަގެ މޫނަށްބަލާލިއެވެ. އޭނާގެ މޫނުމަތީގައިހުރީ ހަރުކަށިކަމެވެ.

ރަމްލާ ކަންބޮޑުވެފައި ރޯން ފަށައިފިއެވެ.

[މަންމާއެވެ. އަޅުގަނޑަށް ކުށެއް ކުރެވިފައިވާނަމަ މާފު ކުރައްވާށެވެ.]

މަންމަ އިރުކޮޅެއް ވަންދެން ހިމޭނުން އޮތެވެ. ރަމްލާގެ މޫނަށް ބަލަމުން ގެންދިޔައެވެ. ދެން ބުންޏެވެ.

[ދަރިފުޅާއެވެ. ރޮނީ ކީއްވެގެން ހެއްޔެވެ. މިހާރު ރުއިމުގެ ވަގުތު ފާއިތުވެގެން ހިނގައްޖެއެވެ. އަހަރެން ގެއަށް ވަނީއްސުރެ މިއޮންނަނީ ޙައިރާން ވެފައެވެ. އަހަރެން ހަމަގަސްތުގައި ރަމްލާ އެކަނި ގޭގައި ބައިންދާފައި އަވަށުގައި އިނީކަމެއް ރަމްލާއަކަށް ނޭނގޭނެއެވެ. އަހަރެން އެގޮތަށް ކަންތައްކުރީ ދަރިފުޅު މިގެއަށް އައުމާއިއެކު މިއީ އަމިއްލަ ޒިންމާއެއް ކަމުގައި ޤަބޫލު ނުކުރީތީއެވެ. އަދި މިހުރިހާކަމަކީ އަހަރެންގެ ކުށެވެ. ކަންތައްތައް ކުރުމުގެ ދަނޑިވަޅު ދަރިފުޅަށް ނުލިބުނީ މަންމަގެ ކުށުންނެވެ. މަންމަ ހަމަގަސްތުގައި އަވަށުގައި އިނީ ދަރިފުޅަށް މިހުރިހާކަމެއް ކުރުމުގެ ދަނޑިވަޅު ދިނުމަށްޓަކައެވެ. އަދި ކައިވެންޏަކީ ކޮންކަހަލަ އެއްޗެއްކަން ވިސްނައި ދިނުމަށް ޓަކައެވެ. މިއަދު ދަރިފުޅުގެ ގެ ފެނުމުން ވަރަށް އުފާވެއްޖެއެވެ. ހުރިހާ ކޮޓަރިތައް ހުރީ ސާފު ތާހިރުކޮށްފައެވެ. ދާހެދުންތަކުގެ ފުނިވަރެއް ނެތެވެ. ބަދިގެއަކުން މަޑުދާރު ވަހެއް ނުދުވައެވެ.... އެސޮރުވެސް ހުރީ ރީތި ކޮށްފައެވެ. މުޅި ހިސާބުގަނޑުގައި ވަނީ ދަރިފުޅުގެ ހިޔަންޏެވެ. އަވަށްޓެރިންގެ ޚަބަރު ދަބަރު އޮޅުން ފިލުވަމުއެވެ. އަދި ރަމްލާ މުޢާޒުގެ ހިތްވެސް އަތުލައިފި ކަމުގައި ޔަޤީން ކުރަމެވެ.]

ރަމްލާ އިސްޖަހާލިއެވެ.

ގަތް ލަދެއްގެ ސަބަބުންނެވެ.....

މަންމަ ރަމްލާގެ ބޯމަތީގައި އަތް ބާއްވާލަމުން ބުންޏެވެ.

[ކޮންމެ މީހެއްގެ ޙަޔާތަކީ ހަމަ އެއްވައްތަރެއްގެ ޙަޔާތެކެވެ. ބުއްދިވެރި ކަމާއިއެކު އެދިރިއުޅުން ލިބިގެންފިމީހާ ސުވަރުގެ ހޯދައެވެ. ވިޔާނުދާ ކަމުގައި އެދިރިއުޅުން ހޯދައިފިމީހާ ނަރަކަ ލިބިގަނެއެވެ. މާތްރަސްކަލާނގެ ދެއްވާފައިވާ ހުރިހާ ނިޢުމަތަކަށް ޝުކުރު ކުރަންވާނެއެވެ....... އަދި އެމީހެއްގެ ނަސީބުގައިނުވާ ކަންކަމާއި މެދުގައިވެސް ޝަކްވާކޮށްގެން ނުވާނެއެވެ........ ދަރިފުޅާއެވެ. ދަރިފުޅަށް ކަންތައްތައް ވިސްނެން ފެށުމުން މަންމަ ވަރަށް އުފާވެއްޖެއެވެ.

މިއަދު ދަރިފުޅަކީ މަންމަގެ ނަޒަރުގައި ދުނިޔޭގައިވާ އެންމެ ރީތި މީހާއެވެ. ތިމާގެ ފިރިމީހާއަށް ޤަދަރުކޮށް ތިމާގެ ގެއާއިމެދު ފަރުވާ ބަހައްޓައިގެން ކުދިން ގޮވައިގެން އުފަލުގައި އުޅޭ އަންހެނުންނަކީ އެންމެރީތި އަދި ނަސީބުވެރި އަންހެނުންނެވެ.

ޖަޒުބާތުގެ ގަދަ ޠޫފާނުގެ ސަބަބުން ރަމްލާގެ ލޯ ފުރިގެން އައެވެ. އޭނާ ކުއްލިއަކަށް ބިންމަތީގައި އުޑަފައިން އިށީނުމާއިއެކު މަންމަގެފައި އޭނާގެ ބޮލުގައި ޖެއްސިއެވެ. އެވަގުތު އުފަލުން ހެވިފައިހުރި މުޢާޒު، މަޢޫޒުގެ އަތުގައި ހިފައިގެން ގޭތެރެއަށް ވަދެގެންއައިއިރު ހީވީ ކަޅު ވިލާގަނޑެއްގެ ތެރެއިން ކުއްލިއަކަށް އިރު ނުކުމެގެން އައި ހެންނެވެ. އެއާއިއެކު ހުރިހާ އެއްޗެއްގެ އަސްލު ފެންނަން ފަށައިފިއެވެ.

= ނިމުނީ =

________________________

27 ޖުލައި 1987

* މިއެޕިސޯޑްގައި ހިމަނާލެވިފައިވާނީ ވޭނީކަރުނަ ވާހަކައިގެ ސަފްހާ ނަމްބަރު 266 އިން 268 ހަމައަށެވެ.

ދިވެހިބަހަށްގެނައީ: މުޙައްމަދު ރަޝީދު، ގައްދޫ *********************** ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު


19

އާބި

20-May-2021

ކޮން އިރަކުން ދެން ވާހަކަ އެއް ކިޔާލަން ލިބޭނި


1

ލީން

15-May-2021

ވަރަށް ރީތި ޢިބްރަތްތެރި ވާހަކައެއް. ފެށުނިއްސުރެ މިވާހަކަ ކިޔަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.



ޓްރެންޑިން