ޗެރިޓީ ޝިލްޑް ކާމިޔާބު ކުރުމަށްފަހު އީގަލްސް ކުޅުންތެރިން
ޗެރިޓީ ޝިލްޑް ކާމިޔާބު ކުރުމަށްފަހު އީގަލްސް ކުޅުންތެރިން
ރާއްޖޭގެ ފުޓްބޯޅަ ސީޒަން ހުޅުވުމަށް ކުޅުނު އެފްއޭ ޗެރިޓީ ޝީލްޑް މެޗު ކްލަބް އީގަލްސް ކާމިޔާބުކޮށްފި އެވެ.

މާޒިޔާ އާއި ދެކޮޅަށް އީގަލްސް ކުޅު މެޗު ކާމިޔާބު ކުރީ، 3-2 ގެ ނަތީޖާއިންނެވެ. މެޗު ފަށައިގެން ދެވަނަ މިނެޓް ގައި މާޒިޔާ އިން ވަނީ ލީޑު ނަގައިފަ އެވެ. މި ގޯލް އެޓީމަށް ކާމިޔާބު ކޮށްދިނީ ޑިފެންޑަރު އަލީ ސަމޫހް (ސަމުއްޓޭ) އެވެ. އޭގެ އިރުކޮޅެއް ފަހުން މާޒިޔާ އަށް ލިބުނު ޕެނަލްޓީއަކުން އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) ވަނީ އެޓީމުގެ ލީޑު ފުޅާކޮށްދީފަ އެވެ.

މެޗުގެ ދެ ވަނަ ހާފު ގައި އީގަލްސް މޮޅަށް ކުޅެފައި ވާއިރު، އެޓީމުން މެޗުގެ ލީޑް ނެގީ ހަތް މިނެޓުތެރޭ ޖެހި ތިން ގޯލާ އެކު އެވެ. ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިނީ ޒައިން ޒަފަރު އެވެ. އޭގެ އިރުކޮޅެއް ފަހުން މުހައްމަދު ނާއިމް ވަނީ އިތުރު ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ. އީގަލްސް މެޗުން މޮޅުވި ލަނޑު ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން ރިޒޭ އެވެ.

ރޭގެ މެޗުގައި ފެނިގެން ދިޔަ އެންމެ ޚާއްސަ ކަމަކީ މެޗްގެ ރެފްރީއެވެ. ރޭގެ މެޗްގެ ރެފްރީކަން ކޮށްފައިވަނީ، 2011 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު އިންސާފުކުރި ހަންގޭރީ އަށް ނިސްބަތްވާ ވިކްޓަ ކަސާއީ އެވެ.

އެފްއޭ ޗެރިޓީ ޝީލްޑް މެޗުން ލިބޭ ފައިސާ ވަނީ ތިން ޖަމިއްޔާއަކާ ހަވާލުކޮށްފަ އެވެ. އެގޮތުން މިއަހަރުގެ ޗެރިޓީ ޝީލްޑް މެޗުގެ ޕާޓްނަރުންގެ ގޮތުގައި ހަމަޖެއްސީ އާކް މޯލްޑިވްސް އާއި މޯލްޑިވިއަން ބްލަޑް ޑޯނާސްގެ އިތުރުން ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވް އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން