ޒިހާން
ޒިހާން
ދައުލަތުގެ ތިން ބާރު ތަމްސީލުކުރާ މައި އިދާރާތަކުގައި އަލިފާން ރޯކޮށްލުމަށް ސޯޝަލް މީޑިއާގައި ގޮވާލި މައްސަލައިގައި ހައްޔަރުކުރި، ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒިހާންގެ ބަންދަށް ކޯޓުން އިތުރު 14 ދުވަސް ދީފިއެވެ.

ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރީ، ފުރަތަމަ ދިން މުއްދަތު ހަމަވުމާ ގުޅިގެން މިއަދު އެ ކޯޓަށް ހާޒިރުކުރުމުންނެވެ.

ޒިހާން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އޭނާގެ އުފަން ރަށް، ޏ. ފުވައްމުލަކުން މިދިޔަ އޮކްޓޯބަރު މަހުއެވެ. އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން، ތަހުގީގަށް ފުރަތަމަ ޖަހައިދިނީ 15 ދުވަހުގެ ބަންދުގެ މުއްދަތެކެވެ.

ފުލުހުން އޭނާ ހައްޔަރުކުރީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ރައްޔިތުންގެ މަޖިލިސް އިދާރާ އަދި ސުޕްރީމް ކޯޓުގައި އަލިފާން ރޯނުކުރަނީ ކީއްވެގެންތޯ ސުވާލު އުފައްދައި، އެ ތަންތަނުގައި ހުޅުޖަހައިފިނަމަ "މަޖާވާނެ" ކަމަށް ބުނެ ފޭސްބުކްގައި ޝާއިއުކުރި ޕޯސްޓަކާ ގުޅިގެންނެވެ. އެ ލިޔުން ޕޯސްޓްކުރިތާ ގަޑިއިރެއްގެ ތެރޭގައި އޭނާ ވަނީ އެ ޑިލީޓްކޮށްލައިފައެވެ.

އެހެން ނަމަވެސް، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ދައުލަތުގެ މުހިންމު ތަންތަނުގައި ހުޅުޖެހުމަށް ގޮވާލުމާއި އެފަދަ ކަންކަމަށް ހިތްވަރު ދިނުމަކީ ޖިނާއީ ބޮޑު ކުށަކަށް ވާތީ، ފުލުހުން އަންނަނީ މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުންނެވެ.

އެމްއެންޑީއެފްގެ ކުރީގެ ނޭވަލް އާކިޓެކްޓް ފަސްޓް ލެފްޓިނެންޓް ޒިހާން އަށް މިހާރުގެ ސަރުކާރުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ދިން ނަމަވެސް، މާ ގިނަ ދުވަސްތަކެއް ނުވެ އޭނާ ވަނީ އެ މަގާމުން ވަކިކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު