ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން، ފޮޓޯ: އެމްއޭސީއެލް
ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން، ފޮޓޯ: އެމްއޭސީއެލް
ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ "ވިޒިޓް މޯލްޑިވްސް އިޔަރ 2027" ކެމްޕޭނާއެކު، އަންނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 2.28 މިލިއަނާއި 2.5 މިލިއަނާ ދެމެދުގެ މިންވަރަކަށް އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމުގައި މިނިސްޓަރ އޮފް ފިނޭންސް ޙަސަން ޒަމީރު ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަމުން ވިދާޅުވެއްޖެއެވެ.

މިއީ ބައިނަލްއަޤްވާމީ މައިދާނުގައި ކުރިމަތިވި ޖިއޯޕޮލިޓިކަލް ގޮންޖެހުންތަކާއި ދުނިޔޭގެ މަޝްރަޙަށް އައި ލޮޅުންތަކާއެކު ވެސް، 2026 ވަނަ އަހަރުގެ ނިޔަލަށް 2.17 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް އަންދާޒާކޮށް، ރާއްޖޭގެ އިޤްތިޞާދީ މައި ސިނާއަތުން ހޯދި ކުރިއެރުމުގެ މައްޗަށް ބިނާކޮށް ކަނޑައެޅިފައިވާ އުންމީދީ އަމާޒެކެވެ.

އިޤްތިޞާދީ މޮޑެލްތަކުން ދައްކާ އަސާސީ އަމާޒަކީ 2.28 މިލިއަން ފަތުރުވެރިން ކަމުގައި ވީނަމަވެސް، މާކެޓިންގއާއި އިޝްތިހާރުކުރުމުގެ ޚާއްޞަ ޙަރަކާތްތަކުގެ އެހީގައި އިތުރު ދެލައްކައެއްހާ ފަތުރުވެރިން ގެނެސް، ޖުމްލަ 2.5 މިލިއަން ފަތުރުވެރިންގެ ލަނޑުދަނޑި ޙާޞިލުކުރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.

މި އަންދާޒާތަކަށް ބަލާއިރު، ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ޖުމްލަ 'ބެޑްނައިޓްސް'ގެ އަދަދު 2026 ވަނަ އަހަރު ހުރި 13.9 މިލިއަނުން، 2027 ވަނަ އަހަރު 14.5 މިލިއަނަށް މައްޗަށް ދާނެ ކަމަށް ލަފާކުރެވެއެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ އިތުރުވުމުގެ ސަބަބުން، ދައުލަތުގެ ރަސްމީ ރިޒާވް 2026 ވަނަ އަހަރު ނިމޭއިރު ހުންނާނެ ކަމަށް ބެލެވޭ 817.7 މިލިއަން އެމެރިކާ ޑޮލަރުން، 2027 ވަނަ އަހަރުގެ ނިޔަލަށް 907.2 މިލިއަން ޑޮލަރަށް އުފުލިގެންދާނެ ކަމަށް ވެސް ވަނީ އަންދާޒާކުރެވިފައެވެ.

ހިނގަމުންމިދާ 2026 ވަނަ އަހަރުގެ ފަތުރުވެރިކަމުގެ ދުވެއްޔަށް ނަޒަރުހިންގާއިރު، އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދުނިޔޭގެ މަޝްރަޙުގައި އުފެދުނު ހަމަނުޖެހުންތަކާއި ހަނގުރާމައިގެ ސަބަބުން، މެދުއިރުމަތީގެ ޓްރާންސިޓް މައި މަރުކަޒުތަކުގެ ދަތުރުފަތުރަށް ބޮޑެތި ބުރޫތަކެއް އެރިއެވެ. މީގެ ނަތީޖާއެއްގެ ގޮތުން އެ އަހަރުގެ މާރިޗު އަދި އޭޕްރީލް މަހު ވިލާތުގެ ޤައުމުތަކުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 23 އިންސައްތަ ދަށަށް ދިޔައެވެ.

އެހެންނަމަވެސް، އަހަރުގެ މެދުތެރޭގައި މި ގޮންޖެހުންތަކުން އަރައިގަނެވިފައިވާއިރު، 2026 ވަނަ އަހަރު ނިމޭއިރު ޖުމްލަ 2.17 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށާއި، މިއީ ވޭތުވެދިޔަ އަހަރުގެ ކުރިއެރުމާ އަޅާބަލާއިރު އެއްފެންވަރެއްގެ ނަތީޖާއެއް ކަމަށް ވަނީ ލަފާކުރެވިފައެވެ.

އަންނަ އަހަރަށް ކަނޑައަޅާފައިވާ އިޤްތިޞާދީ ސިޔާސަތުތަކުގެ ތެރޭގައި، ރައްޔިތުންނާއި ވިޔަފާރިތަކަށް ބުރަ ބޮޑުނުވާނޭހެން އައު ޓެކްސްތަކެއް ތަޢާރަފުނުކޮށް އަދި މިހާރު ހުރި ޓެކްސް ރޭޓުތައް ވެސް މަތިނުކޮށް، ޓެކްސް އިދާރީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ވަނީ އިސްކަންދީފައެވެ. އެގޮތުން "މޯލްޑިވްސް ގެސްޓް އިންފޮމޭޝަން ސިސްޓަމް" ގެ ޚިދުމަތް ފުޅާކުރުމާއެކު، ބައިނަލްއަޤްވާމީ ފެންވަރުގެ އީ-އިންވޮއިސިންގ ނިޒާމެއް ތަޢާރަފުކުރުމަށް ވަނީ ރޭވިފައެވެ.

މީގެއިތުރުން، ފަތުރުވެރިކަމުގެ އޮފް-ޕީކް ނުވަތަ މަޑު ދުވަސްވަރު ދަތުރުފަތުރު ކުރުމަށް ބާރުއަޅައި ފްލައިޓްތައް އިތުރުކުރުމާއި، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ފަދަ ޒަމާނީ އުމްރާނީ ވަސީލަތްތަކުގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ވެސް ސަރުކާރުގެ ސިޔާސަތުގައި ވަނީ ކަނޑައަޅާފައެވެ.



ކިޔުންތެރިންގެ ހިޔާލު