ފޮޓޯ: އެމްޓީސީސީ
ފޮޓޯ: އެމްޓީސީސީ
ގއ. ކޮލަމާފުށީގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ޕޮލިސް ސްޓޭޝަން އިމާރާތްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ބާރު ދުވެއްޔެއްގައި ކުރިއަށްދާ ކަމަށް، އެ މަޝްރޫޢުގެ ކޮންޓްރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން ބުނީ، މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ އިމާރާތް އެޅުމަށް ކަނޑައެޅިފައިވާ ބިމުގެ ސެޓިންގ އައުޓް ހެދުމުގެ މަސައްކަތާއި، ޕްލޮޓް ވަށައިގެން ފެންސް ޖެހުމުގެ މަސައްކަތްތައް ކަމަށެވެ. އަދި ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މި މަޝްރޫޢުގެ މަސައްކަތްތައް ފުރިހަމަކޮށް ނިންމުމަށް އެ ކުންފުނިން މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމްޓީސީސީން ބުނެފައިވެއެވެ.

މި މަޝްރޫޢަކީ ރަށްރަށުގައި އަމަންއަމާންކަން ޤާއިމުކޮށް، ފުލުހުންގެ ޚިދުމަތް ލާމަރުކަޒީ އުޞޫލުން ފުޅާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، ކޮލަމާފުށީގައި އެކަށީގެންވާ ޒަމާނީ ވަސީލަތްތަކާއެކު ފުލުހުންގެ ޚިދުމަތް ދިނުމަށް ބިނާކުރެވޭ މުހިންމު އިމާރާތެކެވެ. މި އިމާރާތުގެ މަސައްކަތް ނިމި ޚިދުމަތް ދޭން ފެށުމުން، ކޮލަމާފުށީގެ ރައްޔިތުންނަށާއި އެ ރަށަށް ޒިޔާރަތްކުރާ އެންމެހައި ފަރާތްތަކަށް ރައްކާތެރި މާޙައުލެއް ކަށަވަރުވެ، ފުލުހުންގެ ޚިދުމަތް މިހާރަށްވުރެ ހަރުދަނާ އަދި އަވަސް ދުވެއްޔެއްގައި ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާނޫނު ތަންފީޒު ކުރުމުގެ އޮނިގަނޑު ހަރުދަނާކޮށް، މުޖުތަމަޢުގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ތެރެއިން އެކި ރަށްރަށުގައި ޕޮލިސް ސްޓޭޝަންތައް ބިނާކުރުމުގެ ގިނަ މަޝްރޫޢުތަކެއް ދަނީ ހިންގަމުންނެވެ.

ފުލުހުންގެ ޚިދުމަތަކީ އަސާސީ ޚިދުމަތަކަށްވާއިރު، މި ސަރުކާރު ވެރިކަމާ ޙަވާލުވިއިރު ފުލުހުންގެ ޚިދުމަތް އެއްވެސް ވަރަކަށް ނެތް 66 ރަށް އޮތެވެ. އެ ދުވަސްވަރު އެ ރަށްރަށުގައި ފުލުހުންގެ އެހީތެރިކަމަށް ބޭނުންވާ ޙާލަތްތަކުގައި ޓީމުތައް ފޮނުވަން ޖެހެނީ ކައިރި އެހެން ރަށްރަށުންނެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، މިދިޔަ އަހަރުގެ ތެރޭގައި ވަނީ ހުރިހާ ރަށެއްގައި ފުލުހުން ޤާއިމުވެތިބެ ޚިދުމަތް ފޯރުކޮށްދޭން ފަށާފައެވެ.

މިހާރު ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ފުލުހުންގެ ޚިދުމަތް ދެމުން އަންނައިރު، ބައެއް ރަށްތަކުގައި ޕޮލިސް ޕޯސްޓުތައް ހިންގަމުންދަނީ ކުއްޔަށް ނަގާފައިވާ އަމިއްލަ މީހުންގެ ގެތަކުގައެވެ. އެހެންކަމުން ދާއިމީ އަދި ފެންވަރު ރަނގަޅު ޚިދުމަތެއް ދިނުމަށްޓަކައި ރަށްރަށުގައި އަމިއްލަ އިމާރާތްތައް އެޅުމުގެ މަސައްކަތް މިހާރު ދަނީ ބާރަށް ހިނގަމުންނެވެ.

ސަރުކާރުގެ މައިގަނޑު އަމާޒަކީ މި އަހަރުގެ ނިޔަލަށް ރާއްޖޭގެ ކޮންމެ ރަށަކީވެސް ފުރިހަމައަށް ފުލުހުންގެ ޚިދުމަތް ޤާއިމުވެފައިވާ ރަށަކަށް ހެދުމެވެ. މި ލަނޑުދަނޑި ޙާޞިލުކުރުމަށްޓަކައި ރަށްރަށުގައި ޕޮލިސް ސްޓޭޝަންތައް ޢިމާރާތްކުރުމާއި، ޕޮލިސް ޕޯސްޓުތައް ހެދުމުގެ އިތުރުން ޕޮލިސް ޑެސްކުތައް ޤާއިމުކުރުމުގެ މަސައްކަތްތައްވެސް ސަރުކާރުން އަންނަނީ ވަރަށް ޚާއްޞަ އިސްކަމެއް ދީގެން ކުރިއަށް ގެންދަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް