އެމްއެމްއޭ-
އެމްއެމްއޭ-
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލި "ފައިސާ މާރުކުރުމުގެ ވިޔަފާރިއާބެހޭ އާ ގަވާއިދު" ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިއުކޮށް، އެ ގަވާއިދަށް އަމަލުކުރަން ފަށައިފިއެވެ.

އެމްއެމްއޭއިން ހާމަކުރި ގޮތުގައި، މި އާ ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، 1 އޮކްޓޫބަރު 2024 އިން ފެށިގެން އަމަލުކުރަމުން އައި "މަނީ ޗޭންޖިންގ ވިޔަފާރިއާބެހޭ ގަވާއިދު" އާއި، އެ ގަވާއިދަށް 2025 ވަނަ އަހަރު ގެނެވުނު އިސްލާހު ވަނީ އުވިފައެވެ.

އާ ގަވާއިދުގެ ދަށުން ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކުރާ ނިޒާމަށް ވަނީ މުހިންމު ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، ކުރިން ލައިސަންސް ދޫކުރަމުން އައި ޓިއާ ނިޒާމު އުވާލައި، އެއް ލައިސަންސެއް ދޫކުރާ ގޮތަށް ވަނީ ހަމަޖައްސާފައެވެ. ނަމަވެސް ލައިސަންސް ލިބޭ ފަރާތްތަކުން ވިޔަފާރި ހިންގާނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ:

ކެޓަގަރީ-އޭ: އާންމުންނަށާއި، ވިޔަފާރިތަކަށާއި، އެހެން ފަރާތްތަކަށް ޚިދުމަތް ދިނުން.

ކެޓަގަރީ-ބީ: ހަމައެކަނި ވިޔަފާރިތަކަށް ޚިދުމަތް ދިނުން.

މީގެ އިތުރުން، ފައިސާ މާރުކުރުމުގެ ވިޔަފާރިކުރާ ފަރާތްތަކުން ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ބަހައްޓަންޖެހޭ އަދަދު ވަނީ ދެގުނައަށް ބޮޑުކޮށްފައެވެ. އެގޮތުން، މައިގަނޑު ސެކިއުރިޓީ ޑިޕޮސިޓް 100,000 އެމެރިކާ ޑޮލަރުން 200,000 އެމެރިކާ ޑޮލަރަށް އިތުރުކޮށްފައިވާއިރު، ވިޔަފާރި ހިންގާ އިތުރު ކޮންމެ ތަނަކަށް ބަހައްޓަންޖެހޭ ޑިޕޮސިޓް ވަނީ 50,000 އެމެރިކާ ޑޮލަރުން 100,000 އެމެރިކާ ޑޮލަރަށް ބޮޑުކޮށްފައެވެ.

ނަމަވެސް، ނަގުދު ފައިސާއިން މުއާމަލާތް ކުރެވޭ އެންމެ މަތީ އަދަދު ކަމަށްވާ 50,000 ރުފިޔާގެ ލިމިޓަށް ކުރީގެ ގަވާއިދުގައިވެސް އޮތް ގޮތަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު