ކްރިމިނަލް ކޯޓު
ކްރިމިނަލް ކޯޓު
މާލޭގެ މަގެއްގައި ހިނގާފައި ދިޔަ މީހަކަށް ހުރަސްއަޅައި، މަރުގެ އިންޒާރުދީ ވަޅިން ހަމަލާދޭން އުޅުނު މީހަކު 10 އަހަރަށް ޖަލަށްލުމާއެކު 7.5 ލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ކުށް ސާބިތުވެފައިވަނީ މ. ދާރުލްޤަރާރު، އިސްމާޢީލް ވިޝާލްގެ މައްޗަށެވެ. ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކަށް ބިރުދެއްކުމުގެ ކުށުގެ ދައުވާއެވެ.

ދައުލަތުގެ ދައުވާގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ 14 ސެޕްޓެމްބަރު 2025 ގެ މެންދުރުގެ ވަގުތެއްގައެވެ. ނ. ލަންދޫ، އުދަރެސް، އިނާޒް މުޙައްމަދު މާލޭ އަސުރުމާ ގޯޅިން މ. ކުނޫޒާ ދިމާލަށް ހިނގާފައި ދަނިކޮށް، އެ މަގުން ކުރިއަށް ނުދިއުމަށާއި، ކުރިއަށް ހިނގައިފިނަމަ މަރައި ކޮށާލާނެ ކަމަށް ބުނެ ވިޝާލް ވަނީ އިންޒާރުދީފައެވެ. އަދި އޭނާގެ ފަހަތުން ގޮސް ބުރަކައްޓަށް ވަޅިއަކުން ހަމަލާދިނުމަށް މަސައްކަތްކޮށްފައިވާ ކަމަށްވެސް ދައުވާގައިވެއެވެ.

ޝަރީއަތުގެ މަޖިލީހުގައި ވިޝާލް މި ދައުވާއަށް އިންކާރުކޮށް، ދިފާއީ ވަކީލަކާއެކު މައްސަލަ ކުރިއަށްގެންދިޔަ ނަމަވެސް، ދިފާއުގައި އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެއެވެ. މައްސަލަ ސާބިތުކުރުމަށް ދައުލަތުން ވަނީ ސިއްރު ހެކިންނާއި، ހާދިސާ ދުށް މީހުންގެ ހެކިބަހުގެ އިތުރުން ސީސީޓީވީ ފުޓޭޖް ހުށަހަޅާފައެވެ. ވީޑިއޯ ފުޓޭޖުން ފެންނަ ގޮތުގައި، ވިޝާލް އޭނާގެ ޖީބުން ވަޅިއެއް ނަގައިގެން އިނާޒްގެ ފަހަތުން ގޮސް ވަޅި ހޫރައި، ކާއެއްޗެހި ހުރި ކޮތަޅަކުން އޭނާގެ ގައިގައި ޖަހާ މަންޒަރު ވަރަށް ސާފުކޮށް ފެންނަން ހުރިކަން ކޯޓުން ފާހަގަކުރިއެވެ.

ހެކިންގެ ތެރެއިން ބައެއް ސިއްރު ހެކިން، އެ ވަގުތު މަސްތުގެ ހާލަތުގައި ތިބުމުގެ ސަބަބުން ހާދިސާގެ ތަފްސީލު ހަނދާންނެތް ކަމަށް ބުނި ނަމަވެސް، އެހެން ހެކިވެރިން ވަނީ ވިޝާލް މީހަކާ ޒުވާބުކޮށް، އޭނާގެ ފަހަތުން ގޮސް ހަމަލާދީ، ތޫނު ހަތިޔާރެއް ނަގައި މަރާލާނެ ކަމުގެ އިންޒާރު ދިން މަންޒަރު ފެނުނު ކަމަށް ބަޔާންކޮށްފައެވެ.

އެހެންކަމުން، ދައުލަތުން ހުށަހެޅި ހެކިތަކުގެ މައްޗަށް ބިނާކޮށް މި ދައުވާ ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާ ކަމަށް ކަނޑައަޅައި، ވިޝާލް 10 އަހަރަށް ޖަލަށްލުމާއެކު، 750,000 (ހަތްލައްކަ ފަންސާސް ހާސް) ރުފިޔާއިން ޖޫރިމަނާކުރުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އަދި މި ފައިސާ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކައި ޚަލާޞްކުރުމަށްވެސް ވަނީ އަމުރުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް