ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު
ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު
މި އަހަރުގެ ތެރޭގައި ފެށިފައިވާ ގިނަ މަޝްރޫޢުތައް، އިރާދަކުރެއްވިއްޔާ 2027 ވަނަ އަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމުގެ ފުރިހަމަ އުންމީދު އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހު (މަންޑޭ) ވިދާޅުވެއްޖެއެވެ.

މަމްދޫހު މިހެން ވިދާޅުވީ ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން މިއަދު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ކުރިއަށްދިޔަ ބަހުސްގައި ވާހަކަދައްކަވަމުންނެވެ.

މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މަމްދޫހު ވިދާޅުވީ، ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓަކީ ވޭތުވެދިޔަ އަހަރާ އަޅައިބަލާއިރު ގާތްގަނޑަކަށް 4 ބިލިއަނެއްހާ ރުފިޔާ ކުޑަ ބަޖެޓެއް ކަމަށެވެ. ނަމަވެސް، އެ ބަދަލު ފެންނަން އޮތް ނަމަވެސް ބަޖެޓުން ފެންނަ އެންމެ ބޮޑު ހަގީގަތަކީ ރައްޔިތުންނަށް އުންމީދު ގެނެސްދޭ ކަންކަން ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

"މި ބަދަލު ހަގީގަތުގަ މި ބަޖެޓުގެ ތެރެއިން ފެންނަން އޮތް އިރުވެސް އަޅުގަނޑުމެންނަށް ބަޖެޓުގެ ތެރެއިން ފެންނަން އޮތް އެންމެ ބޮޑު ހަގީގަތަކީ ދިވެހި ރާއްޖޭގަ 2027 ވަނަ އަހަރު، މިއަހަރު ފެށިފަމިހިރަ ގިނަ މަޝްރޫޢުތައް އިރާދަކުރެއްވިއްޔާ ނިންމޭނެ ކަމުގެ އުންމީދު. 2027 ވަނަ އަހަރުގެ ބަޖެޓަށް އަޅުގަނޑުމެން ސާފު ނަޒަރެއް ހިންގާލީމަ އެނގޭ،" މަމްދޫހު ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުގެ ފަރާތުން ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ މިއަހަރަށް ފާސްކޮށްފައިވާ 64.2 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓާ އަޅައިބަލާއިރު ގާތްގަނޑަކަށް ހަތަރު ބިލިއަން ރުފިޔާގެ ކުޑަވުމެކެވެ.

ޖުމްލަ ބަޖެޓުގެ އަދަދު މި އަހަރަށް ވުރެ ދަށްވި ނަމަވެސް، ދައުލަތް ހިންގުމަށް ހިނގާ ހޭދަ ނުވަތަ ރިކަރަންޓު ޚަރަދުތައް ވަނީ ބޮޑުތަނުން އިތުރުވެފައެވެ. އެގޮތުން އަންނަ އަހަރުގެ ރިކަރަންޓް ޚަރަދުގެ ގޮތުގައި 42.7 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު