ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދެކޭގޮތް ސަރުކާރުން ދެކޭގޮތާ އެއްގޮތްވާކަށް ނުޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސްކުރާ ގޭގައި ކުރިއަށް ގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ކަންކަން ފެންނަގޮތް ސަރުކާރަށް ފެންނަ ގޮތާ އެއްގޮތްވުމަކީ ސަރުކާރުވެސް ދެކޭގޮތް ނޫންކަމަށާއި، އަދި މަޖިލީހުގެ މެމްބަރުންވެސް ދެކޭގޮތް ނޫން ކަމަށެވެ. އަދި އެއީ ރާއްޖޭގެ ޤާނޫނު އަސާސީ ބަޔާންކުރާގޮތްވެސް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ރައްޔިތުންގެ މަޖިލީހުގެ ވާޖިބަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމާއި، ޤާނޫނު ހެދުން. އަދި ޚާއްސަކޮށް ބަޖެޓް ދިރާސާކުރުމާއި އެ ބަޖެޓް ފާސްކުރުން." ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާން ވިދާޅުވީ ބަޖެޓްގެ ބަހުސްގެ ތެރޭގައި ދަރަނީގެ ނުކުތާތައް ފާހަގަވާނެ ކަމަށާއި، ދިވެހި ރާއްޖޭގެ ދަރަނި އެންމެ ބޮޑަށް އަނބުރާ ދައްކާން ޖެހިފައިވަނީ ޗައިނާގައިވާ އެކިއެކި ބޭންކުތަކަށް ކަމަށެވެ.

"އަޅުގަނޑުމެން ދަރާއޮތީ ޗައިނާއަށް ކަމާ، އެ ދަރަނި ޗައިނާއަށް އަޅުގަނޑުމެން މިއަންނަ އަހަރު ދައްކަން ޖެހޭކަމާ، މިހިރީ ޙަޤީޤަތްތައް. މިއީ ހަތުރަކަށް ވިޔަސް އަދި ރަޙުމަތްތެރިއަކަށް ވިޔަސް މި ޙަޤީޤަތްތައް ހާމަ ކުރަމުން ގެންދާން ޖެހޭނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގެ މެމްބަރުން މާތް ރަސްކަލާންގެ ގަންދީ ހުވާ ކޮށްގެން ތިބެނީ ޙަޤީޤަތްތައް ހާމަކުރުމަށް ކަމަށާއި، ބަޖެޓުގެ ކުރިއަށް މަޖިލީހުން އެކުލަވާލި ދަރަނީގެ ރިޕޯޓުންވެސް ވަރަށްގިނަ ޙަޤީޤަތްތައް ހާމަކޮށްދީފައި ވާނެ ކަމަށެވެ. އަދި އެ ނުކުތާތައް މަޖިލީހުގެ މެމްބަރުން ފާހަގަ ކުރަމުން ގެންދާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން