މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ސަރުކާރުން ފުށިދިއްގަރު ފަޅުގައި ހިންގުމަށް ނިންމާފައިވާ ރަސްމާލެ މަޝްރޫއާ ދެކޮޅަށް ބާއްވާ ކޮންމެ އިހުތިޖާޖެއްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި، އެ ހަރަކާތްތަކުގައި ވީހާ ވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ގޮވާލައްވައިފިއެވެ.

މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާފައިވާ ފައިސަލް ވިދާޅުވީ، ރަސްމާލެ މަޝްރޫއަކީ ރައްޔިތުންނަށް ލިބޭ ފައިދާއަށްވުރެ ގެއްލުން ބޮޑު މަޝްރޫއެއް ކަމަށެވެ. އަދި ރައްޔިތުންނަށް ގެއްލުންވާ ފަދަ ކަމެއް ސަރުކާރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފައިސަލް ވަނީ، މި ފަހުގެ ތާރީޚެއްގައި ދިވެހި ރައްޔިތުން މިހާ ބޮޑަށް ކަމަކާ މެދު ކަންބޮޑުވުން ފާޅުކޮށް ދެކޮޅު ހެދި މަންޒަރު ނުފެންނަކަން ފާހަގަ ކުރަށްވާފައެވެ. އެހެންކަމުން، މިހާ ގިނަ ރައްޔިތުން މި މަޝްރޫއާ ދެކޮޅު ހަދަމުންދާތީ، ސަރުކާރުން މި މަޝްރޫއު ކުރިއަށް ގެންގޮސްގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން، މި މަޝްރޫއަކީ ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ގައުމުގެ ހަމަޖެހުމަށް އުނިކަން އަންނާނެ މަޝްރޫއެއްކަން ސިފަކުރަށްވަމުން ފައިސަލް ވިދާޅުވީ، ގައުމުގެ ހަމަޖެހުމާއި ދީނީ އެއްބައިވަންތަކަމަށް އަސަރުކުރާ އެއްވެސް ކަމަކަށް ޖާގަ ނުދެއްވާނެ ކަމަށެވެ.

އެހެންކަމުން ފައިސަލް ވަނީ މިހާރުން މިހާރަށް އެ މަޝްރޫއު ކުރިއަށް ނުގެންގޮސް ހުއްޓާލުމަށް ސަރުކާރަށް ގޮވާލައްވާފައެވެ. އަދި މިހާރު މި މަޝްރޫއު ހުއްޓާނުލައިފި ނަމަ، ކުރިއަށް އޮތް ތަނުގައި އުފެދޭ އޭނާ ނިސްބަތްވާ އެމްޑީޕީގެ ސަރުކާރެއްގައި އެ އެއްބަސްވުން ބާތިލް ކުރަށްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރަސްމާލެ މަޝްރޫއާ ދެކޮޅަށް އިދިކޮޅު އެމްޑީޕީން ސިޔާސީ ހަރަކާތްތައް ވަރުގަދަ ކުރަމުން އަންނައިރު، އެ މަޝްރޫއު ކުރިއަށް ގެންދިއުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް (ރިފަރެންޑަމެއް) ނެގުމަށް ގޮވާލައި، މި ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު މުޒާހަރާ ކުރުމަށް އެ ޕާޓީން ވަނީ ނިންމާފައެވެ. މިގޮތުން، އެތަން ކުއްޔަށްދިނުމަށް އެއްވެސް މަސައްކަތެއް ކުރުމުގެ ކުރިން އާންމުންގެ ޚިޔާލު ހޯދުމުގެ ވޯޓެއް ނުނަގައިފި ނަމަ، މަގުމައްޗަށް ނުކުމެ ސީދާ ހަރަކާތްތައް ހިންގުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ވެސް ވަނީ މި މަހުގެ 1 ވަނަ ދުވަހު ފާސްކޮށްފައެވެ.

އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ރަސްމާލޭގައި ހިންގުމަށް ރާވާފައިވާ "މޯލްޑިވްސް ވޯޓާ ފްރަންޓް އެންޑް މެރީނާ" މަޝްރޫއާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ރިފަރެންޑަމަކަށް ގޮވާލަމުން ދިޔަ ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީގެ ކުރިން ވިދާޅުވެފައިވަނީ އެ މަޝްރޫއާ ގުޅިގެން އެފަދަ އާންމު ވޯޓެއް ނުނަންގަވާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު