ޖުޑީޝަލް ސަރވިސް ކޮމިޝަން
ޖުޑީޝަލް ސަރވިސް ކޮމިޝަން
ދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަބްދުއްރައްޒާގު މުހައްމަދު ފަނޑިޔާރުކަމުގެ މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމައިފިއެވެ.

ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ޢަބްދުއްރައްޒާޤު މުޙައްމަދު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެކޮމިޝަނުން 09 ނޮވެންބަރު 2020 ވަނަ ދުވަހު ބޭއްވުނު ކޮމިޝަނުގެ 84 ވަނަ ބައްދަލުވުމުގައި ނިންމުމާގުޅިގެން، އިސްމެޖިސްޓްރޭޓް ޢަބްދުއްރައްޒާޤު މުޙައްމަދު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމުގެ މައްސަލައާމެދު ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ކޮމިޝަނުން ފޮނުވާފައިވާ ކަމަށެވެ.



އިސްމެޖިސްޓްރޭޓް ޢަބްދުއްރައްޒާޤު މުޙައްމަދުގެ މައްޗަށް ޖޭއެސްސީން ބަލާފައިވާ މައްސަލައަކީ ދ.މާއެނބޫދޫ ކޯޓުގައި 04 މެއި 2015 ގައި ނިންމާފައިވާ މައްސަލައެއްގައި، ކުރިން ޙުކުމްކޮށްފައިވާކަން އިސްމެޖިސްޓްރޭޓް ޢަބްދުއްރައްޒާޤު މުޙައްމަދަށް އެނގިހުރެ ގަސްތުގައި، އެދެމައްސަލަ ހިންގި މައްސަލައެކެވެ. އަދި ޖޭއެސްސީގެ ތަޙްޤީޤަށް އިސްމެޖިސްޓްރޭޓް އޮޅުވާލާފައިވާކަމަށްވެސް ޖޭއެސްސީން ވަނީ ބުނެފައެވެ.

މީގެ އިތުރުން ދ.ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލައެއް ބެލުމަށް ކޮމިޝަނުން ޙަވާލުކޮށްފައިވާ މެޖިސްޓްރޭޓް ލައްވައި އެމައްސަލަ ބަލަން އިސްމެޖިސްޓްރޭޓް ޢަބްދުއްރައްޒާގު މުޙައްމަދު ހިތްހަމަނުޖެހި، އެމައްސަލަ ބެލުމުގެ އިޙްތިސާސް ލިބިގެން ނުވާ ދ.މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓަށް އަވަސްނިޔާގެ މައްސަލައެއްގެ ގޮތުގައި ހުށަހަޅާފައިވާކަމަށްބުނާ މައްސަލައެއްވެސް ކޮމިޝަނުން ދަނީ ބަލަމުންނެވެ.

ހަމައެއާއެކު ދ.ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ ޤަޟިއްޔާއެއްގެ ޝަރީޢަތަށް އިސްމެޖިސްޓްރޭޓް ޢަބްދުއްރައްޒާޤު މުޙައްމަދު ހުށަހަޅާފައިވާ އެއްބަސްވުމެއްގައިވާ ސޮޔަކީ ފޯޖްކޮށްފައިވާ ސޮއެއްކަމަށް ބުނާ މައްސަލައެއްވެސް އެކޮމިޝަނުން ތަޙްޤީޤު ކުރަމުން ގެންދާ ކަމަށް ކޮމިޝަނުން ބުނެފައި ވެއެވެ.

މީގެ އިތުރުން، ފޯޖްކޮށްފައިވާ ސޮއެއްކަމަށް ބުނާ މައްސަލަ މޯލްޑިވެސް ޕޮލިސް ސަރވިސްއިން ތަޙްޤީޤުކުރަން ފެށުމާ ގުޅިގެން 07 ޖެނުއަރީ 2020 ވަނަ ދުވަހުން ފެށިގެން އިސްމެޖިސްޓްރޭޓް ޢަބްދުއްރައްޒާޤު މުޙައްމަދު ހުންނެވީ ސަސްޕެންޑްކުރެވިފައި ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން