150 މެގަވޮޓްގެ ސޯލާ ހައިބްރިޑް ނިޒާމުތަކެއް ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމުކުރަން ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--
150 މެގަވޮޓްގެ ސޯލާ ހައިބްރިޑް ނިޒާމުތަކެއް ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމުކުރަން ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--
ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޖުމްލަ 150 މެގަވޮޓްގެ އިޔާދަކުރަނިވި ހަކަތައިގެ ހައިބްރިޑް ނިޒާމުތަކެއް ޤާއިމުކުރުމުގެ ފްރޭމްވަރކް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

ޕަވަރ ޕާޗޭސް އެގްރީމެންޓް (ޕީ.ޕީ.އޭ) އުސޫލުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، ސޯލާ ޕީ.ވީ ނިޒާމާއި، ބެޓެރި އެނަރޖީ ސްޓޯރޭޖް އަދި ގްރިޑް އިންޓަގްރޭޝަން ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. ސްޓެލްކޯ ހޯލުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީއާއި، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އަދި ގޯޝެން އެނާޖީ ކޮމްޕެނީ ލިމިޓެޑާ ދެމެދުގައެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ހާމަކުރި ގޮތުގައި، ރާއްޖޭގައި ކަރަންޓު އުފެއްދުމަށް މައިގަނޑު ގޮތެއްގައި ބަރޯސާވަނީ އިމްޕޯޓްކުރާ ތެލަށް ކަމަށްވާއިރު، ތެލަށް ކުރާ ހޭދަ ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 10 އިންސައްތައަށް އަރައެވެ. މިކަމަށް ދެމެހެއްޓެނިވި ޙައްލެއް ހޯދުމުގެ ގޮތުން، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި އުފައްދާ ކަރަންޓުގެ 33 އިންސައްތައަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އދ. ގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މުޢާހަދާގެ 28 ވަނަ ކޮންފަރެންސް އޮފް ޕާޓީސް (ކޮޕް28) ގައި ވަޢުދުވެވަޑައިގެންފައެވެ.

މި އަމާޒަށް ވާޞިލުވުމަށްޓަކައި ފަށާ މި ބޮޑު މަޝްރޫޢުގެ ދަށުން، 150 މެގަވޮޓްގެ ހައިބްރިޑް ނިޒާމު ކާމިޔާބުކަމާއެކު ޤާއިމުކުރެވުމުން، ސަރުކާރުން ކަނޑައަޅާފައިވާ 33 އިންސައްތައިގެ އަމާޒުގެ 60 އިންސައްތަޙާޞިލުކުރެވިގެންދާނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން، މި މަޝްރޫޢުގެ ސަބަބުން އިޤްތިޞާދީ ގޮތުންނާއި ތިމާވެށީގެ ގޮތުން ގިނަ ފައިދާތަކެއް ލިބިގެންދާނެކަމަށާއި އެގޮތުން ކަރަންޓު އުފެއްދުމަށް ތެލަށް ކުރާ ޚަރަދާއި ދައުލަތުގެ ބަޖެޓުން ކަރަންޓު ސަބްސިޑީއަށް ހޭދަކުރާ މިންވަރުން އަހަރަކު ގާތްގަނޑަކަށް 1.2 ބިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް އަންދާޒާކުރެވޭކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެއެވެ. މިމަޝްރޫޢުގެ ދަށުން ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ ތެރެއިން އަހަރަކު ގާތްގަނޑަކަށް 198،283 ޓަނުގެ ކާބަންޑައިއޮކްސައިޑް މަދުކުރެވިގެންދާނެ ކަމަށް ވެސް މިނިސްޓްރީން މަޢުލޫމާތު ދެއެވެ.



ކިޔުންތެރިންގެ ހިޔާލު