ފަޤީރުކަން ނައްތާލުމަށާއި އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމުގައި ޒަކާތުގެ ނަފާ އިތުރުކުރުމަށްޓަކައި، ޒަކާތުގެ އިދާރީ ހިންގުން ހަރުދަނާކޮށް ދެފުށްފެންނަ ގޮތަށް ޒިންމާދާރުކަމާއެކު ކަންކަން ބެލެހެއްޓުމުގެ މުހިންމުކަން އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ފާހަގަކުރައްވައިފިއެވެ.
ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރުގައި ހުންނެވުމުގެ ސަބަބުން މި އަހަރުގެ ބައިނަލްއަޤްވާމީ ޒަކާތު ކޮންފަރެންސް (އިންޒެކް 2026) ގެ ހުޅުވުމުގެ ރަސްމިއްޔާތަށް މިނިސްޓަރަށް ހާޒިރުވެވިފައި ނުވި ނަމަވެސް، އެ ރަސްމިއްޔާތުގައި މިނިސްޓަރުގެ ޚިޠާބު އިއްވަވައިދެއްވީ މޯލްޑިވްސް ޒަކާތު ހައުސްގެ އެސިސްޓެންޓް ޒަކާތު އޮފިސަރ އަލްފާޟިލާ އާޝިޔާ ޞާލިޙެވެ.
މިނިސްޓަރުގެ ޚިޠާބުގައި ފާހަގަކުރައްވާފައިވަނީ ޒަކާތަކީ ހަމައެކަނި މާލީ ފަރުޟެއް ނޫން ކަމަށާއި، އެއީ އިޖުތިމާޢީ ޢަދުލުވެރިކަން ޤާއިމުކުރުމަށާއި ފަޤީރުކަން ފިލުވައި އެއްބައިވަންތަކަން އާލާކުރުމަށް އޮތް ވަސީލަތެއް ކަމަށެވެ. އަދި ޒަކާތަކީ ނިކަމެތިންގެ ކަރާމާތް ރައްކާތެރިކޮށްދީ، މުޖުތަމަޢުގެ މެދުގައި އޯގާތެރިކަން ބަދަހިކޮށްދޭ އެއްޗެއްކަން ބަޔާންކުރައްވާފައިވެއެވެ. މީގެއިތުރުން ހަރުދަނާ ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ރާއްޖޭގެ ޤައުމީ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅުތަކެއްގެ ގޮތުގައި، މޯލްޑިވްސް ޒަކާތު ހައުސް އުފެއްދުމާއި ޒަކާތުގެ ޤާނޫނު އެކުލަވާލެވިގެން ދިޔަކަން ފާހަގަކުރެއްވިއެވެ.
ޒަކާތް އޭގެ ޙައްޤުވެރިންނަށް ފަސޭހަކަމާއި އިންޞާފުވެރިކަމާއެކު ފޯރުކޮށްދީ، އެމީހުންގެ ދިރިއުޅުމަށް މާނަހުރި ހެޔޮ ބަދަލެއް ގެނެސްދޭންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ޒަކާތުގެ ފައިސާއަކީ މާތް ﷲ ގެ ޙަޟްރަތުގައި އޮތް ބޮޑު އަމާނާތަކަށް ވުމުން، ޒަކާތުގެ އިދާރީ ހިންގުމުގައި އިޚްލާޞްތެރިކަމާއި ތެދުވެރިކަން އިސްކޮށް، އިސްލާމީ އުޞޫލުތަކަށް ފުރިހަމައަށް ތަބާވާންޖެހޭ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ޢާންމުންގެ އިތުބާރު ދެމެހެއްޓުމަށްޓަކައި ދެފުށްފެންނަ ގޮތަށް ކަންކަން ކުރުމާއި ޒިންމާދާރުވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން މިނިސްޓަރުގެ ޚިޠާބުގައި ބަޔާންކުރެއްވިއެވެ.
ބައިނަލްއަޤްވާމީ އެއްބާރުލުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ދިމާވާ ޢާންމު ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ޢިލްމުވެރިންނާއި ޒަކާތާ ގުޅޭ މުއައްސަސާތަކުގެ މެދުގައި މަޢުލޫމާތާއި ތަޖުރިބާ ޙިއްޞާކުރުމަށް މިނިސްޓަރ ބާރުއެޅުއްވިއެވެ. އަދި ދުނިޔޭގެ މުސްލިމް މުޖުތަމަޢުތަކަށް ފައިދާކުރާނެ ޢަމަލީ ޙައްލުތައް ހޯދުމަށް 'އިންޒެކް' އަކީ ދެމެހެއްޓެނިވި ބައިނަލްއަޤްވާމީ ޕްލެޓްފޯމެއްގެ ގޮތުގައި ކުރިއަރައިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރުގެ ޚިޠާބު ނިންމަވާލެއްވީ މި ކޮންފަރެންސް އިންތިޒާމުކުރި މޯލްޑިވްސް ޒަކާތު ހައުސްއަށާއި ބައިވެރިންނަށް ޝުކުރު އަދާކުރައްވަމުންނެވެ. އަދި ފަޤީރުކަން ނައްތާލުމަށާއި، އިޖުތިމާޢީ ޢަދުލުވެރިކަން ޤާއިމުކުރުމުގައި ޒަކާތުގެ މަތިވެރި މަޤްޞަދުތައް ޙާޞިލުކުރުމަށް މި ކޮންފަރެންސަށް ކާމިޔާބީއަށް އެދިވަޑައިގަންނަވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު