މިއީ އޭއައި އިން ހަދާފައިވާ ފޮޓޯއެއް
މިއީ އޭއައި އިން ހަދާފައިވާ ފޮޓޯއެއް
މިދިޔަ ބުރާސްފަތި ދުވަހު ޔޫރަޕުގެ އެކި މަންޒިލްތަކަށް ދަތުރުކުރި ފްލައިޓުތަކަކަށް ބޮމުގެ އިންޒާރު ލިބި، ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަމާމެދު އަނެއްކާވެސް ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިއްޖެއެވެ.

އިންޒާރު ލިބުނު ފްލައިޓުތަކުގެ ތެރޭގައި އެމްސްޓަޑަމުން ފުރައިގެން ބުޗަރެސްޓް މަގުން ތެލް އަވީވަށް ދަތުރުކުރި ކޭއެލްއެމްގެ ފްލައިޓެއްވެސް ހިމެނެއެވެ.

ކޭއެލްއެމް ފްލައިޓް 461 އަށް ބޮމުގެ އިންޒާރު ލިބިފައިވަނީ އެމްސްޓަޑަމްގެ ޝިޕޯލް އެއާޕޯޓުން ފުރިތާ ކުޑައިރުކޮޅެއް ފަހުން، އެ ގައުމުގެ ގަޑިން ގާތްގަނޑަކަށް ރޭގަނޑު 7:30 ހާއިރުއެވެ. މި އިންޒާރާ ގުޅިގެންވެސް ބޯޓު ވަނީ ޝެޑިއުލް ކުރެވިފައިވާ ގޮތަށް ބުޗަރެސްޓަށް ޖައްސާފައެވެ. އަދި ރޮމޭނިއާގެ ކަމާބެހޭ ފަރާތްތަކުން ބޯޓު ބަލައިފާސްކުރުމުގެ ކުރިން، ބޯޓުން ދަތުރުކުރި ހުރިހާ ފަސިންޖަރުންނާއި ފަޅުވެރިން ވަނީ ރައްކާތެރިކަމާއެކު ބާލާފައެވެ.

އެ ދުވަހުގެ ކުރީކޮޅު ޔޫރަޕުގެ އެކި ސަރަޙައްދުތަކުން މަދުވެގެން 14 ފްލައިޓަކަށް ބޮމުގެ އިންޒާރު ލިބިފައިވާއިރު، އެ ރޭގެ ވަގުތުތަކުގައިވެސް މިފަދަ އިތުރު ހާދިސާތަކެއް ވަނީ ރިޕޯޓުކޮށްފައެވެ. މިގޮތުން އިންޒާރު ލިބުނު އެއާލައިންތަކުގެ ތެރޭގައި އެއާ ލިންގަސް، ފިންއެއާ، ވިޒް އެއާ، އޭޖިއަން އެއާލައިންސް އަދި ރަޔަންއެއާ ހިމެނެއެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބައެއް ފްލައިޓުތަކުގެ މިސްރާބު ބަދަލުކުރިއިރު، އަނެއްބައި ފްލައިޓުތަކަށް އަސްކަރީ މަތިންދާބޯޓުތަކުން ވަނީ ވައިގެ ތެރޭގައި އެހީތެރިކަން ފޯރުކޮށްދީފައެވެ. ފްރާންސް، އިޓަލީ، ބަލްގޭރިއާ، ޗެކް ރިޕަބްލިކް އަދި ރޮމޭނިއާ ހިމެނޭހެން ގިނަ ގައުމުތަކެއްގެ ސަލާމަތީ ބާރުތަކުން ވަނީ ހާއްސަ ސެކިއުރިޓީ އިންސްޕެކްޝަންތައް ހިންގާފައެވެ. ނަމަވެސް، މި ހާދިސާތަކުގައި އެއްވެސް ގޮވާތަކެއްޗެއް ނުވަތަ ޝައްކުކުރެވޭފަދަ އާލާތެއް ފެނިފައެއް ނުވެއެވެ.

ނެދަލެންޑްސްގެ ނޭޝަނަލް ކޯޑިނޭޓަރ ފޮރ ސެކިއުރިޓީ އެންޑް ކައުންޓަރޓެރަރިޒަމް (އެންސީޓީވީ) އިން ބުނި ގޮތުގައި، ކުރު މުއްދަތެއްގެ ތެރޭގައި މިހާ ގިނަ އަދަދެއްގެ އިންޒާރުތަކެއް ލިބިފައިވާތީ އެކަމަށް ހާއްސަ ސަމާލުކަމެއް ދީގެން އަންނަނީ ބަލަމުންނެވެ. އެހެންނަމަވެސް، މި އިންޒާރުތަކުގެ އަސްލު އަދި މިހާތަނަށް ދެނެގަނެވިފައެއް ނުވެއެވެ.

އެއާ ފްރާންސް-ކޭއެލްއެމްގެ ސީއީއޯ ބެންޖަމިން ސްމިތު މި ހާދިސާތައް ސިފަކުރެއްވީ އާދަޔާ ހިލާފު ކަމެއްގެ ގޮތުގައެވެ. އަދި މި އިންޒާރުތަކުގެ ފަހަތުގައި ވަކި އިންތިޒާމުތަކެއް ހަމަޖެހިފައިވާކަން ފާހަގަކުރެވޭތީ އެއީ ވަރަށް ނުރައްކާތެރި އަދި އާދަޔާ ހިލާފު މައްސަލައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، މިފަދަ ހާލަތްތަކަށް އެ އެއާލައިން ގްރޫޕް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށާއި، މިކަމުގެ ސަބަބުން ދަތުރުވެރިންގެ ޑިމާންޑަށް އަދި އެއްވެސް ބަދަލެއް އައިސްފައިނުވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ފްލައިޓުތަކުން އެއްވެސް ނުރައްކާތެރި އެއްޗެއް ފެނިފައި ނުވިނަމަވެސް، ވިދިވިދިގެން ލިބެމުންދާ އިންޒާރުތަކާ ގުޅިގެން ޔޫރަޕުގެ ވައިގެ ދަތުރުފަތުރާ ބެހޭ އިދާރާތަކާއި އެއާލައިންތައް މިހާރު ވަނީ ވަރަށް މަތީ ދަރަޖައަކަށް އެލާޓަށް ގެނެސްފައެވެ. އަދި މި މައްސަލަތައް ތަހުގީގު ކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ދަނީ ހުއްޓުމެއްނެތި ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު