ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު
ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު އިތުރުކުރެވުމާއެކު، ކަރަންޓު އުފެއްދުމުގެ ހަރަދު ކުޑަވެ، ޓެރިފް ރޭޓުތަކަށް އޭގެ ހެޔޮ ބަދަލު އަންނާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވަރު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން "އެމްއެމްޓީވީ" އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ޑރ. އަޒުވަރު ވިދާޅުވީ، މި ރިޔާސީ ދައުރު ނިމޭއިރު ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ އަމާޒަކީ، ގައުމުގެ އިގްތިސާދަށާއި ތިމާވެށްޓަށް ނުހަނު ފައިދާކުރާނެ މުހިންމު ސިޔާސަތެއް ކަމަށެވެ.

އަވަށްޓެރި ގައުމުތަކާ އަޅާބަލާއިރު ރާއްޖޭގައި ކަރަންޓުގެ އަގު ބޮޑުވާ މައިގަނޑު ސަބަބަކީ ބޭރުން އެތެރެކުރާ ޑީސަލަށް މުޅިންހެން ބަރޯސާވާން ޖެހުންކަން ފާހަގަކުރައްވައި، ރާއްޖޭގެ ގުދުރަތީ މާހައުލާ އެންމެ އެކަށޭނަ ގޮތަކީ އަވިން ހަކަތަ އުފައްދާ ނިޒާމުތައް (ސޯލާ ޕީވީ) ފުޅާކުރުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްގެން މިހާރު ކުރިއަށްގެންދާ 15 މެގަވޮޓުގެ ސޯލާ މަޝްރޫއު ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވުމުން، ކަރަންޓު އުފެއްދުމަށް ހިނގާ ހޭދަ ވަރަށް ބޮޑަށް ކުޑަވެ، އޭގެ ސީދާ މަންފާ އާންމު ރައްޔިތުންނަށް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު އަލީ ޝަރީފު ވިދާޅުވީ، 2028 ވަނަ އަހަރުގެ ކުރިން ރާއްޖޭގެ ހަކަތައިގެ 33 އިންސައްތަ އިއާދަކުރަނިވި ވަސީލަތްތަކަށް ބަދަލުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑީގެ 30 އިންސައްތަ މިހާރު ހާސިލުކުރެވިފައިވާ ކަމަށެވެ.

ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް އަހަރަކު އެވްރެޖްކޮށް 700 މިލިއަން ޑޮލަރު ހޭދަވާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، އެއީ ގައުމީ އުފެއްދުންތެރިކަމުގެ (ޖީޑީޕީގެ) ގާތްގަނޑަކަށް 10 އިންސައްތަ ކަމަށެވެ. އަދި އެއީ ދާދި ފަހުން ސަރުކާރުން އަދާކުރި 500 މިލިއަން ޑޮލަރުގެ ސުކޫކުގެ ދަރަންޏަށްވުރެވެސް ބޮޑު އަދަދެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެހެންކަމުން، ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ދައުލަތުގެ ބަޖެޓަށާއި ރައްޔިތުންނަށް އޮތް މާލީ ބުރަ ލުއިކުރުމަށްޓަކައި، ސަރުކާރާއި ސްޓެލްކޯ ގުޅިގެން އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުތައް މެދުކެނޑުމެއްނެތި ބާރަށް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ކަމާބެހޭ އިދާރާތަކުން ދެއްވައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް