ތުޅާދޫ ހައުސިން ޔުނިޓްތައް-
ތުޅާދޫ ހައުސިން ޔުނިޓްތައް-
ބ. ތުޅާދޫގައި ސަރުކާރުން އިމާރާތް ކޮށްފައިވާ 100 ހައުސިންގ ޔުނިޓަށް އެދި ހުށަހަޅާފައިވާ ފޯމުތަކުގެ ވެރިފިކޭޝަން މަރުޙަލާ ނިންމައި، ފޯމުތަކަށް ލިބިފައިވާ ޕޮއިންޓް ޢާއްމުކޮށްފިއެވެ.

މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ތުޅާދޫގައި ތަރައްޤީ ކޮށްފައިވާ މި ހައުސިންގ ޔުނިޓްތައް ދޫކުރުމަށް ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ހުރިހާ ފޯމެއް މިހާރު ވަނީ ވެރިފައިކޮށް ނިމިފައި ކަމަށެވެ.

މިނިސްޓްރީން ބުނީ، 11 ޖެނުއަރީ 2026 ގައި ކޮށްފައިވާ އިޢުލާނާ ގުޅިގެން ފޯމު ހުށަހެޅި ފަރާތްތަކަށް، މިހާރު "ހިޔާވެހި ޕޯޓަލް" އަށް ލޮގިންވުމުން އެ ފަރާތެއްގެ ފޯމަށް ލިބިފައިވާ ޖުމްލަ ޕޮއިންޓް ބަލައިލެވޭނެ ކަމަށެވެ.

މީގެއިތުރުން، ލިބިފައިވާ ޕޮއިންޓާ ގުޅިގެން ނުވަތަ އެނޫންވެސް ކަމަކާ ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ، އެކަމެއް ހުށައެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ހިޔާވެހި ޕޯޓަލް މެދުވެރިކޮށް، 16 ނޮވެމްބަރު 2026 ގެ 14:00 ގެ ކުރިން ޝަކުވާ ހުށަހަޅަންޖެހޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ހައުސިންގ މިނިސްޓްރީން ވަނީ، ހިޔާވެހި ޕޯޓަލް ނޫން އެހެން އެއްވެސް ވަސީލަތަކުން ހުށަހަޅާ ޝަކުވާތަކާއި، ކަނޑައެޅިފައިވާ މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ އެއްވެސް ޝަކުވާއެއް ބަލައިނުގަނެވޭނެ ކަމަށް ސަމާލުކަން ދިނުމަށް އެދިފައެވެ.

މި ކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާ ފަރާތްތަކުން، އެ މިނިސްޓްރީގެ ފޯނު ނަންބަރު 4004900 އަށް ގުޅުއްވުމަށް ވެސް މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން އެދިފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް