-ابراهيم رشدى-

ސަރުކާރުގެ خبر، ١ جمادى الاولى ١٣٧٤ ھ (26/12/1954 މ.)
(ނޯޓު: އެ ދުވަސްވަރުގެ ލިޔުންތަކުގައި އަރަބި/އުރުދޫ/ފާރިސީ ބަހުން ވަދެފައި ހުންނަ ބަސްތައް އަރަބިއަކުރުން ލިޔެއުޅުމީ އާދަައެކެވެ. އޭރު އަދި ތިކިޖެހި ތާނައެއްވެސް ވުޖޫދަކަށް ނާދެއެވެ. އެހެންކަމުން ނަކަލުކޮށްފައިވާނީ އޭރު ލިޔެއުޅުނު ގޮތަށް އަރަބިތާނައިންނެވެ.)

އާދޭހެވެ! ބޮޑަކަސް، ކުޑައަކަސް، މޮޅަކަސް، ދެރައަކަސް، މުއްސަންޖަކަސް، فقير އަކަސް، ކޮންމެ قطر އެއްގައިމެ، قومية އެއް އޮތުމަކީ فطرتى ކަމެކެވެ. قومية އަށް، قوم ގެ ލޯބި ބަހައްޓަނީ نهاية ގެ ދަރަޖައަށެވެ. މައިބަފައިން ޅަދަރީން ދެކެ ލޯބިވާ ދަރަޖައަށެވެ. قوم ގެ ކޮންމެ فرد އެއްވެސް، قومية އަށްޓަކައި، قربان ވަނީ، ފިސާރި ތެދުވެރިކަމާއި، ލޯތްބާއި، ހެއު نية ންނެވެ. قومية އަށް އުނިކަން ލިބެނީ ނަމަ، އެ އުނިކަމަކީ، އެބައިމީހުންގެ ހަށިތަކަށާއި، ފުރާނައަށް ލިބޭ އުނިކަމެއް ކަމަށް ހިތުމަކީ، واجب ކަމެއް ކަމަށް ހަދައެވެ. އެކަމެއް اصلاح ކުރުމަކީ، فرض އެއް ކަމަށް قبول ކުރެއެވެ.
އަޅުގަޑު މިދަންނަވަން އުޅޭ، ނުވަތަ ދެންނެވޭތޯ އުޅޭ އެއްޗެއްގެ މައްޗަށް، އަޅުގަޑު ހިތާމަކުރާ މިންވަރަށްވުރެ، ތިޔަބެއިފުޅުންނާއި ތިޔައެންމެކަލުން ހިތާމަކުރައްވާލެއް މާބޮޑުވާނޭކަން ކަށަވަރެވެ. އާދޭހެވެ! ކޮންމެ قوم އެއްމެ އެ قوم އެއްގެ جنس ވަކިވާ فطرتى امتياز ތަކެއް އޮވެއެވެ. އޭގެ ތެރެއިން، މީހާ ކޮންމެ ތާކު ހުރި ނަމަވެސް އެމީހެއްގެ ފުރާނައާއި، ވަކިނުވެ ހުންނަ امتياز އަކީ އެބައެއްގެ ބަހެވެ. އާދޭހެވެ! މި معمور ގެ تاريخ އަށް، ادنى نظر އެއް ހިންގަވާލެއްވި ކޮންމެ فاضل އަކު އެއްވެސް دليل އަކާއި برهان އަކާއި ނުލައި މި ނަންގަންނަ قضية تسليم ކުރާނޭކަން ކަށަވަރެވެ. مثال އަކަށް، "މަލިކު" މީހުން އެއީ، ދިވެހި جنس ގެ ބަޔަކު ކަމާއިމެދަކު، އެއްވެސް انسان އަކު ޝައްކެއް ނުކުރާނެ ނޫންތޯއެވެ؟ އެއީ އެބައިމީހުންގެ ބަހަކީ، "ދިވެހި" ބަހެވެ. ލިއާއަކުރަކީ ދިވެހި ތާނައެވެ. އަދި އެބައިމީހުން ގެދޮރު އަޅާފައިވާ هندسة އަށް ބެލި ނަމަވެސް، ދެބަހެއް ނެތި ކަށަވަރުވަނީ، އެބައިމީހުންނަކީ ދިވެހީން ކަމަށެވެ.
އާދޭހެވެ! ދިވެއްސަކު، ދިވެއްސެއްކަން އެގޭ خاصّ امتيازى ފާހަގައަކީ، ދިވެހި ބަހެވެ. މިހެން ވީއިރު، ދިވެހި ބަހަށް ދެރަކަމެއް، ނުވަތަ އުނިކަމެއް، އަންނަނީ ވިއްޔާ، އެކަމެއް صلح ކޮށްލުމަށް އަވަސްވެނުގަންނާނީ، ދިވެހީންގެ ތެރެއިން، ކޮން فاضل އެއްތޯއެވެ؟ އާދޭހެވެ! ތެދުތެދަށް قبول ކުރާ ތާކު، މިކަހަލަ ކަމެއް، اصلاح ކުރުން حق ވެގެންވަނީ، އެ قوم އެއްގައި ތިއްބެވި تعليم دار فاضل ންގެ މައްޗަށެވެ. އަދި خاصّ ކޮށް ބަހުގެ އަހުލުވެރި مُجَهْبَذ ންގެ މައްޗަށްކަން ކަށަވަރެވެ.

ޝައްކެއް، ވަސްވާހަކަށް ތަނެއް ނެތެވެ. އަޅުގަޑުމެންގެ ދިވެހިބަސް، އޭގެ قواعد ން ނެއްޓި، ކާބަފައިން އެބަސް މޮށިއުޅޭ ގޮތާއި خلاف ވަމުން އަންނަތާ ދުވަސްކޮޅެއް ވޭތުވެ ހިގައްޖެއެވެ. مثال އަކަށް، "ފެންފޮދު" ކިއުމުގެ ބަދަލުގައި، "ފެންކޮޅު" ކިއުންފަދަ، "ރޮނގެއް އޮންނާނޭ" ބުނުމުގެ ބަދަލުގައި، "ރޮނގެއް އިންނާނޭ" ކިއުންފަދަ، "އޭނާ ގާތުގައި ބުނާށޭ" ބުނުމުގެ بدل ގައި، "އޭނާ ކައިރީގައި ބުނާށޭ" ބުނުންފަދަ، "އޮޑި ހުރީ ރަށުގެ ބަޑުރުއްފުށުގައޭ" ބުނުމުގެ ބަދަލުގައި، "އޮޑި އިނީ ރަށުގެ ބަޑުރުއްފުށުގައޭ" ބުނުންފަދަ މިޒާތުގެ ކިތަންމެ مثال އެއް، متَدَاوِلْ ވަމުން ދާތީ ފެނެއެވެ. ނަމަވެސް މިބާވަތުގެ لفظ އެއް رسمى އެއްވެސް ލިޔުމެއްގެ ތެރޭގައި ލިއެވިފައިވަނިކޮށް ނުދެކެމެވެ. އެހެންކަމުން އެކަމާ މާބޮޑު أهمية އެއް ނުބެހެއްޓުނީއެވެ. ނަމަވެސް މިދިޔަ قومى ދުވަހު، أعنى މިހިގާ އަހަރުގެ ربيع الأوّل މަހު ١ ދުވަހުގެ ޕުރޯގިރާމްގައިވާ، (3- قومى ދުވަހު ހަވީރު ٤ ޖަހާއިރު، رسمى ބޯޅަބިމުގައި، ސިފައިންނާއި، مدرسة المجيديّة ގެ خاصّ ކުދިންގެ ސެލިއުޓް ކީރިތި މަހާރަދުން ނަންގަވާނެއެވެ.) މި نمبر ގެ ދަށުގައިވާ ٥ ވަނަ نمبر ގައި އޮތީ، (ރަދުން އެވަޑައިގަންނަވާ ގޮތަށް، އަރާވަޑައިގަންނަވާނީ، ސިލިއުޓް ނެންގެވުމަށް ތައްޔާރުކޮށްފައިވާ ޕްލެޓްފޯރމްގެ މައްޗަށެވެ.) އާދޭހެވެ! އަޅުގަޑު قبول ކުރާ ގޮތުގައިވިއްޔާ ޕްލެޓްފޯމް"ގެ" މައްޗަށޭ އެއޮތީ قلم ން އިސްވެދިޔަ ކުށެކެވެ. އަޅުގަޑު ދަންނަ ގޮތުގައި، ދިވެހިބަސް މޮށުމާއި އެއްގޮތްވާނީ، ޕްލެޓްފޯމް މައްޗަށެވެ. މިހެންނެވެ. މިކަމާއިމެދު ދިވެހި ދަރީންގެ ތެރެއިން تعليم ލިބިލައްވާފައިވާ، އަދި خاصّ ކޮށް ބަހުގެ اهل ވެރި فاضل ންގެ އަރިއަހުން، އަޅުގަޑު އެދެނީ، ފިސާރި ހެޔޮ نية ގައި، ދިވެހިބަހާއިމެދު ވަރަށް ބޮޑު اهتمام ބެހެއްޓުމެވެ.
އަޅުގަޑު މިދެންނެވި ދެންނެވުމަކީ، ތިޔަބޭފުޅުންނާއި، ތިޔަ އެންމެކަލުންގެ އަރިހުގައި، مقبول އެއްޗެއް ކަމުގައި ހެއްދެވުމަކީ، ތިޔަ އެންމެކަލުންގެ އަރިއަހަށް އަޅުގަޑު ކުރާ ވަރަށް ބޮޑު التماس އެކެވެ!
............................................
މިއީ ދިވެހިބަހުގެ استاذ صاحب السّعادة فضيلة الشيخ ابراهيم رشدى الأزهري رحمه الله، މީގެ 66 އަހަރު ކުރިން ދިވެހިބަހާ ބެހޭގޮތުން ލިޔުއްވާފައި ލިޔުއްވުމެކެވެ. ވަރަށްވެސް އަގުހުރި ނަސޭހަތެކެވެ. އޭނާ ކުރައްވާފައިވާ އިލްތިމާހާއި އެއްގޮތަށް އަޅުގަނޑުމެންގެ މި ދިވެހި ގައުމުގެ އަމިއްލަވަންތަކަން ރަމްޒުކޮށްދޭ މި ދިވެހިބަސް ހެޔޮގޮތުގައި ބޭނުންކޮށް އަޅުނގަޑުމެންގެ ދަރީންނާއި ދަރީންގެ ދަރީން ފަޚުރުވެރިވާނޭ ފަދަ އެއްޗެއްގެ ގޮތުގައި ފޯރުކޮށްދެމާ ހިނގާށެވެ.
މުޙައްމަދު ނާޖިޙު / އައްޑޫ މަރަދޫ

ކިޔުންތެރިންގެ ހިޔާލު