ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައްޔިތުންގެ އިތުބާރާއެކު އިންތިޚާބުވެވަޑައިގެންފި ނަމަ، ރާއްޖޭގައި ވަރުގަދަ އިޤްތިޞާދެއް ބިނާކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓް ފައިސަލް ނަސީމް ރޭ ވިދާޅުވެއްޖެއެވެ.

ފުވައްމުލަކު ފުނާޑު އަވަށުގައި ޤާއިމުކުރި އެމަނިކުފާނުގެ ކެމްޕޭން އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މާލެއިން ވާޗުއަލްކޮށް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ، އެއްވެސް ރައްޔިތަކު ބާކީނުވާނޭ ފަދަ ޝާމިލު އިޤްތިޞާދީ ނިޒާމެއް ޤާއިމުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން ޞިއްޙީ، އިޖުތިމާޢީ، ތަޢުލީމީ އަދި ވިޔަފާރީގެ ދާއިރާތައް އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށް ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އާންމު ރައްޔިތުންގެ ދިރިއުޅުމާ ގުޅިފައިވާ އެންމެހައި ކަންކަން އެކީއެކައްޗަކަށް ކުރިއަށް ގެންދިއުމަކީ މައިގަނޑު އަމާޒުކަން ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ، ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމާއި، އައު ވިޔަފާރިތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ބޭނުންވާ ހުރިހާ ދާއިރާއެއް ތަރައްޤީ ކުރުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ ސަރުކާރެއްގައި ވަޒީފާގެ ފުރުޞަތުތަކާއި ވިޔަފާރީގެ މައިދާނުގައި ވެސް ދިވެހިންނަށް އިސްކަންދޭ އުޞޫލެއް ތަންފީޒު ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވި މި ޙަފުލާގައި ފައިސަލް ވަނީ ޕްރައިމަރީ ކާމިޔާބު ކުރެއްވުމަށް އެމްޑީޕީގެ މެންބަރުންގެ އެއްބާރުލުމަށް އެދިވަޑައިގެންފައެވެ.

"ތިބޭފުޅުން މިއަދު އަޅުގަނޑަށް ކޮށްދެއްވަންވީ ކަމަކީ ހަމަ ކޮންމެ ބޭފުޅަކު ވެސް އިތުބާރާއެކު ޕްރައިމަރީ ކާމިޔާބު ކުރުމަށް މަސައްކަތް ކޮށްދެއްވުން. ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން ޕްރައިމަރީ އޮންނާނީ ވަރަށް ވާދަވެރިކޮށް. އެމްޑީޕީގެ ތެރެއިން އެކި ކެންޑިޑޭޓުން ނުކުންނަވާނެ. މިކަން ކާމިޔާބުވާނީ އެންމެ ގިނަ ވޯޓު ހޯދައިގެން. އެހެންވީމާ، އެންމެ ގިނަ އެމްޑީޕީ މެންބަރުންގެ ތާއީދު ލިބޭ ބޭފުޅަކު ކާމިޔާބު ހޯއްދަވާނީ،" ފައިސަލް ވިދާޅުވިއެވެ.

މީގެއިތުރުން، އެމަނިކުފާނަށް ޕްރައިމަރީ ކާމިޔާބު ކޮށްދިނުމުގައި ފުވައްމުލަކު ރައްޔިތުންނަށް މުހިންމު ދައުރެއް އަދާކުރެވޭނެ ކަމަށް ވިދާޅުވެ، ފުވައްމުލަކާއި މާލޭގައި ވެސް ކެމްޕޭން ޓީމުތަކުންނާއި ވަކިވަކި ފަރުދުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި އެ ފަރާތްތަކަށް ފައިސަލް ޝުކުރު އަދާކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް