ޞާދިރު ޢަލީދީދީ   7 މޭ 2021 - 13:41
ވޭނީކަރުނަ
ވޭނީކަރުނަ
83 ވަނަ ބައި

.................

ރަމްލާ ނިޔަފަތިން މޭޒުގެ ކަނުގައި ކޮއްޓަން ފަށައިފިއެވެ...... މުޢާޒު ދޮންކެޔޮވަކެއް ނަގައިގެން ކާން ފަށައިފިއެވެ.

ތަނަށް އޮތީ ހިމޭންކަމެއް ވެރިވެފައެވެ. އެ ހިމޭންކަން ކަނޑުވާލީ މުޢާޒެވެ.

[އަންހެނުން ހީކުރަނީ ފިރިހެނުން މަރުދެނީ ހަމައެކަނި ރީތި އަންހެން ކުދިންގެ މައްޗަށް ކަމުގައި ހެއްޔެވެ. އެމީހުން ދެކޭގޮތުގައި ފިރިހެނުންގެ ބަލިފަޔަކީ ރީތި މޫނުތަކެވެ. މިއީ ދޮގެއް ހެއްޔެވެ؟] ރަމްލާ ހިމޭންވެއްޖެއެވެ.

މުޢާޒު އަރާމުގައި އިނދެ ކެޔޮވައް ކާލައިފިއެވެ. އަތް ފޮހެލިއެވެ. ދެން ކޮޅަށް ތެދުވެއްޖެއެވެ. އަދި ފަޓުލޫނު ޖީބަށް އަތްކޮށްޕާލާފައި މާތްގޮތަކަށް ހިނިތުން ވެލިއެވެ. ދެން ބުންޏެވެ.

[ރަމޫއެވެ. ރީތި އަންހެނުންނަކީ އަނެކުންގެ އިޙްސާސްތައް ރަނގަޅަށް ދަންނަ އަންހެނުންނެވެ.] ދެން އޭނާ ބޭރަށް ނުކުމެއްޖެއެވެ.

ވަރަށްގިނަ ދުވަހަށްފަހު މިއަދު އަނެއްކާވެސް މުޢާޒު ލޯގަނޑުގެ ކައިރީގައި ހުރެގެން ތައްޔާރުވަނީއެވެ.

ފިރިހެނުންގެ ތައްޔާރުވުމުގައި އެމީހެއްގެ ގަސްތު ވަރަށް ސާފުކޮށް އެނގެން ހުރެއެވެ. ރަމްލާ ހިތުގައި ހިފަހައްޓައިގެން ބޭރަށް ނުކުމެއްޖެއެވެ. އެދިޔަގޮތަށްގޮސް މައިދައިތަގެ ކޮޓަރިއަށް ވަދެ އެނދުގައި ދިގުދަމާލައިގެން އޮށޯވެއްޖެއެވެ. ކެތްނުކުރެވިގެން އަދިވެސް އެއްފަހަރު އޭނާ ކޮޓަރިން ނުކުތެވެ. ދެން މަޑުމަޑުން ހިތުގައިވާ ހޫނުކަން ފިނިކުރިއެވެ. އޭނާ ގަސްތުކުރީ ދެން އެކަމާ ނުވިސްނުމަށެވެ. އެކަމަކު އެހެނެއްވެސް ނުވިއެވެ.

އުދާސްކަމުގެ އަޑީގައި އޮވެގެން މިހާވަރަކަށް ހިތަށް އަނިޔާލިބެނީ ކީއްވެގެންކަމެއް އޭނާއަކަށް ނޭނގުނެވެ.

ފުރަތަމަ ކޮޅުގައި އޭނާ ފިރިމީހާއާއިމެދު ފަރުވާލެއް ނުބަހައްޓައެވެ. އަދި މިހާރު މުޢާޒުވެސް ރަމްލާއާއިމެދު ފަރުވާލެއް ނުބަހައްޓައެވެ.

އޮށޯވެގެން އޮވެ ރަމްލާ ވިސްނަމުން ގެންދިޔައެވެ. މިގޮތަކަށް ދިރިއުޅުން ކަޑައްތު ކުރެވޭކަށް ނޯންނާނެއެވެ. އަހަރެންގެ ފިރިމީހާ ބޭރަށްދާތަން ފެނި އެކަން ހުއްޓުވުމަށް މަސައްކަތް ނުކޮށް އޮންނަންވީ ހެއްޔެވެ. އޭނާ ހަލާކުވެގެން ދާތަން ދެކެން އިންނަންވީ ހެއްޔެވެ. ދުނިޔޭން ގެއްލިގެން ދާތަން ދެކެން ހިމޭނުން އިންނަންވީ ހެއްޔެވެ.

އަހަންނަށް އެއްކަމެއްވެސް ނުކުރެވޭނެ ހެއްޔެވެ؟

އެކަމަކު އަހަންނަށް ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟

ކަލެއަށް ހުރިހާކަމެއްވެސް ކުރެވިދާނެއެވެ.

ކުރާނީ ކޮންގޮތަކަށް ހެއްޔެވެ.

ބޭނުންވަނީ ބުއްދިއެވެ. ވިސްނުމެވެ.

ބުއްދިވެރިކަން އަހަރެން ގެންނާނީ ކޮންތާކުން ހެއްޔެވެ......

ބުއްދިވެރިކަމުގެ ގަސްފަޅަނީ ހިތާމައިގެ އޮށުންނެވެ. ގަދަވައިގެ ޠޫފާން އެއަށް ދިރުންދެއެވެ. އަދި އެއަށް އެކަނިވެރިކަމުގެ ވައި ބޭނުންވެއެވެ. މިހުރިހާކަމެއް ވެނިމިގެން ދާއިރުވެސް ބުއްދިވެރިކަން ހޯދައިގަންނާނެ ގޮތެއް ނޭނގެއެވެ.

ރަމްލާ ކުއްލިއަކަށް ތެދުވެ އިށީނދެއްޖެއެވެ.

[އަންބަކަށް ވާށެވެ......]

[އަހަންނަކީ އަންބެއް ނޫން ހެއްޔެވެ؟]

[މީހުންގެ އަނބިންނެއް ތިޔަގޮތަކަށް ނޫޅޭނެއެވެ. ތިޔަހާ ކުރަކިވެގެނެއް ނޫޅޭނެއެވެ........ ތިޔަހާ ދުރުގައި ނޫޅޭނެއެވެ. ތިޔަގޮތަށް ހިލޭގޮތްގަނޑު ބޮޑުކޮށްގެނެއް ނޫޅޭނެއެވެ.....]

[ފެށުނީއްސުރެވެސް އަހަންނަކީ އަންބަކީމެވެ. އޭނާއަށް އެކަން ރަނގަޅަށް އެނގެން ވާނެއެވެ.]

[ފިރިހެނަކަށް ލޯބިވެރިޔާގެ ބޭނުންޖެހެއެވެ. ރެއާދުވާލު ލޯބީގެ ބަސްތައް އަޑުއިވެން ބޭނުންވެއެވެ...... އަހަރެން ކަލެއާހެދި މަރުދެމެވެ...... ކަލޭ އަހަންނަށް ވަރަށް ރީއްޗެވެ..... ކަލެއާނުލާ އަހަންނަކަށް ނޫޅެވޭނެއެވެ. އަހަރެންގެ ނަޒަރުގައި ކަލެއަކީ ދުނިޔޭގައި ހުރި އެންމެ ރީތި އިންސާނާއެވެ........]

[ނޫނެކެވެ...... ފިލްމުތަކުގައި ދައްކާ ކަހަލަ ވާހަކަތައް އަބުރުވެރި މާތް އަންހެނަކަށް ދެއްކިދާނެ ހެއްޔެވެ.....]

[އެހެންވީއިރު މާތް އަންހެނުން ފިލްމުތަކުގެ ހިރޯއިން ފަދައިން އިރުއިރުކޮޅާ ރޮނީ ކީއްވެގެން ހެއްޔެވެ؟]

އަހަރެން..... އަހަރެން..... ރަމްލާ ހާސްވެފައި ކޮޅަށް ތެދުވެއްޖެއެވެ. އޭނާގެ ލޮލުގައި އަނެއްކާވެސް ހިތިކަރުނަ އުފެދެން ފަށައިފިއެވެ.

ދެން ހިތުގެ ވަށައިގެން ސުނޯ ފައިބަން ފަށައިފިއެވެ.

[މިއަދު ކަލޭ ރޮއިގެން ނުވާނެއެވެ......]

ރަމްލާ ކަންބޮޑުވެފައި ކޮޓަރި ތެރޭގައި ހިނގަން ފަށައިފިއެވެ. ބައެއް ފަހަރަށް ސިއްރު ސިއްރުން މުޢާޒަށް ބަލާލައެވެ. އަދި އެމަންޒަރު ދެކެން ނުކުޅެދުމުން އެނބުރި އައިސް ދޮރުކަނީގައި ހިފަހައްޓައިގެން ހުރެއެވެ.

ހުރިހާކަމެއް ނިމުމުގެ ވަގުތު އައިސް ޖެހެނީއެވެ.

ދެން އަހަރެން ކުރާނީ ކީއްހެއްޔެވެ.

ކުރާކަމެއް ކުރަންވީ މިއަދުއެވެ.

އަހަރެން ހަދަންވީ ގޮތެއް ނޭނގުނެވެ.

ފުރިހަމަ އަންބަކަށް ވާށެވެ......

ކިހިނެއް ހެއްޔެވެ... ކޮންގޮތަކަށް ހެއްޔެވެ...... ރަމްލާ ދޮރުފަތުގައި ނިތްކުރި ޖައްސާލިއެވެ.

މުޢާޒުގެކައިރިއަށް ދާށެވެ. އޭނާ ރުއްސައިގެން އަންނާށެވެ. އޭނާ ގާތުގައި ބުނާށެވެ...... އަހަންނަށް ކަލޭގެ ތަޢުރީފު ކުރެވިދާނެއެވެ. ރޭގަނޑު ހަތަރުދަމު ކަލެއަށް އުނދޯލި ހެއްލާދެވިދާނެއެވެ. ކަލެއަށް ލޯބި ދެވިދާނެއެވެ. ކަލެއަށްޓަކާ ޤުރްބާން ވެވިދާނެއެވެ.

[ނޭނެކެވެ... ނޫނެކެވެ... އަހަންނަށް އެކައްޗެކޭވެސް ނުބުނެވޭނެއެވެ. ހަމައެންމެ ލަފްޡެއްވެސް ނުބުނެވޭނެއެވެ.

[އަހަންނަކީ އެހާ ހިތްވަރުގަދަ މީހެއްނޫނެވެ.]

[މިހުރިހާ ވާހަކައެއް ދުލުން ބުނާނީއެއް ނޫނެވެ.]

[ދެން ކިހިނެއް ހެއްޔެވެ....]

ރަމްލާ ކަންބޮޑުވެފައި ހަތަރު ފަރާތަށް ބަލާލިއެވެ.

[ދެން ހަދަންވީ ކިހިނެއް ހެއްޔެވެ......]

ހުރިހާ ދޮރުތަކާ ކުޑަދޮރުތައް ބާރަށް ހޭންފަށައިފިއެވެ.

[ކަލޭ ކިހާ މޮޔަހެއްޔެވެ. ކިހާ ނުވިސްނޭ ހެއްޔެވެ.]

[މާތްކަލާކޯއެވެ!]

ރަމްލާ ހިތުގައި ހިފަހައްޓައިގެން އަނެއްކާވެސް އެނދުގައި އިށީނދެއްޖެއެވެ.

[ދާށެވެ! އޭނާ އަތުގައި ހިފާށެވެ....... ކަލޭގެ ބައިވެރިޔާ ހުއްޓުވާށެވެ....... މާތަކެއް ފަދައިން އޭނާގެ މަގުގައި ފެތުރި ގަންނާށެވެ......]

ރަމްލާ ތެދުވެގެންގޮސް ކުޑަދޮރު ކައިރިއަށް ހުއްޓިއްޖެއެވެ.

[މަޑުމައިތިރި ކަމަކީ އަންހެނުންގެ ގަހަނާއެވެ. ދެމަފިރިންގެ ދެމެދުގައި އެއްވެސް ކަހަލަ ހަމަނުޖެހުމެއް އޮވެގެން ނުވާނެއެވެ. މިއަދުގޮސް އޭނާގެ ކަރަށް އަތްއެއްލާށެވެ......] ކުޑަދޮރު، ހަރުބަހެއް ބުނެލިއެވެ.

[އަހަރެން ހެއްޔެވެ........؟]

[އާނއެކެވެ! ކަލެއެވެ..... މިއަދު ކަލޭމެން ދެމެދުގައިވާ ކޯރު ހުރަސްކޮށްލާށެވެ. އަދި ކަލޭގެ އެތެރެހަށީގައިވާ ހުރިހާ ރީތިކަމެއް އަހަންނަށް ފެނިއްޖެއޭ ބުނާށެވެ.]

[އަހަރެން އެހާތިރިއަށް ވެއްޓެންވީ ހެއްޔެވެ.]

[މިއީ ވެއްޓުމެއް ނޫނެވެ.] ފިނިވައިރޯޅިއެއް ބުންޏެވެ. ލޯބިވެރިޔާގެ ފައިތިލަ މައްޗަށް ތިރިވުމަކީ ނިކަމެތިކަމެއް ނޫނެވެ. އެއީ އޭނާގެ ހިތުން ޖާގަ ހޯދުމެވެ.]

[އެކަމަކު އަހަރެންކުރީ ކޮންކުށެއް ހެއްޔެވެ. އަހަންނަށް މިލިބެނީ ކޮންކަމެއްގެ ސަޒާ ހެއްޔެވެ.]

[ސަޒާއެކޭ ތިޔަބުނަނީ ކީއްވެގެން ހެއްޔެވެ. ކެތްކުރެވިދާނެ ކަމުގައި ވަންޏާ އެންމެ ފުރަތަމަ ކަލޭ އޭނާއާއިއެކު އުޅުނުގޮތަށް އުޅޭށެވެ. ކަލެއަށް އޭނާއާނުލާ އުޅެވިދާނެ ހެއްޔެވެ..... ނިކަން ފަރުވާތެރި ކަމާއިއެކު އޭނާއަށް ބަލާލަ ބަލާށެވެ.]

ރަމްލާ ހިނގާފައި އަތުވެއްޖެއެވެ. ކޮރިޑޯއަށް ހުއްޓިހުރެ ބަލާލިއެވެ. މުޢާޒު ލޯގަނޑުގެ ކުރިމަތީގައި ހުރެގެން ފަރިބަލަނީއެވެ.

[ކަލެއަށް އޭނާ ހުތުރު ކަމުގައި ފެންނަންޏާ ދުނިޔޭގެ ބާޒާރަށް އޭނާ ދޫކޮށްލާށެވެ.]

[ނޫނެކެވެ.......] ރަމްލާ ތެޅިގަތެވެ.

[އެހެންވީއިރު އިޢުތިރާފުވާށެވެ.]

[ކޮންކަމަކާ ހެއްޔެވެ......]

[ލޯބީގެ އެއްބަސްވުމެވެ....... އާނއެކެވެ. ތިޔަހުރިހާ ކަމަކީވެސް ހަމަ ލޯތްބެވެ.... އަދި މިލޯތްބަކީ އަޖައިބެއް ފަދަ އެއްޗެކެވެ. ހަމަ ކޮންމެ ވަގުތަކުވެސް ތިމާ ހިމޭން ކޮށްލަފާނެއެވެ.

ނިކަން ދެކެބަލާށެވެ. އނާ ކިހާ ހުތުރު ހެއްޔެވެ..... އެކަމަކު މިހާރު އޭނާ އެއުޅެނީ ކަލޭގެ ހިތުގައި ގެދޮރު އަޅައިގެންނެވެ. މީގެކުރީގައި ކަލެއަށް އޭނާގެ މޫނު ފެނުނަސް މޭނުބައި ކުރެއެވެް އެކަމަކުމިއަދު ކަލޭ ތިޔައުޅެނީ އޭނާގެ އަތުގެ ތެރެއަށް ނުދެވިގެންނެވެ.

ލޯތްބަކީ ވާހަކަ ދައްކާ އެއްޗެއްނޫނެވެ.

ލޯބި ފާޅުކުރުމަށްޓަކާ އެއްވެސް ބަހުރުވައެއްގެ ބޭނުމެއް ނުވެއެވެ.]

ރަމްލާ ކޮޓަރީގެ ދޮރުހުޅުވާލާފައި ބޭރަށް ނުކުމެއްޖެއެވެ. މުޢާޒު ބުރުވާފައި ހުރިސެންޓުގެ ވަސް ބޭރަށްވެސް އެބަހުއްޓެވެ. ރަމްލާ މަޑުމަޑުން ހިނގާފައިގޮސް މުޢާޒުގެ ކައިރިއަށް ހުއްޓިއްޖެއެވެ. މުޢާޒު އިސްއުފުލާފައި ބަލާލިއެވެ..... ދެން އަނެއްކާވެސް އޭނާގެ މަސައްކަތާއިގެން އުޅެގަތެވެ.

އެނދުގައި ނިދާފައި އޮތް މަޢޫޒަށް ރަމްލާ ބަލާލިއެވެ. ދެން ކުރިއަށް ޖެހިލާފައި ހެދުން އަލަމާރި ހުޅުވާލިއެވެ. އެއިން ރީތި ހެދުމެއްނެގިއެވެ. ދެން ފެންވަރާ ކޮޓަރިއަށް ވަދެއްޖެއެވެ.

ވަރަށް އަވަސްގޮތަކަށް ހެދުން ބަދަލުކޮށްގެން ނުކުތްއިރު މުޢާޒު ކޮންމެވެސް ކަރުދާސްތަކެއް ހިފައިގެން އޭނާގެ ސްޓަޑީރޫމަށް ވަންނަނީއެވެ. ހީވަނީ މިހާރު މުޅިން ތައްޔާރުވެގެން ބޭރަށް ނުކުންނަން އުޅެނީ ހެންނެވެ.

* މިއެޕިސޯޑްގައި ހިމަނާލެވިފައިވާނީ ވޭނީކަރުނަ ވާހަކައިގެ ސަފްހާ ނަމްބަރު 260 އިން 262 ހަމައަށެވެ.

ދިވެހިބަހަށްގެނައީ: މުޙައްމަދު ރަޝީދު، ގައްދޫ *********************** ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު


12

އައިޝާ

11-May-2021

މާކުރު



ޓްރެންޑިން