ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްގެ އަށް ވަނަ ބައްދަލުވުމުގެ ގްރޫޕް ފޮޓޯޢެއްގެ ތެރެއިން--- ފޮޓޯ/ ރައީސް އޮފީސް
ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްގެ އަށް ވަނަ ބައްދަލުވުމުގެ ގްރޫޕް ފޮޓޯޢެއްގެ ތެރެއިން--- ފޮޓޯ/ ރައީސް އޮފީސް
ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވް (ސީ.އެސް.ސީ) ގެ މެންބަރު ގައުމުތަކުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ އަށް ވަނަ ބައްދަލުވުން، ވިލާ ނޯޓިކާ ޕެރަޑައިސް އައިލެންޑް ރިސޯޓުގައި މިއަދު ބާއްވައިފިއެވެ.

ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަމަށް ހުރި ގޮންޖެހުންތަކުން އަރައިގަތުމަށް ގުޅިގެން ކުރާ މަސައްކަތްތައް ހަރުދަނާކުރުމުގެ މަގުސަދުގައި ބޭއްވި މި ބައްދަލުވުމުގައި، ދިވެހިރާއްޖޭގެ ވަފުދުގެ އިސްވެރިއެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އިބްރާހީމް ލަޠީފެވެ. މި ވަފުދުގައި ރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކުގެ އެންމެ އިސްވެރިންވެސް ހިމެނިވަޑައިގަންނަވައެވެ.

އިންޑިއާ ކަނޑުގެ ސަރަހައްދުގައި އުފެދެމުންދާ އަދި ކުރިމަތިވަމުންދާ ސަލާމަތީ ނުރައްކާތަކާ ދެކޮޅަށް ގުޅިގެން ފިޔަވަޅު އެޅުމާ ގުޅޭގޮތުން މި ބައްދަލުވުމުގައި ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ އިތުރުން، އިންޑިއާ، ސްރީލަންކާ އަދި ބަންގްލަދޭޝްގެ މަތީ ފަންތީގެ ވަފުދުތަކުން ބައިވެރިވިއެވެ. އަދި އޮބްޒާވަރުން ނުވަތަ މެހެމާން ގައުމުތަކުގެ ގޮތުގައި ދައުވަތު ދެވިގެން އޮސްޓްރޭލިއާއާއި މެލޭޝިއާގެ ވަފުދުތަކުންވެސް މި ބައްދަލުވުމުގައި ބައިވެރިވެފައިވެއެވެ.

ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްއަކީ ދިވެހިރާއްޖެ، އިންޑިއާ، ސްރީލަންކާ، މޮރިޝަސް، ބަންގްލަދޭޝް އަދި ސީޝެލްސް ހިމެނޭހެން އެކުލަވާލާފައިވާ ސަރަހައްދީ ސަލާމަތީ މަންސައެކެވެ. މި މަންސައިގެ ދަށުން ގައުމުތަކުން އެއްބާރުލުން ދެނީ މައިގަނޑު ފަސް ދާއިރާއަކަށެވެ. އެއީ:

ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން (މެރިޓައިމް ސޭފްޓީ އެންޑް ސެކިއުރިޓީ)

ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުން

އިންސާނީ ވަގުފާރިއާއި ބައިނަލްއަގުވާމީ ރޭވުންތެރި ކުށްތައް ހުއްޓުވުން

ސައިބަރ ސެކިއުރިޓީއާއި މުހިންމު އުމްރާނީ ވަސީލަތްތައް ރައްކާތެރިކުރުން

އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި ކާރިސާތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުން

ބައްދަލުވުން ނިންމާލުމުގެ ގޮތުން މެންބަރު ގައުމުތަކުން ވަނީ މަޝްވަރާތަކުގައި އެއްބަސްވެވުނު ކަންކަން ހިމެނޭ ގުޅިފައިވާ ބަޔާނެއް ނެރެފައެވެ. އަދި ސުލްހަވެރި، ރައްކާތެރި އަދި ވިލުންތެރި އިންޑިއާ ކަނޑުގެ ސަރަހައްދެއް ބިނާކުރުމަށް، ކޮންކްލޭވްގެ ފަސް ތަނބުގެ ދަށުން ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން މެދުނުކެނޑި ބަދަހިކުރުމަށް މެންބަރު ގައުމުތަކުން ވަނީ އަލުން އަޒުމު ކަނޑައަޅާފައެވެ.



ކިޔުންތެރިންގެ ހިޔާލު