ފޮޓޯ: އެޗްޑީސީ
ފޮޓޯ: އެޗްޑީސީ
ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކުރި 71 ރަށުގެ ތެރެއިން 50 ރަށެއްގެ އައުޓްޑޯ ޖިމްގެ މަސައްކަތް އެއްކޮށް ނިންމާލައިފިއެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ، އަދި ސަރުކާރުގެ ނެޝަނަލް ފިޓްނަސް ޕްލޭންގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މި މަޝްރޫއުގެ ދަށުން 71 ރަށެއްގެ އައުޓްޑޯ ޖިމްގެ މަސައްކަތް އެޗްޑީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ސޮއިކޮށްފައިވަނީ 19 އޯގަސްޓް 2025 ގައެވެ.

އެޗްޑީސީން ބުނީ، މިހާތަނަށް މަސައްކަތް ނިމިފައިވާ 50 ރަށުގައި އެންމެ ޒަމާނީ ވަސީލަތްތަކާ އެކު އައުޓްޑޯ ޖިމްތައް ގާއިމުކޮށްފައިވާ ކަމަށެވެ. އަދި ބާކީ އޮތް 21 ރަށުގެ މަސައްކަތް ވެސް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ބާރަށް ކުރިއަށްދާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. މި މަޝްރޫއުގެ ތެރެއިން ބައެއް ރަށްރަށުގައި އަލަށް އައުޓްޑޯ ޖިމް ހެދުމަށް ބޭނުންވާ ސާމާނު ސަޕްލައިކޮށް އިންސްޓޯލްކުރުމުގެ މަސައްކަތާއި، ކުރިން ގާއިމުކޮށްފައިވާ ޖިމްތަކުގެ ތެރެއިން މަރާމާތުކުރަން ޖެހިފައިވާ ތަންތަން މަރާމާތުކުރުމުގެ މަސައްކަތް ވެސް އެޗްޑީސީން ދަނީ ކުރަމުންނެވެ.

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއާ ގުޅިގެން އެޗްޑީސީން މި މަސައްކަތް ކުރިއަށް ގެންދިއުމުގެ މައިގަނޑު މަގުސަދަކީ ދުޅަހެޔޮ މުޖުތަމައުއެއް ބިނާކުރުމާއި، ރައްޔިތުންގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމުގެ އާދަތައް އަށަގަންނުވައި، ކަސްރަތު ކުރުމަށް ރައްޔިތުންނަށް ފަސޭހަ މަގުތަކެއް ތަނަވަސްކޮށްދިނުންކަން އެކޯޕަރޭޝަނުން ފާހަގަ ކޮށްފައިވެއެވެ.

މި މަޝްރޫއު އެއްކޮށް ނިމިގެންދާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާއެކު ކަސްރަތުކޮށް ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް މަގުފަހިވެގެންދާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު