ރައީސް ޔާމިންގެ ވެރިކަމުގައި ސުޕްރީމްކޯޓުގެ ފުރާޅުން ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރުކުރި ވާހަކައަކީ ޙަޤީޤަތާ ޚިލާފު ވާހަކައެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

2018 ވަނަ އަހަރުގެ ފެބުރުއަރީ 1 ގައި ސުޕްރީމް ކޯޓުން ވަނީ ކުއްލި ޙުކުމެއްކޮށް އޭރުގެ އިދިކޮޅު ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ބަންދުގައި ތިބި ނުވަ ގައިދީއަކު ދޫކޮށްލުމަށް އަމުރުކޮށްފައެވެ. އޭގެ އިތުރުން، ފްލޯ ކްރޮސް ކުރިކަމަށްބުނެ، ރައްޔިތުންގެ މަޖިލީހުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 12 މެމްބަރުން އެ މަގާމުން ވަކި ނުވާ ކަމަށް ވެސް ސުޕްރީމް ކޯޓުން ކަނޑައަޅާފައި ވެއެވެ. އެގޮތަށް ނިންމި ފަނޑިޔާރުންގެ ބެންޗްގައި އަޙްމަދު ޢަބްދުﷲ ދީދީ ވެސް ހިމެނިވަޑައި ގަންނަވައެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސްޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނެގި މައްސަލަ އަލުން ބަލަން ޖެހޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވައި އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ ރައީސް ޔާމީންގެ އަމުރަށް ސްޕްރީމް ކޯޓުގެ ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރުކުރި ވާހަކައަކީ ޙަޤީޤަތާ ޚިލާފު ވާހަކައެއް ކަމަށެވެ.

އަދި އެކަމުގައި ބަލަންޖެހޭ ޙަޤީޤީ މައްސަލައަކީ، ރާއްޖޭގައި ޤާއިމްވެފައި އޮތް ޤާނޫނީ ސަރުކާރު ވައްޓާލުމަށް ފަނޑިޔާރުންނާއި ގުޅިގެން ރޭވިކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކުގެ މައްސަލަ ކަމަށް ޑރ. ދީދީ ވިދާޅުވިއެވެ.



ރާއްޖޭގައި މިހާރު ޢަމަލުކުރަން ފަށާފައިވާ އިންތިޤާލީ އިންސާފުގެ ޤާނޫނާ ގުޅިގެން އަލްހާން ފަހުމީ ވިދާޅުވެފައި ވަނީ، ރައީސް ނަޝީދުގެ އަމުރަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޟީ ޢަބްދުﷲ މުޙައްމަދު ހައްޔަރުކުރި މައްސަލަ އާއި، ރައީސް ޔާމީނުގެ އަމުރަށް ސުޕްރީމް ކޯޓުގެ ޓިނު ނަގައިގެން ވަދެ، ދެ ފަނޑިޔާރަކު ހައްޔަރު ކުރި ކަމަށްބުނާ މައްސަލަ އަކީ އަލުން ބަލަން ޖެހޭ ދެ މައްސަލަ ކަމަށެވެ.

ސުޕްރީމް ކޯޓުގެ އޭރުގެ ފަސް ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން، ފެބްރުއަރީ 1 ގައި އެ އަމުރު ނެރެފައި ވަނިިކޮށް، އެ އަމުރު ތަންފީޒު ނުކުރާނެކަމަށް ސަރުކާރުން ބުނެ، ފެބްރުއަރީ 5 ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރިއެވެ. އޭގެ ފަހުން އުއްތަމަ ފަނޑިޔާރުކަމަށް ޢައްޔަން ކުރެއްވީ ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އެވެ. އަދި އެ ދުވަހުގެ އަމުރު ނެރުނު ބެންޗުގައި ތިއްބެވި އަނެއް ތިން ފަނޑިޔާރުން ފަހުން ވަނީ ކުރިން ނެރުނު އަމުރުގެ ބައެއް ބައިތައް ބާތިލް ކޮށް އެހެން އަމުރެއް ނެރެފައެވެ.



ކިޔުންތެރިންގެ ހިޔާލު