ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ރާއްޖެއިން ޗައިނާއަށް ދައްކަންޖެހޭ އެއްވެސް ދަރަޏެއް އަދި ރީސްޓްރަކްޗަރވެފައި ނެތް ކަމަށާއި، ނަމަވެސް އެދަރަނިތައް ރީ ސްޓްރަކްޗަރ ކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހުގެ ސަރުކާރަށް 2 އަހަރުފުރުމާ ގުޅިގެން އެމްޑީޕީ ހަރުގޭގައި ވާހަަކަފުޅުދައްްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއިން ދައްކަންޖެހޭ ލޯނުތައް ދެއްކުމަށް ޗައިނާއިން ރާއްޖެއަށް އެއްވެސް ލުޔެއް ދީފައިނުވާކަމަށެވެ. ނަމަވެސް އެވާހަކަތައް ދޮގުކޮށް ރައީސް އޮފީހުން ބުނީ ޗައިނާގެ އިތުރުން ޔޫރަޕްގެ އެހެން ބައެއް ގައުމުތަކުން ނަގާފައިވާ ލޯނުތައްވެސް އަންނަ އަހަރުގެ ފުރަތަމަ 6 މަހު ދައްކަންނުޖެހޭނެ ކަމަށެވެ.

އެކަމާގުޅިގެން ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދު ވިދާޅުވީ، ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރުން ދަރަނީގެ މައްސަލާގައި ވާހަކަ ދައްކާނެކަމީ އެމަނިކުފާނުގެ ހިތުގައި ޝައްކު ހިނގާ ކަމެއް ނޫން ކަމަށާއި، އަދި ޗައިނާއިން އެ ދަރަނިތައް ރީސްޓްރަކްޗަރ ކުރާނެ ކަމަށްވެސް އުއްމީދު ކުރައްވާ ކަމަށެވެ.

"އަޅުގަނޑު ވަރަށް އިތުބާރުކުރަން ރައީސުލްޖުމްހޫރިއްޔާއަށް. އަޅުގަނޑު ވަރަށް އިތުބާރުކުރަން ސަރުކާރަށް. އަޅުގަނޑު ދެކޭ ގޮތުގައި ސަރުކާރުން މި ލޯންތައް ރީސްޓްރަކްޗަރ ކުރާނެ. ނުކުރެވެއްޖެއްޔާ އަޅުގަނޑުމެންނަށް މައްސަލަ ދިމާވާނެ. އަޅުގަނޑުގެ ބޭނުމަކީ، މަޖިލީހުގެ ދަރަނީގެ ރިޕޯޓުން ސާފުވާ ގޮތުގައި. އަންނަ އަހަރުގެ މާރޗްމަހާ ހަމައިގައި ތާއްޓެއް އުޅޭނޭ." ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާން ވިދާޅުވީ، ވިއްސަކަށް ޤައުމު ޑެޓް ރިލީފަށް މަސައްކަތް ކުރާ ކަމަށާއި، ދިވެހި ސަރުކާރާއި ޗައިނާއާއި ވާހަކަ ދައްކާނެ ކަމަށެވެ. އެހެން ނަމަވެސް އެއްވެސް ލޯނެއް އަދި ރީސްޓްރަކްޗަރ ވެފައި ނެތް ކަމަށް އެމަނިކުފާން ވިދާޅުވިއެވެ.

"ނޫން. އެއްވެސް ދަރަންޏެއް އަދި އަޅުގަނޑަށް އެނގިފައިވާގޮތުން ރީސްޓްރަކްޗަރ ވެފައެއް ނެތް. ޖީ-20 ޤައުމުތަކުގެ މެދުގައި އެއްބަސް ވެވުނު ކޯވިޑް ޙާލަތަށް ފަހުގައި ޑެޓް ރިލީފް މަސައްކަތެއް ހިންގަން. އޭގެ ތެރޭގައި ޗައިނާވެސް ހިމެނޭ. އެހެން ނަމަވެސް ޕެރިސް ކްލަބްގައި ހިމެނޭ ޤައުމުތަކުން އަޅުގަނޑަށް މަޢުލޫމާތު ލިބިފައިއޮތް ގޮތުގައި، ހައެއްކަ ޤައުމާ އެކީގައި އެމީހުން މިހާރު ޑެޓް ރިލީފް ޕެކޭޖެއް ދީފި." ޗައިނާއިން ނަގާފައިވާ އެއްވެސް ލޯނެއް އަދާކުރުމުގައި ލުއި ނުދޭ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަ ރައީސް އޮފީހުން ދޮގުކޮށްފައިވާތީ އެކަމާ ބެހޭގޮތުން ނޫސްވެރިއަކު ސުވާލު ކުރުމުން އެވާހަކަ ތަކުރާރު ކުރަށްވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ޗައިނާއިން ނަގާފައިވާ ލޯނުތައް މާދަމާ ދެއްކެން އޮތް ކަމަށް އެމަނިކުފާން ދެކެވަޑައި ނުގަންނަވާ ކަމަށާއި، އަދި އެ ދަރަނި މި ދަނޑިވަޅުގައި ދެއްކުމަށް އެހެން ސަރުކާރަކުން ބާރު އެޅުމަކީ އިންސާފުކަމަށް ނުދެކޭ ކަމަށެވެ. އަދި ތެދުވާހަކަ ދައްކަން އެމަނިކުފާނަށް މަޖުބޫރު ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވިދާޅުވީ، ލޯންތައް ރީސްޓްރަކްޗަރ ވެއްޖެނަމަ ރާއްޖެ ޑިފޯލްޓަކަށް ނުދާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން