ކޯވިޑް-19 ޖެހިގެން ނިޔާވި މީހެއް ވަޅުލަނީ (ފޮޓޯ: ސޯޝަލް މީޑިއާ)
ކޯވިޑް-19 ޖެހިގެން ނިޔާވި މީހެއް ވަޅުލަނީ (ފޮޓޯ: ސޯޝަލް މީޑިއާ)
ރާއްޖޭގައި ކޯވިޑް-19ގެ ނުރައްކާ އަނެއްކާވެސް ބޮޑުވެ، ވޭތުވެދިޔަ 72 ގަޑިއިރުގެ ތެރޭގައި ބަލީގައި ނިޔާވި މީހުންގެ ޢަދަދު 4 އަށް އަރައިފިއެވެ.

އެޗްޕީއޭއިން ރޭ ދަންވަރު ބުނެފައިވަނީ، ރާއްޖޭގައި ކޯވިޑް ޖެހިގެން އިތުރު ދިވެއްސަކު ނިޔާވެފައިވާ ކަމަށާއި، އެއީ މިބަލީގައި ރާއްޖެއިން ނިޔާވި 45 ވަނަ މީހާ ކަމަށެވެ.

72 އަހަރުގެ އެ ފިރިހެންމީހާ އައިޖީއެމްއެޗްގެ އިމަޖެންސީ ރޫމަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް އެޗްޕީއޭ އިން މަޢުލޫމާތު ދެއެވެ. އަދި އޮންނަ އުސޫލުގެ ދަށުން ކޮވިޑަށް ޓެސްޓު ކުރި އިރު، ބައްޔަށް ޕޮޒިޓިވް ވެފައިވާ ވާތީ، އެ މަރަކީ ކޮވިޑް މަރެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މިއީ މިމަހުގެ ތެރޭގައި މި ބަލީގައި މަރުވި ހަތް ވަނަ މީހާ އެވެ. އަދި މިދިޔަ ތިން ދުވަހުގެ ތެރޭގައި މަރުވި ހަތަރުވަނަ މީހާ އެވެ.

ރާއްޖޭގައި އިއްޔެ ވެސް ވަނީ ކޮވިޑް ބަލީގައި ދެ މީހަކު މަރުވެފަ އެވެ. އެއީ ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާދެމުންދިޔަ 52 އަހަރުގެ ދިވެހި ފިރިހެނަކާއި 79 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭގެ ކުރީދުވަހު ވަނީ 57 އަހަރުގެ ދިވެހި ފިރިހެނެއްވެސް މި ބަލީގައި ނިޔާވެފައެވެ.

މިހާތަނަށް މި ބަލީގައި މަރުވެފަައިވަނީ 37 ދިވެހިންނާއި ހަތް ބިދޭސީންނެވެ. މަރުވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަ މީހަކާއި ފިލިޕީންސް މީހެކެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވި މީހުންގެ ޖުމުލަ އަދަދު ވަނީ 12،314 އަށް އަރައިފަ އެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި 277 މީހަކު ތިބި އިރު، ހޮސްޕިޓަލުތަކުގައި 59 މީހަކު އެބަ ތިއްބެވެ. ރާއްޖޭގައި މިހާތަނަށް ބަލިން ރަނގަޅުވެފައިވަނީ 11،316 މީހެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން