ފީފާ އިން ދޭ ބެސްޓް އެވޯޑުގެ ފިރިހެން އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ޕޮލެންޑްގެ ފޯވާޑް ރޮބާޓް ލެވަންޑޮސްކީ
ފީފާ އިން ދޭ ބެސްޓް އެވޯޑުގެ ފިރިހެން އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ޕޮލެންޑްގެ ފޯވާޑް ރޮބާޓް ލެވަންޑޮސްކީ
މިވަގުތު ދުނިޔޭގައި ތިބި އެންމެ މޮޅު ދެ ފުޓުބޯޅަ ކުޅުންތެރިން ކަމަށްވާ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި، ލަޔޮނަލް މެސީ ފަހަތަށް ޖައްސާލުމަށްފަހު، ފީފާގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ބަޔާން މިއުނިކަށް ކުޅޭ ޕޮލެންޑްގެ ފޯވާޑް ރޮބާޓް ލެވަންޑޮސްކީ ކާމިޔާބު ކޮށްފިއެވެ.

ސްވިޒަލެންޑުގެ ޒިއުރިޗްގައި ރޭ ބޭއްވުނު އެވޯޑް ހަފްލާގައި ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ ފީފާ އިން ދޭ ބެސްޓް އެވޯޑުގެ ފިރިހެން އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ރޮބާޓް ލެވަންޑޮސްކީ ހޯދިއިރު އެންމެ މޮޅު ކޯޗުގެ މަގާމް ޖެހިޖެހިގެން ދެވަނަ ފަހަރަށް ކާމިޔާބުކުރީ ލިވަޕޫލްގެ ޔާގެން ކްލޮޕް އެވެ. އަދި އެންމެ މޮޅު އަންހެން ކޯޗުގެ މަގާމް ލިބުނީ ނެދަލެންޑްސްގެ ސަރީނާ ވިއެގްމަން އަށެވެ.

އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލެވަންޑޮސްކީ އަށް ލިބުނުއިރު، އޭނާ ވަނީ ބަޔާން މިއުނިކާއި އެކު ޖަރުމަނު ބުންޑަސް ލީގާ އާއި ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުގެ އިތުރުން އެ ދެމުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. ފީފާ އެވޯޑްގެ އިތުރުން ލެވަންޑޮސްކީ ވަނީ މިއަހަރު ޔޫއެފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދައިފަ އެވެ.

ރޭގެ ރަސްމިއްޔާތުގައި އެންމެ މޮޅު އަންހެން އަދި ފިރިހެން ކުޅުންތެރިޔާ އާއި އަންހެން އަދި ފިރިހެން އެންމެ މޮޅު ކޯޗުގެ އިތުރުން އެންމެ މޮޅު ގޯލަށްދޭ "ޕުސްކަސް" އެވޯޑާއި އަންހެން އަދި ފިރިހެން އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް ވަނީ ހޮވައިފަ އެވެ. މީގެ އިތުރުން ފޭން އެވޯޑާއި ފީފާ ފެއާ ޕްލޭ އެވޯޑުގެ އިތުރުން އަންހެން އަދި ފިރިހެން އެންމެ މޮޅު އެގާރަ ކުޅުންތެރިން ހިމެނޭ ފިފްޕްރޯ ޓީމު ހޮވާފައިވެ އެވެ.

އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހޯދީ މެންޗެސްޓަރ ސިޓީ އާއި އިންގްލެންޑުގެ ލޫސީ ބްރޯންޒް އެވެ. އޭނާއާ އެކު މި އެވޯޑަށް ވާދަކުރީ ޗެލްސީ އާއި ޑެންމާކްގެ ޕާނިލޭ ހާޑާ އާއި ލިޔޯން އާއި ފްރާންސްގެ ވެންޑީ ރެނާޑް އެވެ.

އެންމެ މޮޅު ގޯލަށް ފީފާއިން ދޭ ޕުސްކަސް އެވޯޑް ލިބުނީ ޓޮޓެންހަމް ހޮޓްސްޕާސް އަށް ކުޅޭ ދެކުނު ކޮރެއާގެ ތަރި ސޮން ހެއުން މިން އަށެވެ. އެވޯޑް ލިބުނު ސޮންގެ ގޯލަކީ މިދިޔަ އަހަރު އިނގިރޭސި ޕްރިމިއާ ލީގުގައި ބާންލީއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ޖެހި ލަނޑެކެވެ. އެންމެ މޮޅު ގޯލްކީޕަރުގެ އެވޯޑް ހޯދީ ބަޔާން މިއުނިކާއި ޖަރުމަނުގެ ގޯލްކީޕަރު މަނުއެލް ނޯޔާ އެވެ.

މިއަހަރުގެ ފިފްޕްރޯ ފިރިހެން ޓީމުގައި އެންމެ ގިނައީ ލިވަޕޫލްގެ ކުޅުންތެރިންނެވެ. މި ޓީމުގައި ހިމެނުނު އެގާރަ ކުޅުންތެރިންނަކީ ގޯލްކީޕަރު އެލިސަން ބެކާ، ޓްރެންޓް އަލެކްޒަންޑަ-އާނޯލްޑް، ވާޖިލް ވެން ޑައިކް، ސާޖިއޯ ރާމޯސް، އަލްފޮންސޯ ޑޭވީސް، ޖޯޝުއާ ކިމިޗް، ކެވިން ޑި ބްރޭނާ، ތިއާގޯ އަލްކަންޓާރާ، ލިއޮނަލް މެސީ، ރޮބާޓް ލެވަންޑޮސްކީ އަދި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

އެވޯޑް ހަފްލާގައި ވަނީ މެންޗެސްޓަރ ޔުނައިޓެޑްގެ ފޯވާޑް މާކަސް ރަޝްފޯޑަށް ފީފާ ފައުންޑޭޝަން އެވޯޑް ވެސް ދީފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން