"އައިއެންއެސް ޝާރްދާ"
"އައިއެންއެސް ޝާރްދާ"
އިންޑިއާގެ ކަނޑުގެ ސިފައިންގެ އޮފްޝޯ ޕެޓްރޯލް އުޅަނދެއް ކަމަށްވާ "އައިއެންއެސް ޝާރްދާ" އައްޑޫ ސިޓީއަށް ބަނދަރުކޮށްފިއެވެ.

އިންޑިއަން ހައިކޮމިޝަނުން ހާމަކުރި ގޮތުގައި، ސުކަންޔާ ކްލާހަށް ނިސްބަތްވާ މި މަނަވަރަކީ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށާއި، ޕެޓްރޯލް ކުރުމުގެ އިތުރުން ކަނޑުމަތީގެ ސަލާމަތީ ތަފާތު އޮޕަރޭޝަންތަކަށް ޚާއްޞަކޮށްގެން ބަނދެފައިވާ އުޅަނދެކެވެ.

ދިގުމިނުގައި ގާތްގަނޑަކަށް 101 މީޓަރު ހުންނަ މި މަނަވަރަކީ ގަޑިއަކު 21 ނޮޓުގެ ބާރުމިނުގައި ދަތުރުކުރުމުގެ ޤާބިލުކަން ލިބިފައިވާ އުޅަނދެކެވެ. މީގެއިތުރުން، ކަނޑުގެ ސަރަހައްދު ބެލެހެއްޓުމާއި ކަނޑުފޭރުމުގެ ޢަމަލުތައް ހުއްޓުވުމަށް ހިންގާ އޮޕަރޭޝަންތަކުގެ އިތުރުން، ކަނޑުމަތީގައި ހާލުގައިޖެހޭ ފަރާތްތައް ހޯދައި ސަލާމަތްކުރުމުގެ ޤާބިލުކަންވެސް މި އުޅަނދަށް ލިބިގެންވެއެވެ. އަދި މި މަނަވަރުގައި ހެލިކޮޕްޓަރު އޮޕަރޭޓްކުރެވޭނެ އިންތިޒާމުވެސް ވަނީ ޤާއިމުކޮށްފައެވެ.

އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށާއި، ދެ ޤައުމުގެ އަސްކަރީ ގުޅުން ބަދަހިކުރުމުގެ މަޤްޞަދުގައި، އިންޑިއާގެ ކަނޑުގެ ސިފައިންގެ މަނަވަރުތައް މީގެ ކުރިންވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޒިޔާރަތްކޮށްފައިވެއެވެ. އަދި ދިވެހި އަސްކަރިއްޔާއާ ގުޅިގެން ކަނޑުގެ ސަރަހައްދު ޕެޓްރޯލް ކުރުމާއި ތަފާތު ތަމްރީނު ޕްރޮގްރާމްތައްވެސް ވަނީ ކާމިޔާބުކަމާއެކު ހިންގާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް