އިންޒެކް 2026 ގެ ތިން ވަނަ ސެޝަންގެ ޕެނަލިސްޓުން، ފޮޓޯ: ޒަކާތު ހައުސް
އިންޒެކް 2026 ގެ ތިން ވަނަ ސެޝަންގެ ޕެނަލިސްޓުން، ފޮޓޯ: ޒަކާތު ހައުސް
މުޖުތަމަޢުގައި ދިރިއުޅޭ ނިކަމެތި އަދި ނާޒުކު ހާލަތްތަކުގައިވާ ފަރާތްތަކަށް ދެމެހެއްޓެނިވި ގޮތެއްގައި މާލީ ފުދުންތެރިކަން ހޯދައިދިނުމުގެ މަޤްޞަދުގައި ބާއްވާ ބައިނަލްއަޤްވާމީ ޒަކާތު ކޮންފަރެންސް، "އިންޒެކް 2026" ގެ ތިންވަނަ ސެޝަންގެ ޕެނަލިސްޓުން މޯލްޑިވްސް ޒަކާތު ހައުސްއިން ރަސްމީކޮށް އިޢުލާނުކޮށްފިއެވެ.

މި އަހަރުގެ އޮކްޓޫބަރު މަހުގެ 28 ވާ ބުދަ ދުވަހު މާލެ ސިޓީގެ އިސްލާމީ މަރުކަޒުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސްގެ މަސައްކަތްތައް ކުރިއަށްދާނީ އެ ދުވަހުގެ ހެނދުނު 8:30 އިން ހަވީރު 7:00 ގެ ނިޔަލަށެވެ. މި ބައްދަލުވުމުގެ ތެރެއިން އެންމެ ޚާއްޞަ އެއް ސެޝަނެއްގެ ގޮތުގައި ކުރިއަށްގެންދިއުމަށް ރޭވިފައިވަނީ "ދިވެހިރާއްޖޭގެ ޙާލަތާއި ދުނިޔޭގެ އައު އީޖާދުތައް: މާލީ ގޮތުން ފުދުންތެރިކުރުވުމުގެ ކާމިޔާބު ޕުރޮގުރާމުތައް އިތުރަށް ތަރައްޤީކޮށް ޢާންމުކުރުން" މިމަޢުޟޫޢަށް ބާއްވާ މަޝްވަރާ ބައްދަލުވުމެވެ.

މި ސެޝަނުގެ ޕެނަލުގައި ބައިވެރިވެވަޑައިގަންނަވާނީ ދާއިރާގެ ފުންނާބުއުސް ތަޖުރިބާކާރު ބޭފުޅުންނެވެ. އޭގެ ތެރޭގައި މެލޭޝިޔާގެ ލެމްބާގާ ޒަކާތު ނެގެރީ ކެޑާ (އެލް.ޒެޑް.އެން.ކޭ) ގެ ޑެޕިއުޓީ ޗީފް ޑިސްޓްރިބިއުޝަން އޮފިސަރ ޔޫސުފް ބިން އަޙްމަދާއި، ޚިދުމަތް ޖަމްޢިއްޔާގެ ބާނީ އަދި އިންސާނީ ޚިދުމަތްތެރިޔާ ޢަބްދުއްސަމީޢު އަޙްމަދު ހިމެނިވަޑައިގަންނަވައެވެ. މީގެއިތުރުން ބީ.އެމް.އެލް އިސްލާމިކްގެ ހެޑް އޮފް ބީ.އެމް.އެލް އިސްލާމިކް ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ސްޓްރެޓެޖީ ވަލީދާ ޢަބްދުއްރަޙްމާން އަދި މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމް.އެން.އެސް.ޑީ.އޭ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޑރ. ޒަހްރާ މުޙައްމަދު ވެސް މި ޕެނަލުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި މި ސެޝަން މޮޑަރޭޓްކުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ޒަކާތު ހައުސްގެ އެސިސްޓެންޓް ޒަކާތު އޮފިސަރ ޢިނާޔާ މޫސާއެވެ.

ޒަކާތާ ބެހޭ ރަސްމީ އިދާރާތަކާއި، އިންސާނީ އެހީތެރިކަމުގެ ދާއިރާއާއި، އިސްލާމިކް ބޭންކިންގ އަދި ހުނަރު ތަރައްޤީކުރުމުގެ ދާއިރާގެ މަންދޫބުން އެއްތަންވާ މި ސެޝަނުގައި، މުޖުތަމަޢު ބިނާކުރުމަށް ހިންގާފައިވާ ކާމިޔާބު މަސައްކަތްތަކާއި ބައިނަލްއަޤްވާމީ ތަޖުރިބާތަކުގެ އަލީގައި މާލީ ގޮތުން ބާރުވެރިކުރުވުމަށް އެންމެ އެދެވޭ ގޮތްތައް ދެނެގަތުމަށް މަޝްވަރާކުރާނެއެވެ.

ހަމައެއާއެކު، ހަމައެކަނި ވަގުތީ މާލީ އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ ބަދަލުގައި، ޒަކާތް ޙައްޤުވާ ފަރާތްތަކަށް އަމިއްލަ ދިރިއުޅުން އާރާސްތުކޮށް، މާލީ މިނިވަންކަން ހޯދައިދީ، ޤައުމީ އިޤްތިޞާދުގައި ފުރިހަމައަށް ޙިއްޞާވެވޭނެ ފަދަ ދެމެހެއްޓެނިވި ޙައްލުތަކަކަށް ވާސިލުވުމުގެ މުހިންމުކަމުގެ މައްޗަށްވެސް މި ބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައި އަލިއަޅުވާލާނެއެވެ. އަދި ޢަމަލީ ތަޖުރިބާތަކާއި އައު އީޖާދީ ގޮތްތައް ޙިއްޞާކޮށް، ކާމިޔާބު މަސައްކަތްތައް އިތުރަށް ފުޅާކޮށްގެން ދިވެހި މުޖުތަމަޢުގެ ބޭނުންތަކާ އެއްގޮތަށް އެކަންކަން ބައްޓަންކުރެވޭނެ އުކުޅުތަކާމެދު ވެސް ފުންކޮށް ބަޙުޘްކުރުމަށް ވަނީ ހަމަޖެހިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް