ރާއްޖޭގެ ރިސޯޓެއް-
ރާއްޖޭގެ ރިސޯޓެއް-
ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ އާމްދަނީގެ މަންފާ ސީދާ ދިވެހި އެންމެހައި ރައްޔިތުންނަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމުގެ މަގްސަދުގައި، ސަރުކާރުގެ 100 އިންސައްތަ ހިއްސާވާ "ދިވެހީންގެ ރިޒޯޓް ހިއްސާ ކޯޕަރޭޝަން (ޑީ.އާރް.އެޗް.ސީ)" ގެ ނަމުގައި އާ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ، އެ ކުންފުންޏަކީ ކުންފުނީގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފެއްދެވި ކުންފުންޏެއް ކަމަށެވެ.

"މި ކުންފުނީގެ މައިގަނޑު ބޭނުމަކީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ފަޅުތަކާއި ފަޅުރަށްތައް ތަރައްގީކޮށް، އޭގެ ފައިދާ އެއްވެސް ތަފާތުކުރުމެއްނެތި ރައްޔިތުންނަށް ލިބޭނެ ދިގުމުއްދަތުގެ އިންވެސްޓްމަންޓް ޕޯޓްފޯލިއޯއެއް ބިނާކުރުމެވެ." ސަރުކާރުން ހާމަކޮށްފައިވެއެވެ.

ހަމައެއާއެކު، އިއާދަކުރަނިވި ހަކަތައާއި ތިމާވެށި ރައްކާތެރިކުރުމަށް އިސްކަންދީގެން ބައިނަލްއަގްވާމީ ފެންވަރުގެ ރިސޯޓުތައް ތަރައްގީކޮށް، ދިވެހީންނަށް ވަޒީފާއާއި ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދިނުންވެސް މި ކުންފުނީގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކުރިއަށްއޮތް 3 އަހަރު ތެރޭގައި މި ކުންފުނި މެދުވެރިކޮށް މަދުވެގެން 10 ރިސޯޓު ތަރައްގީ ކުރާނެ ކަމަށެވެ. އަދި ގާނޫނަކުން ކަނޑައަޅައިގެން، އެ ރިސޯޓުތަކުގެ ހިއްސާދާރުންނަށް ކޮންމެ ދިވެހި ރައްޔިތަކު ހަދައި، އެތަންތަނުން ލިބޭ ފައިދާގެ ބޮޑުބައެއް އަހަރަކު އެއްފަހަރު ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް ބޭރު ފައިސާއިން ޖަމާކޮށްދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް