ހ. ކަރޯގެ/ މާލެ، މުހައްމަދު ރަޝްވާން އައްބާސް(53އ.)
ހ. ކަރޯގެ/ މާލެ، މުހައްމަދު ރަޝްވާން އައްބާސް(53އ.)
މާލޭގައި ފުޅާދާއިރާއެއްގައި ގަވާއިދާ ޚިލާފަށް ބަނގުރާ ފޯރުކޮށްދެމުންދިޔަ ނެޓްވޯކުގައި އިސްކޮށް އުޅުނު ދިވެހި މީހާ، ހ. ކަރޯގެ, މާލެ، މުހައްމަދު ރަޝްވާން އައްބާސް(53އ.)ގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފިއެވެ.

ހ. މާދޫގެ ބަލައި ފާސްކޮށް މި މަހުގެ 12 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި، އެ ގެއާއި، ގުޅުންހުރި ތަންތަން ބަލައި ފާސްކޮށް ޖުމުލަ 826 ފުޅި ބަނގުރާ އަތުލައިގެންފައި ވެއެވެ. އެ މައްސަލައިގައި ރަޝްވާން ބަންދުކޮށް ހުރީ 15 ދުވަސް ޖަހައިފައެވެ.

ރަޝްވާންގެ ބަންދުގެ މުއްދަތު ހަމަވާތީ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާ އިތުރު 15 ދުވަހަށް ބަންދުކޮށްފައެވެ.

އޭނާގެ ބަންދު އަމުރުގައި ބުނެފައިވަނީ، އޭނާ ބަންދުކުރަން ނިންމީ ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 އަދި 60 ވަނަ މާއްދާއަށް ރިއާޔަތްކޮށް، ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ ކަމަށެވެ.

ރަޝްވާން ހައްޔަރުކުރީ ބަނގުރަލުގެ މައްސަލައިގައި ހުއްޓުވި ބިދޭސީން ދިން މައުލޫމާތަކާ ގުޅިގެން އޭނާއާ ގުޅުން ހުރި ތަންތަން ބަލައި ފާސްކުރުމުގެ ތެރޭގައެވެ. އެ މައްސަލައިގައި ހައްޔަރުކުރި ތިން ބިދޭސީން މިހާރު ތިބީ އިތުރު 30 ދުވަހަށް ބަންދުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް