ރައީސް މުއިއްޒު
ރައީސް މުއިއްޒު
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ހަތަރު ބިލަކީ މުހިންމު ފަންނީ ދިރާސާތަކެއްގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ބިލުތަކެއް ކަމަށާއި، އެއީ އަވަސް އަރުވާލައިގެން ހުށަހެޅި ބިލުތަކެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ފާހަގަކުރެއްވި ގޮތުގައި، މި ބިލުތަކަކީ ނިޒާމީ ގޮތުން ގެންނަންޖެހޭ މުހިންމު ބަދަލުތަކާއި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ތައްޔާރުކުރެވިފައިވާ ބިލުތަކެއް ކަމުން، އެ ބިލުތަކުގެ ސަބަބުން ނުކުންނާނެ ނަތީޖާ ރަނގަޅުވެގެންދާނެއެވެ.

ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލުތަކުގެ ތެރޭގައި މަރުގެ އަދަބު ކަނޑައެޅުމާއި ތަންފީޒުކުރުމާ ބެހޭ ބިލާއި، އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެ ނާދެވޭ ގޮތަށް އިމިގްރޭޝަން ޤާނޫނަށް ހުށަހެޅި ބިލުގެ އިތުރުން، ނަމާއި އަބުރު ރައްކާތެރިކުރުމުގެ ޙައްޤުގެ ބިލާއި ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު ހިމެނެއެވެ.

މަރުގެ އަދަބު ތަންފީޒުކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެއީ ރާއްޖެއަށް ނުހަނު މުހިންމު ބިލެއް ކަމަށާއި، ޝަރުޢީ ގޮތުން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަވުމުން މަރުގެ އަދަބު ތަންފީޒުކުރުމަށް ފަސްޖެހިވަޑައިނުގަންނަވާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ.

މީގެ އިތުރުން ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލަކީ ދީނާ ޚިލާފު ކަމެއް ނުކުރެވޭނެ ގޮތަށް، ދެފުށް ފެންނަ ހާމަކަން ބޮޑު ނިޒާމެއްގެ ތެރެއިން އެ ވިޔަފާރިއަށް މަގުފަހިކުރުމަށް ހުށަހެޅި ބިލެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

އަދި ނަމާއި އަބުރު ރައްކާތެރިކުރުމުގެ ޙައްޤުގެ ބިލާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން، އަބުރާ ބެހުމަކީ މަދަނީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ހުށަހެޅި މި ބިލަކީ ރާއްޖެ ފަދަ އިސްލާމީ މުޖުތަމަޢެއްގައި އަބުރު ރައްކާތެރިކޮށްދިނުމަށްޓަކައި ކޮންމެހެން ބޭނުންތެރި ޤާނޫނެއް ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް