މަޑަވެލީ ބިން ހިއްކުމުގެ މަސައްކަތް، ފޮޓޯ: އެމްޓީސީސީ
މަޑަވެލީ ބިން ހިއްކުމުގެ މަސައްކަތް، ފޮޓޯ: އެމްޓީސީސީ
ގދ. މަޑަވެލީގެ ބިމުގެ ދަތިކަން ޙައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ބިން ހިއްކުމުގެ މަޝްރޫޢުގެ ތެރެއިން، މިހާތަނަށް އެ ރަށުން 136،980 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކައި ނިންމާލާފައިވާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްވެސް ހިމެނޭގޮތަށް އެމްޓީސީސީއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ މިއަހަރުގެ މާޗް މަހުގެ ތެރޭގައެވެ. ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ މަޑަވެލީގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށާއި، ރަށުގެ އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުމަށްޓަކައި ސަރުކާރުން އިސްކަންދީގެން ފަށާފައިވާ މުހިންމު މަސައްކަތެކެވެ.

މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 8.85 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، ގޮނޑުދޮށް ހިމާޔަތްކުރުމަށް 628.70 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމެންޓަކާއި، 678 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. ޖުމްލަ 77.9 މިލިއަން ރުފިޔާ ޚަރަދުވާ މި ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 390 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މީގެއިތުރުން، މި މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން 19.17 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމުގެ އިތުރުން، 1645 މީޓަރުގެ ރިވެޓްމެންޓެއް ޖެހުމާއި، 120 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މި ދެވަނަ ފިޔަވައްސަކީ 174.58 މިލިއަން ރުފިޔާގެ މަޝްރޫޢަކަށްވާއިރު، މި މަސައްކަތް ނިންމުމަށް އެ ކުންފުންޏަށް ދީފައިވަނީ 400 ދުވަހުގެ މުއްދަތެކެވެ.

މަޑަވެލީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މި ބިޔަ މަޝްރޫޢު އެއްކޮށް ނިމުމުން، އެ ރަށުގެ ބިމުގެ ޖާގައަށް ބޮޑު ތަނަވަސްކަމެއް ލިބި، ރަށުގެ ތަރައްޤީއަށް އިތުރު ފުރުޞަތުތަކެއް ތަނަވަސްވެގެންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް