ބަޖެޓު ފޮތް
ބަޖެޓު ފޮތް
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި، މާދަމާ މަޖިލީހުގެ ހާއްސަ ޖަލްސާއެއް ބޭއްވުމަށް ނިންމައިފިއެވެ.

މާދަމާ ބަޖެޓު ހުށަހެޅުމުގެ ޖަލްސާ ބާއްވަން ނިންމާފައި މިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު، ހިނގަމުންދާ އަހަރުގެ އޮކްޓޯބަރު މަސް ނިމުމުގެ ކުރިން މަޖިލީހަށް ހުށަހަޅަން ޖެހޭތީއެވެ. މި ހިނގާ އޮކްޓޯބަރު މަހުގެ އެންމެ ފަހު ދުވަހަކީ ހޮނިހިރު ދުވަސް ކަމަށްވާތީ، ގާނޫނީ މި އިލްތިޒާމު ފުރިހަމަކުރުމުގެ ގޮތުން ޖަލްސާ ބޭއްވުމަށް ތާވަލުކުރީ މާދަމާއަށެވެ.

މިކަން ރަސްމީކޮށް އިއުލާންކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން، މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ. މަޖިލީހުގެ ގަވާއިދު އޮންނަ ގޮތުން ބުރާސްފަތި ދުވަހަކީ އާންމުކޮށް ޖަލްސާތައް ބާއްވާ ދުވަހެއް ނޫން ނަމަވެސް، މާދަމާ މެންދުރުފަހު 13:30 ގައި މި މުހިންމު ޖަލްސާ އޮންނާނެކަން އެމަނިކުފާނު ވަނީ މެންބަރުންގެ ސަމާލުކަމަށް ގެންނަވާފައެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާ ބަޖެޓުގެ ޖުމްލަ އަދަދާއި އޭގެ ތަފުސީލުތައް މިހާތަނަށް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. މި އަހަރަށް ދައުލަތުން ކަނޑައަޅައި، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

އެންމެ ފަހުން ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން، މި އަހަރަށް ކަނޑައެޅި ބަޖެޓުން ވަނީ، 48 ބިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. އެއީ، މި އަހަރަށް ކަނޑައެޅި ބަޖެޓުގެ 76 ޕަސެންޓެވެ. އެ ތަފާސްހިސާބުން ދައްކާ ގޮތުގައި، ދަރަނި ދައްކަން މި އަހަރަށް ބަޖެޓުކޮށްފައިވަނީ 12.9 ބިލިއަން ރުފިޔާ ކަމަށްވާއިރު، އޭގެ ތެރެއިން 10.1 ބިލިއަން ރުފިޔާ މިހާތަނަށް ވަނީ ހޭދަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް