ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު
ޒުވާނުންނާއި ކިޔަވާކުދިންގެ މެދުގައި ނަފްސާނީ މައްސަލަތަކަކީ އަޅާނުލައި ދޫކޮށްލެވޭ ވަރަށް ވުރެ ސީރިއަސް މައްސަލަތަކެއް ކަމަށާއި، އެފަދަ ކަންކަމުގައި އެހީތެރިކަން ހޯދުމަށް ފަސްނުޖެހުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު އިލްތިމާސް ކުރަށްވައިފިއެވެ.

އެކަމަނާ މިކަމަށް އިލްތިމާސް ކުރެއްވީ މިއަދު މެންދުރު ޔޫތުހަބްގެ ހޯލުގައި ކުރިއަށްދިޔަ "ނޭޝަނަލް ޔޫތު މެންޓަލް ހެލްތު ކޮންފަރެންސް 2026" ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަޑައިގެންނެވުމުން، އެކަމަނާއަށް މަރުޙަބާ ދެންނެވީ، ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި، ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ، ދިރިއުޅުމުގެ ދަތުރުގައި ކޮންމެ މީހަކަށްވެސް އުނދަގޫތަކާއި ނުތަނަވަސްކަން ތަޙައްމަލުކުރަންޖެހޭނެ ކަމަށާއި، ޙަޔާތުގެ ކޮންމެވެސް ހިސާބެއްގައި އުންމީދު ކުރި ގޮތް ނުވުމާ ކުރިމަތިލާން ނުޖެހޭ މީހަކު ނުހުންނާނެ ކަމަށެވެ. އެހެންކަމުން، އިންސާނާގެ އެންމެ އަގުހުރި އެއްޗަކީ އޭނާގެ ނަފްސާ ފުރާނަ ކަމުގައި ވީހިނދު، ނަފުސާ ފުރާނައަށް ރައްކާތެރިވާން ޖެހޭނެކަން ނާއުންމީދުވާ ޒުވާނުންނަށް ހަނދާންކޮށްދޭން ޖެހޭނެކަމުގައި އެކަމަނާ ވިދާޅުވިއެވެ. ހަމައެއާއެކު، މާތް ﷲގެ ޙަޟްރަތުގައި މާޔޫސްވުމެއް ނެތްކަމަށާއި، ދިރިއުޅުމުގެ ކާމިޔާބީގެ ތަޅުދަނޑިއަކީ ހިތްވަރާއެކު ގަދައަޅައި މަސައްކަތްކޮށް، އެކަލާނގެއަށް ވަކީލުކުރުން ކަމުގައިވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އިތުރަށް ވިދާޅުވީ، ދިވެހިރާއްޖެ ފަދަ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި ނަފްސާނީ ދުޅަހެޔޮކަމަކީ ޞިއްޙީ ގޮތުން ބެލުމުގެ އިތުރުން ދީނީ ގޮތުންވެސް ބަލަންޖެހޭ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ނަފްސާނީ އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ، ފަސްނުޖެހި ޑޮކްޓަރުންނާއި، ޓީޗަރުންނާއި، ކައުންސެލަރުން އަދި ބެލެނިވެރިން ފަދަ ކަމާބެހޭ ފަރާތްތަކާ ޙިއްސާކޮށްގެން އަވަހަށް ފަރުވާ ހޯދުމަށް އެކަމަނާ ޒުވާނުންނަށް ނަސޭޙަތްތެރިވެ ވަޑައިގެންނެވިއެވެ.

މީގެއިތުރުން، ޖިސްމާނީ އަދި ޖިންސީ އަނިޔާއާ ކުރިމަތިލާންޖެހޭ ކުދިންގެ ރައްކާތެރިކަމަށް އަލިއަޅުއްވާ ލައްވަމުން، އެފަދަ ޙާލަތްތަކުގައި ތިބޭ ކުދިންނަށް ރައްކާތެރިކަމާއި އިންސާފު ހޯދައިދިނުމަކީ މުޅި މުޖުތަމަޢުގެ ޒިންމާއެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި މި ދާއިރާގައި މަސައްކަތްކުރައްވާ އިދާރީ އަދި ޤާނޫނީ ޒިންމާ އުފުއްލަވާ ބޭފުޅުން، މިކަންކަމަކީ ހަމައެކަނި ވަޒީފާގެ މަސްއޫލިއްޔަތެއްގެ ގޮތުގައި ނުދެކި، އިންސާނީ އަދި އިޖްތިމާޢީ ޒިންމާއެއްގެ ގޮތުގައި ބަލައިގަތުމަށްވެސް މެޑަމް ސާޖިދާ އިލްތިމާސް ކުރެއްވިއެވެ.

މެޑަމް ސާޖިދާގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ހުރިހާ ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ މުޖުތަކަޢުގެ ޒިންމާއެއް ކަމަށެވެ. އަދި އެތައް ފަހަރަކު އަނިޔާގެ ޝިކާރައަކަށް ވެފައިވާ ޒުވާނަކުވެސް، ހިތްވަރު ލިބިގެން އެހީއަށް އެދުމުން އޭނާއަށް ޙިމާޔަތާ ރައްކާތެރިކަން ދިނުމަކީ މުހިންމު ކަމެއްގެ ގޮތުގައި ދެކި، އިންސާފު ލިބޭނޭކަން ޔަޤީންކޮށްދޭން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، ޒުވާނުންނަކީ މި ޤައުމުގެ މާދަމާގެ ބަޠަލުންކަން ފާހަގަކުރައްވައި، ގަދަ ހިތްވަރާއި އީޖާދީ ވިސްނުމާއެކު ޤައުމަށާއި ދީނަށް އަގުހުރި ދަރިންތަކަކަށް ވުމަށް ކޮންމެ ކުއްޖަކުވެސް ޢަޒުމު ކަނޑައެޅުމަށް އެކަމަނާ ބާރުއެޅުއްވިއެވެ.

މި ރަސްމިއްޔާތުގައި، މި ކޮންފަރެންސްގެ އެކި ތީމެޓިކް ދާއިރާތަކުން ހުށަހެޅުންތައް ހުށަހެޅުއްވި ފަރާތްތަކަށް މެޑަމް ސާޖިދާ ވަނީ ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވާފައެވެ. އަދި ކޮންފަރެންސްގެ ބައިވެރިންނާއެކު ނެގި ގްރޫޕް ފޮޓޯގައިވެސް އެކަމަނާ ވަނީ ބައިވެރިވެވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު