ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ނުކުޅެދުންތެރިކަން ނުވަތަ ނަފްސާނީ ހާލަތު ހުރި މިންވަރަށް ބަލައި ހެދޭ އެސެސްމެންޓަކަށް ބިނާކޮށް، ކުއްޖާ އުޅޭ ގޭގައި ހޯމް ސްކޫލިންގެ ދަށުން ކިޔަވައިދެވޭ ގޮތަށް ތައުލީމީ ގާނޫނަށް އިސްލާހު ހުށަހެޅުމާ ގުޅިގެން، އެކަށީގެންވާ ގޮތެއްގައި ރެގިއުލޭޓު ނުކުރެވިއްޖެ ނަމަ ސްކޫލަށް ނުދާ ކުދިންގެ އަދަދު އިތުރުވެދާނެ ކަމުގެ ކަންބޮޑުވުން އިދިކޮޅު އެމްޑީޕީގެ މަޖިލިސް މެމްބަރުން ފާޅުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދިޔަ ބަހުސްގައި އެމްޑީޕީގެ މެމްބަރުން ވިދާޅުވީ، ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހޯމް ސްކޫލިންގެ ފުރުސަތު ދިނުމަކީ މުހިންމު ކަމެއް ކަމަށް ގަބޫލުކުރެއްވި ނަމަވެސް، މި ބިލު މަޖިލީހަށް ހުށަހަޅާފައިވަނީ އެޑިއުކޭޝަން މިނިސްޓްރީއާއި ކަމާބެހޭ ފަރާތްތަކާ އެކަށީގެންވާ ގޮތެއްގައި މަޝްވަރާ ނުކޮށް އަދި ދިރާސާތަކެއް ނުކޮށް ކަމަށެވެ.

މަޖިލީހުގެ ބަހުސްގައި ވާހަކަދައްކަވަމުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވީ، ރާއްޖޭގައި ދަރިވަރުން ސްކޫލަށް ނުފޮނުވާ ގޭގައި ބައިތިއްބައިގެން އުޅޭ މީހުންގެ ތެރޭގައި ހަރުކަށި ފިކުރުގެ މީހުން ގިނަކަން ކަމާބެހޭ އިދާރާތަކަށް އެނގޭއިރު، ހޯމް ސްކޫލިން ބެލެހެއްޓުމަށް ބިލުގައި ކަނޑައަޅާފައިވާ ރެގިއުލޭޓަރީ އޮނިގަނޑު ވަރަށް ބަލިކަށި ކަމަށެވެ.

އެގޮތުން، މި ކަންކަން ބެލެހެއްޓުން ރަށު ކައުންސިލްތަކާ މަތިކޮށްފައިވީ ނަމަވެސް، ކައުންސިލްތަކުގެ ބާރުތައް ކަނޑުވާލައި، ރިސޯސްތަކާއި ބްލޮކް ގްރާންޓު މަދުކުރަމުންދާ ދަނޑިވަޅެއްގައި މިފަދަ ނިޒާމެއް ހަގީގީ މާނައިގައި ހިންގިދާނެކަމާމެދު އޭނާ ސުވާލު އުފެއްދެވިއެވެ.

އެހެންކަމުން މީކާއިލް އެދިވަޑައިގަތީ ބިލު އަނބުރާ ގެންގޮސް، އެޑިއުކޭޝަން މިނިސްޓަރާ މަޝްވަރާކުރުމަށްފަހު އަލުން ހުށަހެޅުމަށެވެ.

މީގެއިތުރުން، ތޮއްޑޫ ދާއިރާގެ މެމްބަރު ހުސެއިން ސަމީރު ފާހަގަކުރެއްވި ގޮތުގައި، މިހާރުވެސް ރާއްޖޭގައި ދުވާލެއްގެ މައްޗަށް 5,000 އަށްވުރެ ގިނަ ކުދިން ސްކޫލަށް ނުގޮސް ތިބިއިރު، އޭގެ ނަތީޖާއެއްގެ ގޮތުން 19 އަހަރާއި 25 އަހަރާ ދެމެދުގެ 13,000 އަށްވުރެ ގިނަ ޒުވާނުން ވަޒީފާއެއް ނެތި ތިބިކަމީ ކަންބޮޑުވާންޖެހޭ ކަމެކެވެ.

ފަންނީ ބޭފުޅުންގެ ހިޔާލު ނުޯދައި ބިލު މިގޮތަށް ފާސްވެއްޖެނަމަ، ތައުލީމަށް ދޭ އަހައްމިއްޔަތުކަން ކުޑަވެ، ސްކޫލަށް ނުދާ ކުދިންގެ އަދަދު އިތުރުވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެއާއެކު، ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު ވަނީ ހޯމް ސްކޫލިން ދިނުމުގެ އަސާސީ ޝަރުތެއްގެ ގޮތުގައި މާލީ ގާބިލުކަން ހުރުން ހިމަނާފައިވާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަކީ މިހާރުވެސް ބޮޑެތި ހަރަދުތަކެއް ކުރަންޖެހޭ ބަޔަކަށްވާއިރު، މިއީ ތަނަވަސްކަން ނެތް އާއިލާތަކަށް އިތުރު މާލީ ބުރައަކަށް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިދިކޮޅު މެމްބަރުންގެ މި ކަންބޮޑުވުންތަކަށް ރައްދު ދެއްވަމުން ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ މެމްބަރުން ވިދާޅުވީ، މި ބިލަކީ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް، ދިރާސާތަކަށްފަހު ހުށަހަޅާފައިވާ ބިލެއް ކަމަށެވެ.

ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު ވިދާޅުވި ގޮތުގައި، ސަރުކާރުގެ މަގުސަދަކީ މަރުކަޒީ ކުރެވިފައިވާ ތައުލީމީ ނިޒާމު މުޅި ރާއްޖެއަށް ފަތުރައި، ތައުލީމީ ނިޒާމުން ބާކީވެފައިވާ ކުދިންނަށް ފުރުސަތުތައް ފަހިކޮށްދިނުމެވެ.

އަދި ހޯމް ސްކޫލިން ޕްރޮގްރާމްތައް މޮނިޓާ ކުރެވޭނެ ގޮތްތައް ބިލުގައި ހިމެނިފައިވާނެ ކަމަށާއި، ކޮމިޓީ މަރުހަލާގައި ގެންނަންޖެހޭ އިސްލާހުތައް ގެންނާނެ ކަމަށްވެސް ސަރުކާރު މެމްބަރުން ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް