އޭސީސީގެ މެމްބަރުން މަޖިލީހުގެ ކޮމިޓީއެއްގައި
އޭސީސީގެ މެމްބަރުން މަޖިލީހުގެ ކޮމިޓީއެއްގައި
ސަރުކާރު ބަދަލުވުމާއެކު ދަޢުލަތުން ބަދަލުގެ ގޮތުގައި ގިނަ ޢަދަދެއްގެ ފައިސާދިން ބިގް ކުންފުނިން ބޭންކަށް ޖަމާކުރަން އުޅުނު ފައިސާތަކަކާ ގުޅޭ މައްސަލައެއް ތަހުގީގުކޮށް އޭސީސީން މަޖިލީހަށް މިއަދު ރިޕޯޓެއް ފޮނުވައިފިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެ ރިޕޯޓަކީ ޝައްކުކުރެވޭ މާލީ މުޢާމަލާތަކާ ގުުޅިގެން އެމްއެމްއޭއިން ނެރެފައިވާ އެސްޓީއާރަކާ ގުޅިގެން އޭސީސީން ހިންގި ތަހުގީގެއް ފުރިހަމަކޮށް ފޮނުވާފައިވާ ރިޕޯޓެއް ކަމަށެވެ. އެގޮތުން މި އަހަރުގެ މާޗު މަހުގެ 16 ވަނަ ދުވަހު ބިގް ކުންފުނިން 2 މިލިއަން 8 ލައްކަ 50 ހާސް ރުފިޔާ ޖަމާކުރުމަށް ބީއެމްއެލްއަށް ދިއުމުން އެ ފައިސާގެ އަސްލަކީ ކޮބައިކަން ބިގުން ހުށަހެޅި ލިޔެކިޔުންތަކުން ބީއެމްއެލްއަށް ޔަޤީންނުވުމާ ގުޅިގެން، އެ ފައިސާ ޖަމާކޮށްދީފައިނުވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ބީއެމްއެލްގައި ހުޅުވާފައިވާ ބިގުގެ އެކައުންޓަށް އެ ފައިސާ ޖަމާނުކުރުމުން ބޭންކް އޮފް ސިލޯނުގައި އޮންނަ އެ ކުންފުނީގެ އެކައުންޓަކަށް އެ ފައިސާ ޖަމާކޮށްފައިވަނީ 18 މާޗު 2020 ވަނަ ދުވަހުގައި ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވާ ކަމަށާއި، ސިޔާސީ ގޮތުން މަސްލަހަތު ހުރި ފަރާތްތަކަކާ ގުޅުންހުރި ކުންފުންޏެއްގެ އެކައުންޓަކަށް ގިނަ ޢަދަދެއްގައި ފައިސާ ޖަމާކޮށްފައިވުމާއި އަދި އެ ފައިސާ ޖަމާކުރި ކަމަށް ބިގުން ބުނާ ސިންގަޕޫރު ކުންފުނީގެ އަސްލު ނޭނގޭތީއާއި އެ ނަގުދު ފައިސާގެ އަސްލު ނޭނގޭތީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ރިޕޯޓެއް ތައްޔާރުކޮށް އެ މުޢާމަލާތުގައި މަނީލޯންޑަރިންގެ ކުށް ހިމެނޭ ކަމުގައި ތުހުމަތުވާތީ އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށްވެސް ގެނެސްފައިވާ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ސަރުކާރު ބަދަލުވުމާއެކު ދަޢުލަތުން ބަދަލުގެ ގޮތުގައި ބިގް ކުންފުންޏަށް 75 މިލިއަން ރުފިޔާ ވަނީ ދީފައެވެ. ރައީސް ނަޝީދު ވަނީ އެ ރިޕޯޓް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުއްވާނެ ކަމަށް ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން