ސުޕްރީމް ކޯޓުގެ ފަނޑިޔާރުން (މިއީ އޭއައި ބޭނުން ކޮށްގެން ހަދާފައިވާ ފޮޓޯއެއް)
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން (މިއީ އޭއައި ބޭނުން ކޮށްގެން ހަދާފައިވާ ފޮޓޯއެއް)
ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިވާ ނުވަތަ ޕާޓީން ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފިއެވެ.

ސުޕްރީމް ކޯޓުން މިގޮތަށް ކަނޑައެޅީ އެ ކޯޓުގެ 6 ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ. މި މައްސަލާގައި ތަފާތު ރަޢުޔެއް ދެއްވާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދެވެ. އެހެން ހުރިހާ ފަނޑިޔާރުން ވަނީ އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދުގެ ރަޢުޔަށް ތާޢީދު ކުރަށްވާފައެވެ.

މި މައްސަލަ ސުޕްރީމް ކޯޓުން ބެއްލެވީ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ ހިމެނިވަޑައިގަންނަވާ ގޮތަށް، އެ ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވާލުމުގެ ބާރު ސިޔާސީ ޕާޓީތަކަށްދީ ގާނޫނުއަސާސީއަށް ގެނައި އިސްލާޙުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށައެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިން އެވެ.

މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ބޭއްވީ ފެބްރުއަރީ 17، 2025 ގައެވެ. ފުރަތަމަ އަޑުއެހުމަށް ފަހު ފާއިތުވި މުއްދަތުގެ ތެރޭގައި ސުޕްރީމް ކޯޓަށް ގިނަ ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑު ކުރެވުނީ، ހަމަ މި މައްސަލަ ކުރިއަށްދަނިކޮށް، ވަގުތީ އަމުރެއް ނެރެދިނުމަށް ހުށަހަޅައި، އެ ހުށަހެޅުމާ ގުޅޭ އަޑުއެހުން ފެށުމަށް ކުޑަ ވަގުތެއް ކުރިންނެވެ. ފަހުން ސުޕްރީމް ކޯޓުން ނިންމީ އެފަދަ އަމުރެއް ނެރެންޖެހޭ ޙާލަތެއް ނެތް ކަމަށެވެ.

މި މައްސަލަ ކުރިއަށް ދަނިކޮށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ސަސްޕެންޑު ކުރީ ފަނޑިޔާރު ހުސްނުއްސުއޫދާއި، ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި، ފަނޑިޔާރު ޑރ. އައިޝަތު އަޒްމިރަލްދާ ޒާހިރެވެ. ތިން ފަނޑިޔާރުން ސަސްޕެންޑު ކުރީ، ތިން ފަނޑިޔާރުންގެ ޖިނާއީ ތަހުގީގެއް ކުރިއަށްދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ޖޭއެސްސީ އަށް ފޮނުވި ސިޓީއަކާ ގުޅިގެންނެވެ. ނަމަވެސް، މިއަދާ ހަމައަށް ވެސް އޭސީސީން އެ މައްސަލައިގައި ވަކި ގޮތެއް ނިންމާފައި ނުވެއެވެ.

ތިން ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ކުޑަވަގުތުކޮޅެއް ކުރިން، ރައްޔިތުންގެ މަޖިލީހުން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން ކޯޓުތަކުގެ ގާނޫނަށް އިސްލާޙް ގެނެސްފައެވެ. ނަމަވެސް، އަވަސް އަރުވާލައިގެން އެންމެ 48 ގަޑިއިރު ތެރޭގައި ފާސްކުރި އެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގެއް ނުކުރަށްވައެވެ.

ފަހުން، ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒު ވަކިކޮށް، ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ސުޕްރީމް ކޯޓުން އިސްތިއުފާ ދެއްވައިފައެވެ. ހުސްނުއްސުއޫދު ވިދާޅުވީ، ވަކި ގޮތަކަށް ދުސްތޫރީ މައްސަލަ ނިންމުމަށް ރައީސް މުއިއްޒު ނުފޫޒު ފޯރުވަމުން ދިޔުމުން، އެކަމާ އިހުތިޖާޖު ކުރެއްވުމުގެ ގޮތުން އިސްތިއުފާ ދެއްވީ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި ސުޕަ މެޖޯރިޓީ އޮތް ޕީއެންސީގެ މެންބަރުންގެ ފުރިހަމަ ތާއިދާ އެކު، ގާނޫނުއަސާސީގެ ފަސް މާއްދާއަކަށް ވަނީ ބަދަލު ގެނެސްފަ އެވެ. އޭގެ ތެރެއިން ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި ބަދަލާ އެކު، އިންތިހާބުވާ މެންބަރަކު ހިދުމަތްކުރާ ދައުރުގެ ތެރޭގައި، ވާދަކޮށް ހޮވިވަޑައިގެންނެވި ޕާޓީ ދޫކޮށް އެހެން ސިޔާސީ ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ، ނުވަތަ އަމިއްލަ ގޮތުން ހޮވިވަޑައިގެންނެވި މެންބަރަކު ސިޔާސީ ޕާޓީއަކަށް ސޮއިކޮށްފި ނަމަ، ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައެޅިފައިވެއެވެ.

ގާނޫނީ ވަކީލު އަލީ ހުސައިން ހުށަހެޅި ދުސްތޫރީ މައްސަލައިގައި ބުނެފައިވަނީ، ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި ބަދަލަކީ، ދިވެހި ދައުލަތުގެ ހުރިހާ ބާރެއް ރައްޔިތުންގެ ކިބައިގައި ދެމި ހުންނަންވާނެ ކަމަށް ގާނޫނުއަސާސީގެ ހަތަރު ވަނަ މާއްދާ ކަނޑައަޅާ އަސާސާ ހިލާފު ބަދަލެއް ކަމަށެވެ. ހަމައެހެންމެ، ދިވެހި ދައުލަތުގެ ހުރިހާ ބާރެއް ހިންގަންވާނީ ގާނޫނުއަސާސީ ތަންދޭ ގޮތުގެ މަތިން ކަމަށް ގާނޫނުއަސާސީގެ އަށް ވަނަ މާއްދާ ބަޔާންކުރާ ހަމައާ ވެސް ފުށުއަރާ ކަމަށެވެ. އަދި ގާނޫނު ހެދުމުގެ ބާރު ލިބިފައިވާ ވަކި މިނިވަން ބާރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލިސް ދެމި އޮންނަންވާނެ ކަމަށް ގާނޫނުއަސާސީގެ ފަސް ވަނަ މާއްދާ ކަނޑައަޅާ ދުސްތޫރީ ހަމައާ ވެސް ހިލާފު ކަމަށެވެ.

މީގެ އިތުރުން، ގާނޫނުއަސާސީގެ 26 ވަނަ މާއްދާ އާއި، 75 ވަނަ މާއްދާ އާއި، 90 ވަނަ މާއްދާއާ ވެސް އެ ބަދަލު ފުށުއަރާ ކަމަށް ހުށަހެޅި މައްސަލައިގައި ބަޔާންކޮށްފައިވެއެވެ. ތިން ބާރު ވަކިވެފައިވާ ރިޔާސީ ނިޒާމު ގަޑުބަޑުވެ، ވެރިކަން ހިންގުމުގެ ބާރާއި ގާނޫނު ހަދާ ބާރާ ދެމެދު ހިފެހެއްޓިފައި ހުންނަންޖެހޭ ވަކިވެ ތިބުމުގެ ރޮނގު ފުހެވިގެންދާނެ ކަމަށް ވެސް ހުށަހެޅި މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.

މި މައްސަލާގައި ގާނޫނީ ވަކީލު އަލީ ހުސައިން ސުޕްރީމް ކޯޓުގައި ދެ ކަމަކަށް އެދިވަޑައިގެންފައިވެ އެވެ. ފުރަތަމައީ، ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި ބަދަލަކީ ދުސްތޫރީ ބާރުވެރިކަން ލިބިގެން ނުވާ ބާތިލު ބަދަލެއް ކަމަށް ކަނޑައަޅައިދިނުމަށެވެ. ދެވަނަ ކަމަކީ، ބަދަލަށް އަމަލުކުރެވޭ މުއްދަތުގައި ވެސް، މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މައްޗަށް އެ ބަދަލު ހިނގާނެ ބަދަލެއް ނޫން ކަމަށް ކަނޑައަޅައިދިނުމަށެވެ.

މަޖިލީހުގެ ނިންމުމަށް ސުޕްރީމް ކޯޓުން ތާޢީދު ކޮށްފައި މިވަނީ، ޤާނޫނު އަސާސީއަށް އެންމެ ފަހުން މަޖިލީހުން ގެނައި ބަދަލަށް ރައްޔިތުންގެ 68 އިންސައްތަ ރައްޔިތުން ނޫނެކޭ ބުނެފައިވާ ދަނޑިވަޅެއްގައެވެ.



ކިޔުންތެރިންގެ ހިޔާލު