ރައީސް މުއްއިޒު ދައުލަތުގެ މީޑިއާއިން ގެނެސްދޭ 'ނޭޝަން ޗެޓް' ޕްރޮގްރާމުގައި
ރައީސް މުއްއިޒު ދައުލަތުގެ މީޑިއާއިން ގެނެސްދޭ 'ނޭޝަން ޗެޓް' ޕްރޮގްރާމުގައި
ދާދިފަހުން ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށާއި، މި ދަތުރުފުޅުގައި އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދެއްވީ ދެ ޤައުމުގެ ދެމެދުގައިވާ އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެމަނިކުފާނު ޕާކިސްތާނަށް ކުރެއްވި ޒިޔާރަތުގައި އެ ޤައުމުގެ ސަރުކާރާއި ރައްޔިތުންގެ ފަރާތުން އަދާކުރެއްވި ހޫނު މަރުޙަބާއަށާއި، ބެހެއްޓެވި ފުރިހަމަ މެހެމާންދާރީއަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދެ ޤައުމުގެ ދެމެދުގައި ކުރިއަށްދިޔަ މަތީ ފަންތީގެ މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލެއްވީ، އިޤްތިޞާދީ ފުރުޞަތުތައް އިތުރަށް ފުޅާކުރުމަށާއި ދެ ޤައުމުގެ ވިޔަފާރިވެރިންނަށް އެކަށޭނަ، ފަހި މާޙައުލެއް ބިނާކޮށްދެއްވުމުގެ މައްޗަށް ކަމުގައި ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖެއާއި ޕާކިސްތާނަކީ ޒަމާންވީ އަޚުވަންތަ، މުސްލިމް ދެ ޤައުމުކަން ހަނދުމަފުޅު އާކުރައްވަމުން، މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ގުޅުމަށް އާ ދިރުމެއް ލިބި، އެކުވެރިކަން ކުރިއަށްވުރެ ވަރުގަދަވެގެން ގޮސްފައިވާކަން އެމަނިކުފާނު ބަޔާންކުރެއްވިއެވެ.

މީގެއިތުރުން، ޕާކިސްތާނާއެކު ކުރެވުނު މި ބިނާކުރަނިވި މަޝްވަރާތަކުގެ ހެޔޮ ފައިދާއާއި ނަތީޖާ، މާ ލަސްތަކެއް ނުވެ ދެ ޤައުމުގެ ރައްޔިތުންނަށް ފެނިގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް