މަޖިލީހުގެ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު
މަޖިލީހުގެ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު
ސަރުކާރުން ވެފައިވާ ބޮޑެތި ވައުދުތައް ދަމަހައްޓަމުން އަންނަ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅާފައިވަނީ މާލީ ޒިންމާދާރުކަމާއެކު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި 2027 ވަނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓަށް ބަހުސް ކުރައްވަމުން މެންބަރު ނިޒާރު ވަނީ އެ ބަޖެޓަށް ފުރިހަމައަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި މި ބަޖެޓުގެ ބަހުސް އިއްޔެ ފެށިގެން ދިޔައިރު، އިދިކޮޅު ފަރާތްތަކުން ތަރައްގީއަކީ ހަމައެކަނި ރަށެއްގައި ހެދޭ ބަނދަރެއް، ހޮސްޕިޓަލެއް ނުވަތަ މަގެއްގެ ގޮތުގައި ސިފަކޮށްދޭން މަސައްކަތް ކުރެއްވި ނަމަވެސް، މި ބަޖެޓަކީ މިއަދުގެ ރައްޔިތުންނަށާއި މާދަމާގެ މުސްތަގުބަލަށްޓަކައި ގައުމު ބިނާކުރުމަށް އެކުލަވާލާފައިވާ ބަޖެޓެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ބަޖެޓުގެ ހިސާބުތަކަށް އަލިއަޅުއްވާލައްވަމުން ނިޒާރު ވިދާޅުވީ، 2023 ވަނަ އަހަރު ދައުލަތުން ފާސްކުރީ ގާތްގަނޑަކަށް 42.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށާއި، 2027 ވަނަ އަހަރަށް ހުށަހެޅިފައިވަނީ ގާތްގަނޑަކަށް 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށެވެ. މިއީ ހަތަރު އަހަރު ދުވަހުގެ ތެރޭގައި 16.9 ބިލިއަން ރުފިޔާގެ އިތުރުވުމެއް ނަމަވެސް، މި ހިނގާ 2026 ވަނަ އަހަރުގެ ބަޖެޓާ އަޅާބަލާއިރު 2027 ގެ ބަޖެޓަކީ ގާތްގަނޑަކަށް 4.5 ބިލިއަން ރުފިޔާ ކުޑަ ބަޖެޓެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މެންބަރު އިތުރަށް ވިދާޅުވީ، 2027 ވަނަ އަހަރުގެ ބަޖެޓު އެކުލަވާލާފައިވަނީ ސިއްހީ ދާއިރާ، ތައުލީމު، ޕެންޝަން އަދި ސަބްސިޑީ ފަދަ ރައްޔިތުންނާ ގުޅުންހުރި މުހިންމު ހިދުމަތްތަކާއި ގައުމީ ތަރައްގީގެ ބޮޑެތި ވައުދުތަކަށް އެއްވެސް އުނިކަމެއް ނާންނާނެހެން، ފުރިހަމަ މާލީ ޒިންމާދާރުކަމާ އެކުގައި ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު