ހޯމް މިނިސްޓަރ އަލީ އިހުސާން، ފޮޓޯ: ފުލުހުން
ހޯމް މިނިސްޓަރ އަލީ އިހުސާން، ފޮޓޯ: ފުލުހުން
ރާއްޖޭގައި މަސްތުވާތަކެތިން ސައްތައިންސައްތަ ސަލާމަތްވެފައިވާ ފުރަތަމަ ރަށަކަށް ނ. ފޮއްދޫ ހެދުމަށްޓަކައި، ފުލުހުންނާ ގުޅިގެން އެއް އަޒުމެއްގައި މަސައްކަތް ކުރުމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާން އެ ރަށުގެ ރައްޔިތުންނަށާއި ކައުންސިލަށް އިލްތިމާސްކުރައްވައިފިއެވެ.

މިނިސްޓަރ މިކަމަށް ގޮވާލެއްވީ އެ ރަށުގައި އަލަށް އިމާރާތްކުރި ފުލުހުންގެ މަރުކަޒު ހުޅުވުމަށް އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ، ރާއްޖޭގެ ބައެއް ރަށްރަށަކީ މަސްތުވާތަކެތީގެ ވަބާއިން އެއްކޮށް ސަލާމަތްވެފައިވާ ތަންތަނަށް ހެދުމަކީ މިއަހަރު ދިވެހި ފުލުހުންގެ ޚިދުމަތުން ހާއްސަ އަމާޒެއް ހިފައިގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެއް ކަމަށެވެ. އަދި އެ ޕްލޭނުގެ ދަށުން އެންމެ ފުރަތަމަ އަމާޒު ހިފޭ އެއް ރަށަކަށް ފޮއްދޫ ވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ މުޅި މުޖުތަމައު ގުޅިގެން ނޫނީ ހައްލުނުކުރެވޭނެ ވަރުގެ ބޮޑު ގޮންޖެހުމެއްކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، މީގެ ކުރިންވެސް ރާއްޖޭގެ ރަށްރަށުން އެކި ކަންކަމުގައި ނަމޫނާ ދައްކާފައިވާ ކަމަށެވެ. އެގޮތުން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމާއި، އާބާދީ ކޮންޓްރޯލްކުރުމުގެ އިތުރުން ސިއްހީ އެކި ނުރައްކާތަކުން ރަށްރަށް ސަލާމަތްވީ ރައްޔިތުން އެކަތިގަނޑަކަށް ވެގެން ކުރި މަސައްކަތުން ކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން، ފޮއްދޫގެ ރައްޔިތުންވެސް އެ ވިސްނުމުގައި ފުލުހުންނާ އަތުގުޅާލައިފިނަމަ، އެ ރަށަކީ މަސްތުވާތަކެތިން ސަލާމަތްވެފައިވާ ރަށަކަށް ފުލުހުން ހަދައިދޭނެކަމުގެ ފުރިހަމަ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.

ފޮއްދޫ ޕޮލިސް ޕޯސްޓުގެ މަސައްކަތަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، އެ ރަށުގައި އެޅި މަރުކަޒަކީ ފާއިތުވި 26 ގަޑިއިރުގެ ތެރޭގައި ރާއްޖޭގައި ހުޅުވުނު މިފަދަ ތިންވަނަ މަރުކަޒު ކަމަށާއި، އަދި ސަރުކާރުން ފަށާފައިވާ މި މަޝްރޫއުގެ ދަށުން ހުޅުވުނު 10 ވަނަ މަރުކަޒު ކަމަށެވެ. ބައެއް ރަށްރަށުގައި 20 މަސް ވީއިރުވެސް އަމަލީ މަސައްކަތް ނުފެށި ހުރި ނަމަވެސް، ފޮއްދޫގައި އެންމެ 16 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމައިލެވުނީ ރަށުގެ ވެރިންނާއި ރައްޔިތުންގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުމުގެ ސަބަބުން ކަމަށް ވިދާޅުވެ، ރައްޔިތުންގެ އެ ބައިވެރިވުމަށް މިނިސްޓަރ ތައުރީފު ކުރެއްވިއެވެ.

ރާއްޖޭގައި ފުލުހުންގެ ހިދުމަތް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލު ހާމަކުރައްވަމުން އިހުސާން ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު މީހުން ދިރިއުޅޭ 187 ރަށުގެ ތެރެއިން ފުލުހުންގެ އަމިއްލަ މަރުކަޒެއް ހުރީ އެންމެ 17 ރަށުގައި ކަމަށެވެ. އަދި 60 އަށްވުރެ ގިނަ ރަށުގައި ފުލުހުންގެ އެއްވެސް ހިދުމަތެއް ގާއިމުވެފައި ނެތް ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމާ އެއްގޮތަށް މިހާރު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، މާކެޓް ރޭޓުން ބަލާނަމަ ދެ ބިލިއަން ރުފިޔާ އަރާނެ މި މަޝްރޫއުތައް، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ފުލުހުންގެ ޓީމުތައް ގުޅިގެން ކުރިއަށް ގެންދިއުމުގެ ސަބަބުން 1.1 ބިލިއަން ރުފިޔާއަށް ހަރަދު ކުޑަކުރެވިފައިވާ ކަމަށްވެސް ހާމަކުރެއްވިއެވެ.

މީގެއިތުރުން މިނިސްޓަރ ވިދާޅުވީ، ރަށްރަށުގައި ފުލުހުންގެ މަރުކަޒުތައް ހުރުމުގެ އަސްލު ބޭނުމަކީ ހަމައެކަނި ކުށްވެރިން ހައްޔަރުކުރުން ނޫން ކަމަށެވެ. އޭގެ ބަދަލުގައި، ކުށެއް ނެތް އަމާން މުޖުތަމައެއް ބިނާކުރުމަށާއި، ރައްޔިތުންނާ ގުޅުން ބަދަހިކޮށް، ދިމާވާ އެކިއެކި ކާރިސާތަކާއި ދަތި އުނދަގޫ ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީވެސް އެ މަރުކަޒުތަކުގެ މުހިންމު ޒިންމާއެއް ކަމަށް ވިދާޅުވިއެވެ.

ފޮއްދޫގައި ބޭއްވި މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީގެ އިތުރުން، އެމްޓީސީސީގެ އިސް ވެރިންނާއި، ފުލުހުންގެ އިސް އޮފިސަރުން އަދި ފޮއްދޫ ކައުންސިލާއި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ. މި މަޝްރޫއު ކާމިޔާބުކަމާއެކު ނިންމައިދިން ކަމަށްޓަކައި ފުލުހުންގެ އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ޑިޕާޓްމަންޓަށާއި، އެމްޓީސީސީ އަދި އެ ރަށުގެ ރައްޔިތުންނަށް މިނިސްޓަރ ވަނީ ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު