ފެނަކަ ކޯޕަރޭޝަނުން ޔުޓިލިޓީގެ ޚިދުމަތް ދެމުންގެންދިޔަ ހުރިހާ ރަށެއް ސްޓެލްކޯގެ ދަށަށް ބަދަލުކުރުން: ލ. ފޮނަދޫގައި ޚިދުމަތާ ހަވާލުވެ، ސްޓެލްކޯގެ ދިދަ ނެގުން
ފެނަކަ ކޯޕަރޭޝަނުން ޔުޓިލިޓީގެ ޚިދުމަތް ދެމުންގެންދިޔަ ހުރިހާ ރަށެއް ސްޓެލްކޯގެ ދަށަށް ބަދަލުކުރުން: ލ. ފޮނަދޫގައި ޚިދުމަތާ ހަވާލުވެ، ސްޓެލްކޯގެ ދިދަ ނެގުން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، ފެނަކަ ކޯޕަރޭޝަނުން ޔުޓިލިޓީގެ ޚިދުމަތް ދެމުންގެންދިޔަ ހުރިހާ ރަށެއް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް މިއަދު އެއްކޮށް ނިންމާލައިފިއެވެ. މި ބަދަލާ ގުޅިގެން އެންމެ ފަހު ރަށެއްގެ ގޮތުގައި ޚިދުމަތާ ހަވާލުވެ، ސްޓެލްކޯގެ ދިދަ ނަގާފައިވަނީ ލ. ފޮނަދޫގައެވެ.

މިއަދު ލ. ފޮނަދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޤައުމީ ދިދަ ނަންގަވައިދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރެވެ. އަދި ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ އެ ކުންފުނީގެ ސައުތު ރީޖަނަލް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރ އަޙްމަދު ޝަރުނީޒެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު ވިދާޅުވީ، ރަށްތަކުގެ ޚިދުމަތްތަކާ އެ ކުންފުނިން ހަވާލުވުމުން ރައްޔިތުން މި ޚިދުމަތްތަކާމެދު ކުރާ އުއްމީދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަރުދަނާ ވިސްނުންފުޅާއި، ދުރުވިސްނޭ ސިޔާސަތުތަކުގެ ތެރެއިން ނިންމަވާފައިވާ ވަރަށް މުހިންމު އަދި ބޭނުންތެރި ނިންމެވުމެއްކަން ފާހަގަކުރައްވައި އެމަނިކުފާނަށް އެމްޑީ ވަނީ ޝުކުރު އަދާކުރައްވާފައެވެ. މީގެއިތުރުން، ރައްޔިތުންގެ އުއްމީދުތައް ޙާޞިލްކޮށްދިނުމަށް ކުންފުންޏާއި ކުންފުނީގެ މުވައްޒަފުން ކެނޑިނޭޅި މަސައްކަތް ކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.

މީގެ ކުރިން ސްޓެލްކޯއިން ޚިދުމަތް ދެމުން ގެންދިޔައީ މާލެ ސަރަޙައްދުގެ އިތުރުން ކ. އަތޮޅު، އއ. އަތޮޅު، އދ. އަތޮޅު އަދި ވ. އަތޮޅުގައެވެ. އަދި ފެނަކަ އުވާލަން ސަރުކާރުން ނިންމުމުގެ ކުރިން ބ. އަތޮޅު، ޅ. އަތޮޅު އަދި މ. އަތޮޅުގެ ރަށްތަކުގެ ޚިދުމަތްތައްވެސް ވަނީ ސްޓެލްކޯގެ ދަށަށް ބަދަލުކޮށްފައެވެ. މިއަދު ގެނެވުނު ބަދަލާއެކު، ބާކީ ހުރި އަތޮޅުތަކުގެ 127 ރަށެއްގެ ޔުޓިލިޓީ ޚިދުމަތްތައް މިހާރު ވަނީ ރަސްމީކޮށް ސްޓެލްކޯގެ ދަށަށް ގެނެވިފައެވެ.

ސްޓެލްކޯއިން މަޢުލޫމާތު ދޭ ގޮތުގައި، މި ރަށްތަކުގެ ހިންގުން ހަރުދަނާކޮށް، އެ ކުންފުނީގެ މިންގަނޑުތަކަށް ޚިދުމަތްތައް ފެއްތުމަށްޓަކައި އިދާރީ އޮނިގަނޑަށް ވަނީ ބަދަލު ގެނެސްފައެވެ. އަދި އަތޮޅުތަކުގެ އިންޖީނުގެތައް އެންމެ އެކަށީގެންވާ ގޮތެއްގައި ހިންގާ ބެލެހެއްޓޭނެ އޮނިގަނޑެއް އެކުލަވާލައި، މިހާރު ވަނީ ތަންފީޒުކުރަން ފަށާފައެވެ. ފެނަކައިން ޚިދުމަތް ދެމުން އައި އަތޮޅުތެރޭގެ ރަށްތައް ކުންފުނީގެ ދަށަށް ގެނައުމުގެ ޢަމަލީ މަސައްކަތުގައި ސްޓެލްކޯގެ ޖުމްލަ ހަތަރު ޓީމަކުން އަތޮޅުތެރޭގައި ޙަރަކާތްތެރިވެފައިވާ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް