ރައީސް ބިލެއް ތަސްދީގު ކުރައްވަނީ
ރައީސް ބިލެއް ތަސްދީގު ކުރައްވަނީ
ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ދާއިމީ ތަނެއް ނެތް ފަރާތްތަކުން ފޯރުވައިދޭ އިންބައުންޑް ޓުއަރިޒަމް ޕްރޮޑަކްޓާއި، އެފަދަ ޕްރޮޑަކްޓްތައް ފޯރުވައިދިނުމުގެ ހިދުމަތްތަކުން ނަގަމުން އައި ޓެކްސް އުވާލުމަށްޓަކައި މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ތަސްދީގުކޮށްފިއެވެ.

އެ ބިލު މިދިޔަ އަންގާރަ ދުވަހު މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 67 މެންބަރުންގެ ތެރެއިން 66 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ބިލު ފާސްކުރުމަށް ސަރުކާރު ހިންގާ ޕާޓީގެ އިތުރުން އިދިކޮޅު އެމްޑީޕީގެ މެންބަރުން ވެސް ވަނީ ވޯޓު ދެއްވާފައެވެ.

ރައީސް އޮފީހުން ބުނީ އެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވާފައިވާ ކަމަށެވެ.

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ކުރިން ގެނައި އިސްލާހަކާ ގުޅިގެން މިފަދަ ފަރާތްތަކުގެ އަތުން ޓެކްސް ނަގަން ފަށާފައިވަނީ މިދިޔަ މަހުގެ އެއްވަނަ ދުވަހުއެވެ. ނަމަވެސް، އެ ޓެކްސް ކަނޑާލުމަށްޓަކައި އަލުން ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ އޯގަސްޓް މަހުގެ 26 ވަނަ ދުވަހު، ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހީމް ދީދީއެވެ. މި ބިލު މިއަދު ތަޅުމުން ފާސްކޮށްފައިވަނީ މުޅި މަޖިލީހުގެ ކޮމިޓީން އެކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ދިރާސާކޮށް ބަހުސްކުރުމަށް ފަހުގައެވެ.

މި އިސްލާހުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ހަމައެކަނި ޓެކްސް ކަނޑާލުން ނޫން ކަމަށާއި، ޖީއެސްޓީ ނުދައްކާ ފަރާތްތަކާ ދެކޮޅަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އަޅާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުން ހިމެނޭ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން، އެއްވެސް ފަރާތަކުން ޓެކުހާ ގުޅޭ ނާޖާއިޒު މަންފާއެއް ހޯދުމަށް ނުވަތަ ޓެކްސް ދެއްކުމުން އެއްކިބާވުމުގެ މަގުސަދުގައި މުއާމަލާތެއް ކޮށްފިނަމަ، އެއީ ޓެކްސް ދެއްކުމުން ރެކުމަށް ކުރި ކަމެއްގެ ގޮތުގައި ބެލެވޭނެއެވެ.

މީގެއިތުރުން، ޖީއެސްޓީ ދެއްކުމުން އެއްކިބާވުމަށް އެއްވެސް ފަރާތަކުން އަމަލުކޮށްފި ހާލަތެއްގައި، އެ މުއާމަލާތަކީ ޓެކުހުގެ ބޭނުމަށް ބަލައިގަނެވޭނެ މުއާމަލާތެއް ނޫން ކަމަށް ކަނޑައެޅުމުގެ ފުރިހަމަ އިހުތިޔާރު ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަނަށް މި ބިލުން ވަނީ ދީފައެވެ. އަދި ޓެކުހާ ގުޅޭ މަންފާއެއް ކަމަށް ބަލާނެ ހާލަތްތަކުގެ ތެރޭގައި، ދައްކަންޖެހޭ ޖީއެސްޓީގެ މިންވަރު ކުޑަކުރުމާއި، ޓެކްސް ދައްކަންޖެހޭ ތާރީހު ފަސްކުރުން ފަދަ އަމަލުތައް ހިމެނޭކަން ވެސް ބިލުގައި ތަފްސީލުކޮށްފައިވެއެވެ.

މި ބިލުގައި ފާހަގަކޮށްފައިވާ މާލީ އަންދާޒާތަކަށް ބަލާއިރު، މި ޓެކްސް ކަނޑާލުމާ ގުޅިގެން އިންބައުންޑް ޓުއަރިޒަމުން ދައުލަތަށް ލިބޭނެ ކަމަށް ކުރިން ލަފާކުރި ބޮޑު އާމްދަނީއެއް ގެއްލިގެންދާނެއެވެ. އެގޮތުން، އޮފްޝޯ ބުކިން ޕްލެޓްފޯމްތަކާއި ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ނަގާ ޖީއެސްޓީގެ ގޮތުގައި ދައުލަތަށް 1،608.5 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ކުރިން ވަނީ އަންދާޒާކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް