ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު
ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު
ބަޖެޓުގެ ހިސާބުތައް ކިތަންމެ ފުރިހަމައަށް ތަރުތީބުކޮށްފައި އޮތް ނަމަވެސް، އެމްޑީޕީން އެ ބަޖެޓަށް ވޯޓު ނުދޭނެ ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝުޖާޢު ވިދާޅުވީ، އެމްޑީޕީގެ ވިސްނުމާއި ޢަމަލުތައް ހުންނަ ގޮތް ދިވެހި ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގޭނެ ކަމަށާއި، ބަޖެޓަށް ވޯޓު ނުދިނުމަކީ ތާރީޚުގައި ވެސް އެ ޕާޓީން ކަން ކުރަމުން އައިސްފައިވާ ގޮތް ކަމަށެވެ.

މާޒީގައި އެމްޑީޕީ އިދިކޮޅުގައި އޮތް ދުވަސްވަރު ރައްޔިތުންގެ މަޖިލީހުން ބަޖެޓަށް ވޯޓު ދެއްވިކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، އެއީ ޤައުމީ މަޞްލަޙަތު އިސްކޮށް، ރައްޔިތުންގެ ލާބައާއި މަންފާއަށް ކުރެވޭ ކަންކަމަށް އެއްބާރުލުން ދިނުމުގެ ގޮތުން ކުރެއްވި ކަމެއް ކަމަށެވެ.

ނަމަވެސް، މިއަދު މަޖިލީހުގައި އެމްޑީޕީ ތަމްސީލުކުރާ މެންބަރުން، ބަޖެޓު ކިތަންމެ ރަނގަޅަށް އެކުލަވާލާފައި އޮތް ނަމަވެސް ސިޔާސީ ބޭނުމަށް އެ ބަޖެޓަށް ފާޑުކިޔަމުންދާ ކަމަށް ޝުޖާޢު ވިދާޅުވިއެވެ.

މީގެ އިތުރުން، ކޮމެޓީ މަރުޙަލާގައި ބަޖެޓާ ގުޅޭގޮތުން މެންބަރުން ރަނގަޅަށް ވާހަކަ ދައްކަވާފައި، ތަޅުމުގައި ސިޔާސީ ވާހަކަތައް ދައްކަވައި، ބަޖެޓަކީ އެއްވެސް އަސާސެއް ނެތް އެއްޗެއްގެ ގޮތުގައި ސިފަކުރައްވައި ފާޑުވިދާޅުވަމުން ގެންދަވާ ކަމަށް ޝުޖާޢު ވިދާޅުވިއެވެ.

އެހެންކަމުން، އެ ދާއިރާތަކުގެ ރައްޔިތުން މި މެންބަރުންގެ އިޚުލާޞްތެރިކަމާ މެދު މިއަދު ވިސްނައި ފިކުރުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު