މާފަރު ޕޮލިސް ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތު، ފޮޓޯ: ފުލުހުން
މާފަރު ޕޮލިސް ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތު، ފޮޓޯ: ފުލުހުން
ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި އަމާން މާހައުލެއް ގާއިމުކޮށް، ރައްޔިތުންނާ ވީހާވެސް ގާތުން ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން، ނ. މާފަރާއި އެ އަތޮޅު ފޮއްދޫގައި އަލަށް އިމާރާތްކުރި ޕޮލިސް ސްޓޭޝަންތައް ރަސްމީކޮށް ހުޅުވައިފިއެވެ.

އެ ދެ ރަށުގައި ވަކިވަކިން ބޭއްވި ޚާއްޞަ ރަސްމިއްޔާތުތަކުގައި މި މަރުކަޒުތައް ރަސްމީކޮށް ހުޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނާއި، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ. މި ރަސްމިއްޔާތުތަކުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީގެ އިތުރުން ފުލުހުންގެ އިސް އޮފިސަރުންނާއި، ދެ ރަށުގެ ކައުންސިލްތަކުގެ މެންބަރުންނާއި މުއައްސަސާތަކުގެ އިސްވެރިން އަދި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ ދަށުން، މާފަރު ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅާފައިވަނީ 21 ޖުލައި 2025 ގައެވެ. އަދި ފޮއްދޫ ޕޮލިސް ސްޓޭޝަންގެ ބިންގާ އެޅީ 23 ޖުލައި 2025 ގައެވެ.

މާފަރު ޕޮލިސް ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، ރަށްރަށުގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކުރެވިގެން ދިޔުމުން ކުށްކުރުން މަދުވެ، މުޖުތަމައުގެ އަމާންކަމަށް ވަރަށް ބޮޑު ހެޔޮ ބަދަލެއް އަންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ޚާއްޞަކޮށް އެ ސަރަހައްދުގައި ރިޕޯޓުކުރެވޭ ގެވެށި އަނިޔާގެ މައްސަލަތައް މަދުކުރުމަށް ފުލުހުންގެ ހާޒިރުވުމުގެ ސަބަބުން ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެހެންކަމުން، މާފަރާއި ފޮއްދޫގައި މަސައްކަތްކުރާ ފުލުހުން ވެސް އެ ރޫހުގައި ރައްޔިތުންނާ ގުޅިގެން ޚިދުމަތް ދިނުމަށް ވަޒީރު އިލްތިމާސްކުރެއްވިއެވެ.

މީގެއިތުރުން، މުޖުތަމައުގެ ހަމަޖެހުން ދެމެހެއްޓޭނީ ރައްޔިތުންނާއި ފުލުހުން ގުޅިގެން ކުރާ މަސައްކަތުން ކަމަށް ފާހަގަކުރައްވައި، ކުށުގެ ވެށި ހުއްޓުވުމަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމުގައާއި އެހެނިހެން ކަންކަމުގައި ފުލުހުންނަށް ފުރިހަމަ އެއްބާރުލުން ދިނުމަށް ވެސް ވަޒީރު ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވީ، 1999 ވަނަ އަހަރު ނ. އަތޮޅުގައި ފުލުހުންގެ ޚިދުމަތް އެންމެ ފުރަތަމަ ފެށިއިރު އަތޮޅުތެރޭގައި ސްޓޭޝަންތައް ގާއިމުވެފައި ނެތް ނަމަވެސް، މިއަދު އެ އަތޮޅުގެ ހުރިހާ ރަށެއްގައި ފުލުހުން ގާއިމުވެތިބެ ފުރިހަމަ ޚިދުމަތެއް ދެމުންދާ ކަމަށެވެ. އަދި މިހާރު ހުޅުވެމުންދަނީ ފުލުހުންގެ ބޭނުންތަކަށް ޚާއްޞަކޮށް ފަރުމާކޮށްފައިވާ ޒަމާނީ މަރުކަޒުތަކެއްކަން ސީޕީ ފާހަގަކުރެއްވިއެވެ.

ފުލުހުންނަށް ލިބެމުންދާ ޒަމާނީ ވަސީލަތްތަކާއި ކުރިއެރުންތަކާއެކު، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ވެސް އެއްދުވަހުން އަނެއްދުވަހަށް މަތިކުރަންޖެހޭ ކަމަށާއި، ރައްޔިތުން އެންމެ އިތުބާރުކުރާ އަދި ހިތްހަމަޖެހޭ ފަދަ އައު ވިސްނުންތަކާއެކު ޚިދުމަތް ފުޅާކުރުމަށް ކޮމިޝަނަރ ވަނީ ފުލުހުންގެ ކިބައިން އެދިވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު