ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު : ފޮޓޯ ރައީސް އޮފީސް
ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު : ފޮޓޯ ރައީސް އޮފީސް
ޖުމްހޫރީ ވެރިކަމެއްގެ އެންމެ ވަރުގަދަ ބާރަކީ އަދި އެ ނިޒާމުގެ މައިގަނޑު އަސާސަކީ ރައްޔިތުން ކަމަށާއި، ދިވެހީންނަކީ ޤަދީމީ އަދި ހައިބަވަންތަ ވެރިކަމެއްގެ ޝަރަފުވެރި މާޒީއެއް އޮތް ބައެއް ކަމުގައި ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ދިވެހީންނަކީ 1,500 އަހަރަށްވުރެ ދިގު، ފަޚުރުވެރި އަދި ކީރިތި ވެރިކަމެއްގެ ތާރީޚީ ތަރިކައެއް ލިބިފައިވާ ބައެއް ކަމަށެވެ. މީގެ 15 ޤަރުނު ކުރީން ފެށިގެން ދިވެހި ވެރިކަމުގެ ހެކިތައް ތާރީޚުގެ ފަތްފުށްތަކުން ފެންނަން ހުރުމަކީ، ދިވެހި ދައުލަތުގެ ދޮށިކަމާއި، ޒަމާނުއްސުރެ ހަރުދަނާ އުސޫލުތަކެއްގެ މަތީގައި ދިވެހި ވެރިކަން ދެމިއޮތްކަން ސާބިތުކޮށްދޭ އަލިގަދަ ދަލީލެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޖުމްހޫރީ ފިކުރަކީ ދުނިޔޭގެ ތާރީޚަށް ބަލާއިރު ފަހުގެ ނިޒާމެއް ނަމަވެސް، އިހުގެ ދިވެހި ރަސްކަމުގެ ނިޒާމުގެ ތެރޭގައިވެސް ޖުމްހޫރީ އެތައް ސިފަތަކަކާއި އުސޫލުތަކެއް އެކުލެވިގެން ދިޔުމަކީ ޤައުމެއްގެ ގޮތުން ދިވެހީން ފަޚުރުވެރިވާންޖެހޭ މަތިވެރި ޝަރަފެކެވެ.

ޖުމްހޫރީ ވެރިކަމެއްގެ އެންމެ ބޮޑު މަންފާއަކީ ދައުލަތް ހިންގުމުގެ ނިޒާމުގައި ސީދާގޮތުންނާއި ނުސީދާގޮތުން ބައިވެރިވުމުގެ ފުރުޞަތު ރައްޔިތުންނަށް ފަހިވެގެންދިޔުން ކަމުގައި ވަޒީރު ބަޔާންކުރެއްވިއެވެ. މި ނިޒާމުގެ ސަބަބުން ރައްޔިތުންގެ ބަހަށް ބާރު ލިބި، ރައްޔިތުންގެ އަމިއްލަވަންތަކަމާއި ކަރާމާތް ރައްކާތެރިކޮށްދީ، މިނިވަންކަމާއެކު ޚިޔާލު ފާޅުކުރުމުގެ ޙައްޤާއި، ކޮންމެ ފަރުދެއްގެ އަބުރާއި ޢިއްޒަތް ކަށަވަރުވެގެންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ޖުމްހޫރިއްޔަތެއްގެ މައި ތަނބަކީ ރައްޔިތުންކަން ހަނދާންކޮށްދެއްވަމުން، މުޖުތަމަޢުގައި ރިވެތި އަޚުލާޤީ މިންގަނޑުތައް ދެމެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް ވަޒީރު އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، މާތްވެގެންވާ އަޚުލާޤީ ސިފަތަކުން ޒީނަތްތެރިވެތިބުމަށާއި، އެކަކު އަނެކަކާ މުޢާމަލާތްކުރުމުގައި ރިވެތި ބަސްމަގު އިޚުތިޔާރުކޮށް އިޙުތިރާމް އަދާކުރުމަށާއި، އަދި ޤައުމަށް އިޚުލާޞްތެރިވެ ޤައުމީ މަޞްލަޙަތު އިސްކުރުމަށް ވަޒީރު އިލްތިމާސްކުރެއްވިއެވެ.

ވަޒީރުގެ ވާހަކަފުޅު ނިންމަވާލައްވަމުން، ޤައުމާއި މުޖުތަމަޢުގެ ލާބައާއި މަންފާއަށްޓަކައި ވަކިވަކި ފަރުދުން ކޮށްދެއްވާ އަގުހުރި ޚިދުމަތްތައް ފާހަގަކޮށް، އެކަންކަމުގެ އަގުވަޒަންކުރުމަކީ މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ޤައުމީ ކުރިއެރުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެއްކަމުގައި ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް