މަސްތުވާތަކެތީގެ މައްސަލައިގައި ރ. އަތޮޅުން ހައްޔަރުކުރި ތިން މީހުން
މަސްތުވާތަކެތީގެ މައްސަލައިގައި ރ. އަތޮޅުން ހައްޔަރުކުރި ތިން މީހުން
ރ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދިޔަ ނެޓްވޯކެއް ހުއްޓުވައި، އެ ނެޓްވޯކުގައި އިސްކޮށް އުޅޭ ތިން މީހަކު ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފިއެވެ.

މި އޮޕަރޭޝަނަކީ ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ރ. މާކުރަތު ޕޮލިހާއި އުނގޫފާރު ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ އެއް ރަށަކަށް ނިސްބަތްވާ ތިން ފިރިހެނުންނެވެ. އެއީ ރ. މާކުރަތު، މަލަ، އުމުރުން 40 އަހަރުގެ ޠަލްޙަތު ނަސީމްގެ އިތުރުން، އެ ރަށު ފަލަކު، އުމުރުން 23 އަހަރުގެ އަޙްމަދު ޝާފިޢު އަދި ބަނބުކެޔޮގަސްދޮށުގެ، އުމުރުން 46 އަހަރުގެ އިސްމާޢީލް ރަޝީދެވެ.

މި ތިން މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ޑިންގީއެއްގައި މާކުރަތަށް އައިސް ފޭބި ވަގުތު އެ ރަށުގެ ބަނދަރު ސަރަހައްދުންނެވެ. އެ މީހުން ހުއްޓުވައި ހަށިގަނޑާއި އެ ތަކެތި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައިހުރި ޖޫސްޕެޓީ ކޮތަޅަކާއި، ފިލްމު ހުސްކުރި ދެ ދަޅު ވަނީ ފެނިފައެވެ. ފުލުހުން ބުނި ގޮތުގައި މި ތަކެތީގެ ވަގުތީ ބަރުދަނުގައި 104 ގުރާމް ހުއްޓެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޠަލްޙަތު ނަސީމްގެ ބަންދަށް 10 ދުވަސް ވަނީ ޖަހައިދީފައެވެ. އަދި އަޙްމަދު ޝާފިޢު އާއި އިސްމާޢީލް ރަޝީދުގެ ބަންދަށް ކޯޓުން ވަނީ ހަތަރު ދުވަހުގެ މުއްދަތެއް ދީފައެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު