އެފްއޭއެމް
އެފްއޭއެމް
ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ތަރި އިބްރާހީމް ފަޒީލް (އޮއްޕޮ) ގެ ކުންފުނި، ފިއުޗާ ހޯމްސް ޕްރައިވެޓް ލިމިޓެޑުން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފިއެވެ.

މި އަޑުއެހުން ކެންސަލްކުރަން ޖެހުނީ ދައުވާކުރާ ފަރާތް ކަމަށްވާ ފިއުޗާ ހޯމްސް ކުންފުނިން ކޯޓަށް ހާޒިރުނުވުމުގެ ސަބަބުންނެވެ. މި މައްސަލައިގެ ޝަރީއަތް ފެށުމަށް ސިވިލް ކޯޓުން ތާވަލުކޮށްފައި އޮތީ މިއަދު މެންދުރު 12:30 އަށެވެ. ނަމަވެސް، އެ ކުންފުންޏަށް އަޑުއެހުމުގައި ބައިވެރިވެވެން ނެތްކަން އެންގުމާ ގުޅިގެން ކޯޓުން ވަނީ އަޑުއެހުން ކުރިއަށް ނުގެންދަން ނިންމާފައެވެ.

މި މައްސަލައަކީ މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ހަދާފައިވާ ގުދަނެއް ހުސްކުރަން އެފްއޭއެމް އިން އެންގުމުން، އެކަމާ ދެކޮޅު ހަދައި އޮއްޕޮގެ ކުންފުނިން ހުށަހެޅި މައްސަލައެކެވެ. ފިއުޗާ ހޯމްސްއިން ކޯޓުގައި އެދިފައިވަނީ އެ ބިން ހުސްކުރުން ހުއްޓުވުމުގެ އަމުރެއް ނެރެދިނުމަށާއި، އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު އޮތްކަން ކަނޑައަޅައި ދިނުމަށެވެ.

މި މައްސަލައާ ގުޅިގެން އެފްއޭއެމް އިން ބުނެފައިވަނީ، މާފަންނު ސްޓޭޑިއަމް ސަރަހައްދަކީ 2017 ވަނަ އަހަރުން ފެށިގެން 50 އަހަރުގެ މުއްދަތަށް ފީފާގެ ޕްރޮޖެކްޓްތައް ހިންގުމަށް ސަރުކާރުން އެ އެސޯސިއޭޝަނަށް ދޫކޮށްފައިވާ ބިމެއް ކަމަށެވެ. އެ ސަރަހައްދުގައި އޮއްޕޮގެ ކުންފުނިން 2،700 އަކަފޫޓުގެ ދެބުރި ގުދަނެއް ހަދާފައިވަނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ އަދި މާލެ ސިޓީ ކައުންސިލްގެ އެއްވެސް ހުއްދައެއް ނެތި، ގަވައިދާ ހިލާފަށް ކަމަށް އެފްއޭއެމް އިން ފާހަގަކުރެއެވެ.

އޮއްޕޮގެ ކުންފުނިން ބުނާ ގޮތުގައި، އެ ގުދަން 25 އަހަރަށް އެ ކުންފުންޏަށް ދޫކޮށްފައިވަނީ އެ ސަރަހައްދުން ކުނި އުކާލުމަށް ކުންފުނިން ހޭދަކުރި 1.8 މިލިއަން ރުފިޔާގެ ބަދަލުގައި، އެއްވެސް ކުއްޔެއް ނުނަގާ ގޮތަށެވެ. ނަމަވެސް އެފްއޭއެމް އިން ބުނަނީ އެފަދަ އެއްވެސް ރަސްމީ އެއްބަސްވުމެއް އެ ކުންފުންޏާއެކު ހަދާފައި ނުވާނެ ކަމަށެވެ.

ކަމާބެހޭ އިދާރާތަކުން ވެސް އެފްއޭއެމްއަށް އަންގާފައިވަނީ، އެ އިމާރާތަކީ އެއްވެސް ކުރެހުމެއް ފާސްކުރުމެއް ނެތި އުސޫލުތަކާ ހިލާފަށް ބިނާކޮށްފައިވާ ތަނެއް ކަމަށެވެ. މި މައްސަލައިގެ އިތުރު އަޑުއެހުމެއް ދެން ބާއްވާނެ ތާރީޚެއް ސިވިލް ކޯޓުން އަދި ހާމަކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު